ރާއްޖެއަށް ވަޒީފާ ހޯދަން އަންނަ ބަންގްލަދޭޝްމީހުންނަށް އޮޅުވާލައި ރާއްޖޭގައި އެމީހުންގެ ނާޖާއިޒް ފައިދާ ނަގާތީ، ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު ނަޒްމުލް އިސްލާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ބަންގްލަދޭޝް ސަރުކާރުން އިއްޔެ ނެރުނު ބަޔާނަކާ ހަވާލާދީ "ބަންގްލަދޭޝް މޮނިޓާ" ނޫހުން ބުނީ އެ ގައުމުގެ ހިޖުރަވެރިންނާ މެދު ރާއްޖޭގައި ކަންހިނގާ ގޮތާ މެދު ސަފީރު ކަންބޮޑުވުން ފާޅުކުރެއްވީ ކަސްޓަމްސްގެ ކޮންޓްރޯލާ ޖެނެރަލް އަހުމަދު ފަސީހުއާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ. މަަސައްކަތްކުރަން ރާއްޖެއަށް އަންނަ ބަންގްލަދޭޝްމީހުންނާ މެދު ރާއްޖޭގައި ނިކަމެތިކޮށް ކަންތައް ކުރާކަމުގެ "ސީރިއަސް ކަންބޮޑުވުންތަކެއް" އެ ބައްދަލުވުމުގައި ސަފީރު ފާޅުކުރެއްވި ކަމަށް ވެސް ބަޔާނާ ހަވާލާދީ އެ ނޫހުން ބުންޏެވެ.

ބައްދަލުވުމުގައި ސަފީރު ތުހުމަތުކުރައްވާފައިވާ ގޮތުގައި ރަނގަޅު އުސޫލުން ރާއްޖެއަށް އައުމަށް ފަހު އެ މީހުންނަށް ލިބޭނެ ކަމަށް ވައުދުވި ވަޒީފާގެ ފުރުސަތު ނެތިގެން އެ މީހުން ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓި، އެ މީހުންގެ ނާޖާއިޒް ފައިދާ ނަގަން މަގުފަހިވުން ފަދަ ކަންތައްތައް ވެސް ރާއްޖޭގައި ހިނގަ އެވެ.

ކޮންޓްރޯލާ ފަސީހާ އެކު ސަފީރު ބޭއްވެވި ބައްދަލުވުމުގެ އަމާޒަކީ ބަންގްލަދޭޝްގެ ހިޖުރަވެރިންގެ ހައްގުތައް  ހިމާޔަތްކޮށް، އެ މީހުންނަށް ފާގަތިކަމާއި އަބުރުވެރިކަމާ އެކު އުޅެވޭނެ ގޮތެއް ހޯދުން ކަމަށް ވެސް ބަންގްލަދޭޝް މޮނިޓާ ނޫހުން ބުންޏެވެ.

އެކަމަށްޓަކައި ސަފީރު އެދިވަޑައިގެންނެވީ މީހުން ރެކްރޫޓްކުރުމުގައި އޮޅުވާލުމާއި ހުއްދަ ނޫން ގޮތްތަކަށް އަމަލުކުރުން ހުއްޓުވަން ކުރާ މަސައްކަތް ހަރުދަނާ ކުރުމަށާއި މަސައްކަތްތެރިންނަކީ އެޖެންޓުންނާއި ވަޒީފާ ދޭ މީހުންގެ އޮޅުވާލުންތަކުގެ ޝިކާރައަކަށް ވިޔަ ނުދިނުމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގައި މީހުންނާ ސުވާލު ކުރަނީ. --ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގައި މީހުންނާ ސުވާލު ކުރަނީ. --ފޮޓޯ: އިމިގްރޭޝަން

"މަސައްކަތްތެރިންނަށް އުޖޫރަދޭކަން ކަށަވަރުކުރަން މޮނިޓާކުރުމާއި އެ މީހުންނަށް އަތްފޯރާ އަގެއްގައި އެކަށީގެންވާ ސިއްހީ ފަރުވާ ލިބިދިނުމުގެ މުހިއްމުކަން އޭނާ [ސަފީރު ނަޒުމުލް އިސްލާމް] ފާހަގަކުރެއްވި،" ބަންގްލަދޭޝް މޮނިޓާގެ ހަބަރުގައިވެ އެވެ.

ރާއްޖޭގައި މަސަައްކަތްކުރާ ބަންގްލަދޭޝްމީހުންނަށް ރައްކާތެރި ބޭންކިން ނިޒާމެއްގެ ހިދުމަތް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި އޮތް ޑޮލަރު ލިބުން ދަތިވުމުގެ މައްސަލައިގެ ސަބަބުން މަސައްކަތްތެރިންނަަށް މާލީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މީހުން ފާސްކުރަނީ. --ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މީހުން ފާސްކުރަނީ. --ފޮޓޯ: އިމިގްރޭޝަން

ބަންގްލަދޭޝް ސަފީރު ކަންބޮޑުވުންތައް ފާޅުުކުރައްވާފައި މިވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި އެހެން ގޮތް ގޮތުން ގަވައިދާ ހިލާފުވާ ބިދޭސީން ހޯދައި ހުއްޓުވަން މޯލްޑިވްސް އިމިގްރޭޝަނުން ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުންދާ ވަގުތެއްގަ އެވެ. 

ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅޭ އިރު އެެންމެ ގިނައީ ބަންގްލާދޭޝް މީހުންނެވެ.