ބޮލީވުޑްގެ ތަރި އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަންގަނާ ރަނާވަތު އާ ފިލްމުގެ މަސައްކަތް ފަށައިފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނީ ކަންގަނާގެ އާ ފިލްމުގެ ނަމަކީ "ބާރަތު ބާގްޔަ ވިދާތާ" ކަމަށެވެ. އެ ފިލްމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ފިލްމުގެ ސެޓުގެ ތައްޔާރީތައް ބަލައިލަން މިދިޔަ ހޯމަ ދުވަހު ކަންގަނާ އެތަނަށް ވެސް ގޮސްފައިވާ ކަމަށް ނޫސްތަކުގައި ބުންޏެވެ.

ސިޔާސީ ދާއިރާގެ ކަންކަމުގައި ވެސް ބުރަކޮށް އުޅޭ ކަންގަނާ އެ ފިލްމުގެ ސެޓަށް ގޮސް އުޅޭ ތަން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އޭނާގެ އަމިއްލަ އިންސްޓަގްރާމްގައި ވެސް ވަނީ ހިއްސާކޮށްފަ އެވެ. 

ކަންގަނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "މަނިކަރްނީކާ ފިލްމްސް" އިން އުފައްދާ އެ ފިލްމާ ގުޅޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. 

ކަންގަނާ ލީޑް ރޯކު ކުޅޭ "ބާރަތު ބާގްޔަ ވިދާތާ"ގެ މަސައްކަތް މި ފެށީ އެ ފިލްމު އިއުލާންކުރިތާ ގާތްގަނޑަށް ދެ އަހަރު ފަހުންނެވެ. 

ކަންގަނާގެ އެންމެ ފަހުގެ ފިލްމަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ހަޔާތަށް ބިނާކޮށް މިދިޔަ އަހަރު ގެނެސްދިން "އިމަޖެންސީ" އެވެ. މާ ބޮޑު ތަރުހީބެއް ނުލިބުނު އެ ފިލްމަކީ ބޮކްސް އޮފީހުގައި ފްލޮޕެކެވެ. 

ބޮލީވުޑްގެ އާ ފިލްމެއްގެ މަސައްކަތް ކަންގަނާ ފެށިއިރު، އޭނާ ވަނީ ހޮލީވުޑް ފިލްމެއް ވެސް ކުޅެން ސޮއިކޮށްފަ އެވެ. އެއީ ހޮލީވުޑްގެ ތަރިން ކަމަށްވާ ޓައިލާ ޕޯސޭ އާއި ސްކާލެޓް ރޯޒް ސްޓޭލަންއާ އެކު އޭނާ ކުޅޭ ބިރުވެރި ފިލްމެއް ކަމަށްވާ "ބްލެސްޑް ބީ ދަ އީވިލް" އެވެ. އެ ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ މި އަހަރުގެ ކޭންސް ފިލްމު ފެސްޓިވަލުގަ އެވެ.