ހުއްދަ ނެތް ފާމަސީތަކާއި ލައިސެންސް ނެތި ފާމަސިސްޓުން ބޭސް ވިއްކާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.
އެ އޮތޯރިޓީން ކުރި އިއުލާނުގައި ބުނީ ރާއްޖެއަށް ބޭސް އިމްޕޯޓުކޮށް ވިއްކޭނީ އެކަމުގެ ހުއްދަ ލިބިގެން ކަމަށެވެ.
ނަމަވެސް، އެއާ ހިލާފަށް މި ފަހަކަށް އައިސް ބައެއް ތަންތަނުގައި ބޭސް ވިއްކަމުންދާތީ، އެކަން ހަނދާންކޮށްދިނުމަށް އެމްއެފްޑީއޭއިން ނެރުނު އިއުލާނުގައި ބުނީ ފާމަސީތަކުގައި އެ އޮތޯރިޓީން ދޫކުރާ "ބޭސް ވިއްކުމުގެ ހުއްދަ" ނެތި ބޭސް ވިއްކުމާއި ހުއްދަ ނެތް ފާމަސިސްޓުން ނެތި މަސައްކަތްކުރުމަކީ ވެސް މަނާކަމެއް ކަމަށެވެ.
އެއާ ހިލާފަށް މަސައްކަތްކުރާ ތަންތަނާއި މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިއުލާނުގައި ވެ އެވެ.
އޭގެ އިތުރުން ފާމަސީތަކުން ބޭސް ނަގާއިރު ބައެއް ކަންކަމަކީ އަމިއްލަ މީހާގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށް ވާތީ އަމިއްލަ ޒިންމާ ނެގުމަށް ވަނީ އެދިފަ އެވެ. އޭގެ ތެރޭގައި؛
- ފާމަސީއަކީ ބޭސް ވިއްކުމުގެ ހުއްދަ އޮތް ފާމަސީއެއްކަން ކަށަވަރުކުރުމަށްޓަކައި ބޭސް ވިއްކުމުގެ ހުއްދަ ފާމަސީގައި ހަރުކޮށްފައިވޭތޯ ބެލުން
- ބޭސް ދޫކުރަނީ ހުއްދަ އޮތް މީހެއްކަން ކަށަވަރުކުރަން އެމްއެފްޑީއޭއިން ދޫކޮށްފައިވާ ފާމަސިސްޓު އައިޑީކާޑު އަޅާފައިވޭތޯ ބެލުން
- މުއްދަތު ހަމަނުވާ ބޭސް ނެގިތޯ ކަށަވަރުކުރަން ބޭހުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީހު ބެލުން
- ބޭސް ބޭނުންކުރަން ވީ ގޮތުގެ އިރުޝާދު ރަނގަޅަށް ކިޔައި ސާފުކޮށް ލިޔެފައިވޭތޯ ބެލުން
- ބޭސް ޕެކްކޮށްފައި ހުރީ ރަނގަޅަށްތޯ ބެލުން
އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން އެމްއެފްޑީއޭގެ ހޮޓްލައިން 7200321 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.