ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ގައުމީ އަންހެން ފުޓްސަލް ޓީމު ތަފާތު ބޮޑު ނަތީޖާތަކަކުން ބަލިވީ އެވެ. އެއާ އެކު އާދައިގެމަތިން ސޯޝަލް މީޑިއާ ބަންޑުންކޮށްލީ މަލާމާތާއި ފުރައްސާރައިންނެވެ. ދިވެހިން ދިވެހިންގެ ޓީމަށް އަމާޒުކުރާ މި ހަމަލާތައް އާންމު ކަމަކަށް ވެއްޖެ އެވެ.   

މޮޅު ނުވާ ނަމަ ފާޑު ކިޔަން ޖެހެ އެވެ. ޕްރެޝަރު ވެސް ކުރަން ޖެހެ އެވެ. އެކަމަކު އަންހެން ފުޓްބޯޅަ ޓީމަށް ނަމަ، މި މަލާމާތާއި ފުރައްސާރަ އެތައް ދަރަޖައެއް މައްޗެވެ.  

މި މަލާމާތަށް އަހަރުތަކެއް ވެއްޖެ އެވެ. މުޅި ޓީމަށާއި ވަކިވަކި އަންހެން ކުޅުންތެރިންނަށް ވެސް މި ފުރައްސާރައާ ކުރިމަތިލާން ޖެހެ އެވެ. ގައުމީ ކީޕަރު އާމިނަތު ލީޒާ، ކުރިން ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ފުޓްބޯޅަ ކެރިއާ ފެށިފަހުން އަޑު އަހަން ނުކުރޭ ޒާތުގެ ބަސްތައް ވެސް އަމާޒުވެ އެވެ. 

"ކުޅޭތަން ފެނުނީމާ ބަލަން ތިބޭ މީހުން ވަރަށް އެއްޗިހި ގޮވާނެ ގޯލް ދާގަނޑުގެ ފުރަގަހުގައި ތިބެގެން. އަޑުއަހަން ނުކެރޭ ޒާތުގެ ހަޑި ހުރުތު އެއްޗިހި ގޮވާލާނެ،" ސެޕްޓެމްބަރު 2021 ގައި "މިހާރު" އަށް ދިން އިންޓަވިއުގައި ލިޒީ ބުންޏެވެ. 

ގައުމީ އަންހެން ޓީމުގެ ގޯލް ކީޕަރު ލީޒާ
ގައުމީ އަންހެން ޓީމުގެ ގޯލް ކީޕަރު ލީޒާ

އޭނާ ބުނި ގޮތުގައި އަންހެން ފުޓްބޯޅަ މެޗެއްގައި ކުޅުންތެރިޔާ، ދަނޑުމައްޗަށް ވެއްޓުނަސް ދުރުގައި ބަލަން ތިބޭ މީހުން ބާރުބަރަށް ހިނގަނޑު ޖަހާލައި ހަޅޭއްލައްވަނީ ވެސް މަލާމާތަށް ކަމަށެވެ. ލިޒީ ބުނި ގޮތުގައި ކީޕަރަކަށް އޭނާ ކުޅެން ފެށީ ވެސް އެ މާލާމާތުގެ ވިހައިން ސަލާމަތް ވުމަށެވެ.

"ހިތަށް އެރި ކީޕަރު ވެއްޓުނަކަސް އެހެން މީހުން މަލާމާތެއް ނުކުރާނެ ނޫންހޭ. އެހެންވީމާ ކީޕަރަކަށޭ ކުޅޭނީ. އަނެއް ދުވަހު ޕްރެކްޓިހަށް ގޮސް ކޯޗު ކައިރީގއި ބުނިން ލިޒީ ކުޅޭނީ ކީޕަރަކަށޭ،" އޭނާ ބުނެފައި ވެ އެވެ.

މިދިޔަ މަހު ނިންމާލި އެފްއޭއެމްގެ އަންހެން ފުޓްބޯޅަ ލީގުގެ ޗެމްޕިއަންކަން މާޒިޔާއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ލިޒީ ބުނީ އަންހެނުން ފުޓްބޯޅަ ކުޅުމަކީ ގިނަ މީހުންނަށް ބަލައިގަނެވޭ ކަމަކަށް ނުވާ ކަމަށެވެ.  ގިނަ ބައެއްގެ ބޮލަށް ވަދެފައި އޮތީ ފުޓްބޯޅައަކީ ފިރިހެނުންގެ އެކަނި ކުޅިވަރެއްގެ ގޮތުގަ އެވެ. އަންހެނަކު ފުޓްބޯޅަ ކުޅެޔޭ ބުނެފިނަމަ ވެސް އެކަން ވަނީ އައިބު ކަމަކަށެވެ. 

