ރަޖިސްޓަރީ ކޮށްފައިވާ މީޑިއާތަކުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ، އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް ދައުލަތުގެ ބަޖެޓުން މި އަހަރު ދޭން ހަމަޖައްސާފައިވާ މާލީ އެހީތެރިކަމަށް އެދި އަންނަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. 

މާލީ އެހީއަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅާނީ "ވަންގަވް"ގައި ގާއިމްކޮށްފައިވާ 'މީޑިއާއެޕް' ބޭނުންކޮށްގެންނެވެ.

ފޯމުތައް އިވެލުއޭޓުކޮށް، ޝަރުތު ހަމަވާ ފަރާތްތަކަށް މި އަހަރު ނިމުމުގެ ކުރިން އެ ފައިސާ ދޭނެ އެވެ. 

އެ އުސޫލު ކުރިން އޮތް ގޮތުން، މާލީ އެހީއަށް އެދެވޭނީ ރަޖިސްޓްރީކޮށް ހިންގާތާ ތިން އަހަރު ވުމުންނެވެ. 

ނަމަވެސް، މި ފަހަރު ގެނައި ބަދަލުން މީޑިއާއެއް ރަޖިސްޓްރީކޮށްގެން ހިންގާތާ އެއް އަހަރުވުމުން ވެސް މާލީ އެހީއަށް އެދެވޭނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދޭން ފުރަތަމަ ހަވާލުވީ ޔޫތު މިނިސްޓްރީންނެވެ. އެކަމަކު، މީޑިއާ ކޮމިޝަން އުފެއްދުމުން އެ މަސައްކަތާ ކޮމިޝަނުން ހަވާލުވީ އެވެ.

އުސޫލުގައިވާ ގޮތުން މީޑިއާތަކަށް ދޭނީ ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ. މި އަހަރަށް ކަނޑައަޅާފައިވަނީ 35.1 މިލިއަން ރުފިޔާ އެވެ.