ލަންޑަން (ޖެނުއަރީ 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރު ވެއްޖެ އެވެ.

ލިވަޕޫލްގެ ކޮނޯ ބްރެޑްލީ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، މެޗު ނިމެނިކޮށް އާސެނަލްގެ ޑިފެންޑަރު ގެބްރިއެލް މަގަޅޭސް އަށް ކޯނަރަކުން ލިބުނު ފުރުސަތުގައި އޭނާއަށް މާ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ.

މިއާ އެކު ވެސް އާަސެނަލް ލީގުގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ ހަ ޕޮއިންޓް ކުރީގަ އެވެ. އެއީ 21 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް ލީގުގެ ހަތަރުވަނައިގައި އޮތީ އާސެނަލް އަށް ވުރެ 14 ޕޮއިންޓް މަދުކޮށެވެ. ދެވަނައިގައި އޮތް ސިޓީ އާއި ތިންވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ވަނީ 43 ޕޮއިންޓް ލިބިފަ އެވެ.

ލިވަޕޫލްގެ ބްރެޑްލީ ފޮނުވާލި ހަމަލާ.-- ފޮޓޯ: އޭއެފްޕީ
ލިވަޕޫލްގެ ބްރެޑްލީ ފޮނުވާލި ހަމަލާ.-- ފޮޓޯ: އޭއެފްޕީ

އާސެނަލަށް ޕޮއިންޓެއް މި ގެއްލުނީ ލީގުގެ ފަސް މެޗަށް ފަހު އެވެ. ކުރިން ކުޅުނު ފަސް މެޗު ވެސް އެ ޓީމު ކާމިޔާބު ކުރި އެވެ.

ނަމަވެސް ލިވަޕޫލް ވަނީ ލީގުގައި ބަލި ނުވެ ނުވަ މެޗު ހަމަކޮށްފަ އެވެ. މީގެ ތެރެއިން މޮޅު ވެފައި ވަނީ ހަތަރު މެޗުންނެވެ. ފަސް މެޗުން ވަނީ ބަލިވެފަ އެވެ. ރޭގެ މެޗާ އެކު އެންމެ ފަހުން ކުޅުނު ތިން މެޗު އެއްވަރުވެފައިވެ އެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ވަނީ ވަނީ އާސެނަލްގެ އެޓޭކުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. ލިވަޕޫލަށް ގޯލެއް ނުޖެހުނު ނަމަވެސް ކުޅުންތެރިން ދަނޑުމަތީގައި ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު އާނޭ ސްލޮޓް ވަނީ ތައުރީފް ކޮށްފަ އެވެ.