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކެޕްޓަން، ފާތިމަތު ސާލިޔާ، "މިހާރު" އަށް ކުރިން ދިން އިންޓަވިއުއެއްގައި ބުނީ ފުޓްބޯޅަ ކުޅެން ފެށުމުން "ތިއީ ފިރިހެނެއް ހެއްޔޭ" ވެސް ވެސް ބައެއް މީހުން މަލާމަތަކަށް ގޮވި ކަމަށެވެ.

މިއީ އަންހެން ފުޓްބޯޅައިގެ ކޮންމެ ކުޅުންތެރިޔަކަށް ކުރިމަތިލާން ޖެހިފައިވާ ވިހަ ބަސްތަކެވެ.

އަންހެން ފުޓްބޯޅަ ލީގުގައި އޮޑި ސްޕޯޓްސްގެ ކެޕްޓަންގެ ގޮތުގައި ސާލިޔާ: --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަންހެން ފުޓްބޯޅަ ލީގުގައި އޮޑި ސްޕޯޓްސްގެ ކެޕްޓަންގެ ގޮތުގައި ސާލިޔާ: --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަންހެނުން ފުޓްބޯޅަ ވެސް ކުޅެ އެވެ. އަދި އެ ކުޅިވަރުން ގައުމަށް މެޑަލް ވެސް ހޯދައިދެ އެވެ. އަންހެން ފުޓްބޯޅައިގައި ރާއްޖެއަށް ފުރަތަމަ މެޑައްޔެއް ހޯދައިދިން ކޯޗު މުހައްމަދު އާތިފް، މިދިޔަ އަހަރު ޖުލައި މަހު ބުނެފައި ވަނީ ރާއްޖޭގައި އޮންނަ ގަބޫލުކުރުންތަކުގެ ސަބަބުން އަންހެން ފުޓްބޯޅަ ކުރިއަރުވަން ގޮންޖެހުންތައް އެބަހުރި ކަމަށެވެ. 

އެ ގޮންޖެހުންތައް ގިރާކުރެވޭނެ ގޮތްތައް ހޯދަން ޖެހެ އެވެ. ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމު (ނިޒާންބެ) ބުނި ގޮތުގައި އަންހެން ފުޓްބޯޅަ އަށް އިސްކަންދޭންޖެހޭނެ ކަމަކަށް ފުޓްބޯޅައިގައި އުޅޭ ބައެއް މީހުންނަށް ވެސް އެއްބަސްނުވެ ވެއެވެ.

އަންހެން ފުޓްބޯޅައާ މެދު އެހާ ނެގެޓިވް ވިސްނުމެއް ރާއްޖޭގައި ގެންގުޅެނީ ދީނީ ގޮތުން ވިސްނާ ވިސްނުމެއްގެ ސަބަބުންކަމަށް ވެދާނެހެއްޔެވެ؟ އެ ސުވާލަށް ނިޒާމު ބުނީ އެފަދަ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. 

"ސައުދީ [އަރަބިއްޔާ] ތަންތަނުގައި ވެސް އަންހެން ފުޓްބޯޅަ ކުޅެމުންދާތަން މީހުންނަށް އެބަ ފެނޭ. އަނެއްކާ ހަމަ ރަނގަޅަށް ނިވާވެގެން ފުޓްބޯޅަ ވެސް އެބަ ކުޅެވޭ. އެހެންވީމާ ހިއެއްނުވޭ ދީނީ ވިސްނުމަކާ ހެދިހެނެއް،" ނިޒާމު ބުންޏެވެ. 

އޭނާ ބުނީ އަންހެން ފުޓްބޯޅަ އަށް، އެފްއޭއެމުން ވެސް ދޭންޖެހޭ އަހަމިއްޔަތުކަން ނުދީ އަހަރުތަކެއް ފާއިތުވެއްޖެ ކަމަށެވެ.

