ގިނަ ބަޔަކު މޫދަށް އެރޭ ރަސްފަންނުގެ މޫދުގެ ތެރެއިން ތޫނު އިތާތަކެއް ފެނިއްޖެ އެވެ.
ގިޔާސުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަނީ ރަސްފަންނު މޫދުގައި ގިނަ އަދަދަކަށް ތޫނު އިތާ އެބަ ހުރި ކަމަށާއި އެހެންވެ ސަމާލުވުމަށް އެދިފަ އެވެ.
ޕޯސްޓާ އެކު މުސްތަފާ ވަނީ އޭނާ އެ ސަރަހައްދުގައި ފީނައިގެން ނަގާފައިވާ ބައެއް އިތާތަކުގެ ފޮޓޯ ވެސް އާންމުކުރައްވައިފަ އެވެ. އެއީ ކޮޅު ވަރަށް ތޫނުކޮށް ހުންނަ "ފޭން ކްލޭމް" އެވެ.
މުސްތަފާ ވިދާޅުވީ އިތާތައް ހުރީ މޫދުގެ ވެލިގަނޑުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައި ކަމަށެވެ. އެއީ ވަރަށް ތޫނުކޮށް ހުންނަ އެއްޗަކަށް ވާތީ، މޫދުގެ ވެލިގަނޑުމަތިން ހިނގާއިރު އެއަށް އެރި ފައި ކަނޑައިގެން ހިނގައިދާނެ ކަމަށާއި އެހެންވެ ސަމާލުވާން ޖެހޭ ކަމަށް ޕޯސްޓުގައިވެ އެވެ.
އޭނާ ވަނީ އެންމެ ގިނައިން އިތާތައް އޮތް ސަރަހައްދު މެޕެއްގައި ފާހަގަކޮށްދެއްވައިފަ އެެވެ. އެ ފޮޓޯގައިވާ ގޮތުން އިތާ އެންމެ ގިނައިން ޖަމާވެފައި އޮތީ ރަސްފަންނުގެ ރެސްޓޯރަންޓުގެ މޫދާ ދިމާލަށެވެ.
"ހިކިފައި އޮންނައިރު ވަރަށް ގިނަ ބަޔަކު މިތަނުން ހިނގައި އުޅޭނެ. އެހެންވީމަ، ހުސް ފަޔާ އުޅޭ ނަމަ، ތަންކޮޅެއް ސަމާލުވޭ." ޕޯސްޓުގައި ލިޔެފައިވެ އެވެ.
މީގެ އިތާގެ މަސް އެއީ ކެއުމަށް ބޭނުންކުރާ އެއްޗެކެވެ. މުސްތަފާ ލިޔުއްވާފައިވާ ގޮތުގައި ކުޑަ މަސްކޮޅެއް އޮންނަ އެއްޗަކަށް ވިޔަސް ގިނަ ބަޔަކު މި ނަގާ ނަމަ އެތަނުން އެ މަދުކުރެވި، މޫދަށް އެރޭ މީހުންނަށް ނުރައްކާ ކުޑަކުރެވިދާނެ އެވެ.
މޫދު ކަސްރަތުގެ ކްލާސްތައް ވެސް ހިންގާ ރަސްފަންނު ސަރަހައްދަކީ އާންމު ކުޑަކުދިންނާއި ދުވަސްވީ މީހުން ވެސް މޫދަށް ގޮސް އުޅޭ ތަނެކެވެ.