އެފްއޭއެމުން މިފަހަރު ބޭއްވި އަންހެން ފުޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާގެ ޓީމު: އެއީ 10 އަހަރަށް ފަހު އަންހެން ފުޓްބޯޅައިގެ ގައުމީ ފެންވަރުގެ ފުރަތަމަ މުބާރާތް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެފްއޭއެމުން މިފަހަރު ބޭއްވި އަންހެން ފުޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާގެ ޓީމު: އެއީ 10 އަހަރަށް ފަހު އަންހެން ފުޓްބޯޅައިގެ ގައުމީ ފެންވަރުގެ ފުރަތަމަ މުބާރާތް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފުޓްބޯޅަ އަށް ވުރެ މާ ފަހުން ރާއްޖެއަށް ތައާރަފުވި ބައެއް ކުޅިވަރުތަކުން ވަނީ އެ ކުޅިވަރުތައް ދެ ޖިންސަށް ހާއްސަކުރުމަށް މަސައްކަތްތަކެއްކޮށް ކާމިޔާބު ހޯދައިފަ އެވެ. އޭގެ މިސާލަކީ ހޭންޑްބޯޅަ އެވެ. ގައުމީ އެސޯސިއޭޝަނެއްގެ ދަރަޖަ ހޭންޑްބޯޅަ އެސޯސިއޭޝަނަށް ލިބުނުތާ ވެސް އަދި މިވީ 10 އަހަރެވެ. އެކަމަކު އެ އެސޯސިއޭޝަނުން ވަނީ ރާއްޖޭގެ ދެ ޖިންސަށް ވެސް އެ ކުޅިވަރު ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ކުޅިވަރުގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ރާއްޖޭގެ އަންހެނުންގެ މެދުގައި އެންމެ ގިނައިން މިހާރު ކުޅޭ ކުޅިވަރަކީ ހޭންޑްބޯޅަ އެވެ. ރަށްރަށާއި އަތޮޅު ފެންވަރުގައި ވެސް ހޭންޑްބޯޅަ މުބާރާތްތައް ކޮންމެ އަތޮޅެއްގައިހެން ބާއްވަ އެވެ. އެއީ ހޭންޑްބޯލް މޯލްޑިވްސްއިން އެކަމަށް އިސްކަންދީގެން ކުރި މަސައްކަތުގެ ނަތީޖާ އެވެ. 

"އެގްޒެކްޓްލީ އެއީ އެ މަސައްކަތް އެގޮތަށް ކުރީމަ،" އަންނުންގެ މެދުގައި އެންމެ ގިނައިން ކުޅޭ ކުޅިވަރަކީ ހޭންޑްބޯޅަ ކަމަށް ފާހަގަ ކުރުމުން، ނިޒާމު ބުންޏެވެ.

ގައުމީ ފެންވަރުގެ މުބާރާތްތަކުގައި އަންހެނުން ވާދަކުރަން ފެށި އެންމެ ފަހު ކުޅިވަރަކީ ސާފިން އެވެ. ޑިސެމްބަރު 2021 ގައި ބޭއްވި ގައުމީ ސާފިން މުބާރާތުގައި އަންހެން ރާޅާއެޅުންތެރިން ވާދަކުރަން ފެށި، އެ ކުޅިވަރުގައި މިހާރު ވަނީ އަންހެން ރާޅާއެޅުންތެރިންގެ ޖޫނިއާ ގައުމީ ޓީމެއް ވެސް އެކުލަވާލާފަ އެވެ. އަދި އަންހެން ސާފަރުން އިސްނަގައިގެން ތަމްރީނުކުރާ ޖޫނިއާ އަންހެން އަދި ފިރިހެން ޕޫލެއް ވެސް ސާފިންގެ ކޮމިޔުނިޓީގައި އެބައޮތެވެ. 

އަންހެން: ފުތްސަލް ޓީމު: މިއަދު ނޭޕާލާ ދެކޮޅަށް ނުކުތުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ސާފް
އަންހެން: ފުތްސަލް ޓީމު: މިއަދު ނޭޕާލާ ދެކޮޅަށް ނުކުތުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ސާފް

އެކަމަކު، ފުޓްބޯޅައިގައި އެ ފުރުސަތާއި ޖާގަ ވެސް އަންހެނުންނަށް އޮތީ ނުލިބި އެވެ. އެފްއޭއެމުން މިފަހަރު އަންހެން ލީގު ވެސް ބޭއްވީ އަންހެން ފުޓްބޯޅައިގައި ގައުމީ ފެންވަރުގެ މުބާރާތެއް ވެސް ނުބާއްވާތާ 10 އަހަރު ފަހުންނެވެ.

އެ އެސޯސިއޭޝަނުން އަންހެން ފުޓްބޯޅައިގައި މަސައްކަތްކޮށްފައި އޮތީ ހަމައެކަނި ނަމަކަށެވެ. ފީފާ އާއި އޭއެފްސީން ފޯރުކޮށްދޭ ފައިސާގެ ތެރެއިން އެއްބަޔަކީ  އަންހެން ފުޓްބޯޅަ ކުރިއެރުމަށް ދޭ ފައިސާ އެވެ. އެ ފައިސާ ދޭނީ، އޭގެ ކުރިން އަންހެން ފުޓްބޯޅައަށް ކުރި މަސައްކަތެއް ކުރި ނަމަ އެކަން ކުރިކަން ހާމަކުރުމުންނެވެ. އެހެންވެ ފަންޑު ހޯދަން ކްރައިޓީރިއާ ފުރިހަމަކޮށްލުމުގެ ގޮތުން ކޮށްފައި އޮތް ކަމެއް ނޫނީ ނެތެވެ.

"[ފީފާ އާއި އޭފްސީ އަށް ހުށަހަޅާ] ރިޕޯޓްގައި އެހެން ޖަހާލަން ކުރާކަމެއްގެ ގޮތުގައި ކޮށްފައި އޮތީ. އެ ފައިސާ ލިބެން [ޝަރުތުހަމަވާ] ވަރަށް ކްރައިޓީރިއާ ފުރިހަމަކޮށްލަން ކުރާކަމެއްގެ ގޮތުގައި އޮންނަނީ،" އެފްއޭއެމްގެ އަންހެން ފުޓްބޯޅަ ޑިޕާޓްމެންޓްގައި ކުރިން މަސައްކަތް ކުރި އޮފިޝަލަކު ބުންޏެވެ. 

ނިޒާމު ބުނީ މީގެ ކުރިން ވެސް ރަނގަޅު މަސައްކަތްތަކެއް އަންހެން ފުޓްބޯޅަ އަށް އެފްއޭއެމުން ފެށި ކަމަށެވެ.

އޭގެ މިސާލަކަށް އޭނާ ދެއްކީ އެފްއޭއެމުން ކުރިން ފެށި "ގާލްސް އެކަޑަމީ" އެވެ. އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި ފެށި އެ މަސައްކަތް ވެސް ފަހަތަށް އޮބާލައިގެން ދިޔައީ އެވެ. އޭނާގެ ދައުރުގައި މުޅި ފުޓްބޯޅަ އަޑިގަނޑަށް ވެއްޓުނު ގޮތަށެވެ.

އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގައި އަންހެން ފުޓްބޯޅައިން ލޯ މެޑަލް ހޯދި ރާއްޖޭގެ ޓީމު: އެއީ އަންހެން ފުޓްބޯޅަ ޓީމުން ހޯދި ދެވަނަ މެޑަލް --- ފައިލް ފޮޓޯ: އެމްއޯސީ
އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގައި އަންހެން ފުޓްބޯޅައިން ލޯ މެޑަލް ހޯދި ރާއްޖޭގެ ޓީމު: އެއީ އަންހެން ފުޓްބޯޅަ ޓީމުން ހޯދި ދެވަނަ މެޑަލް --- ފައިލް ފޮޓޯ: އެމްއޯސީ

ނިޒާމް ބުނީ އެ އެކަޑަމީ ފަށައިގެން ކުރިއަށް ދިޔަ މުއްދަތުގައި ބެލެނިވެރިންގެ ވިސްނުން ވެސް ބަދަލުވާން ފެށި ކަމަށެވެ. އެހެން ކުޅިވަރުތަކަށް އަންހެން ކުދިން ގެންދާ އުސޫލުން އެފްއޭއެމްގެ އެ އެކަޑަމީ އަށް ވެސް ކުދިން ގެންދިޔަކަމަށް އޭނާ ބުންޏެވެ.  އެކަމަކު އެކަން ހުއްޓުނީ އޭނާ ބުނި ގޮތުގައި "ސިސްޓަމެޓިކް ގޮތަކަށް ޕްލޭނަކާ އެކު ކުރިއަށް ނުގެންދާތީ" އެވެ. 

އެކަމަކު އަންހެން ފުޓްބޯޅައާ މެދު ދިވެހިންގެ ވިސްނުން ބަދަލު ކުރެވިދާނެކަމުގެ އުއްމީދު، މިފަހަރު އެފްއޭއެމުން ބޭއްވި އަންހެން ފުޓްބޯޅަ ލީގުން ފެނުނު ކަމަށް ނިޒާމު ބުންޏެވެ. 

"އަންހެން ލީގު އިންތިޒާމުތައް ވެސް ރަނގަޅު. އެ މުބާރާތަށް ޓީމުތަކުގެ ތައްޔާރީތައް ވެސް ރަނގަޅު. މީތި ނުހުއްޓި ކޮންމެ އަހަރަކު ކޮންޓިނިއު ކުރެވެންޏާ ވަރަށް ހޯޕް އެބައޮތް. ޕަބްލިކް މި ވިސްނުންތައް ވެސް ބަދަލު ކުރެވޭނެކަމުގެ،" ނިޒާމު ބުންޏެވެ. 

މިއީ އަންހެން ކުޅުންތެރިންގެ ވެސް އުއްމީދެވެ. ރާއްޖޭގެ އެހެން ކުޅިވަރުތަކުގައި އަންހެން އެތުލީޓުންނަށް ގޮންޖެހުމެއް ނެތި ވާދަކުރެވޭ ފަދައިން ފުޓްބޯޅައިގައި ވެސް ވާދަވެރިކަމާ އެކު ހަމަޖެހިލައިގެން ބައިވެރިވެވޭނެ ޖާގަ އަންހެން ކުޅުންތެރިންނަށް ވެސް ބޭނުންވެ އެވެ.