ފަލާހު ޕްރީސްކޫލަށް 50 އަހަރު ފުރިއްޖެ އެވެ.
ފަލާހު ޕްރީސްކޫލަކީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް ފަލާހުގެ ދަށުން ހިންގަމުން އަންނަ ސްކޫލެކެވެ. އެ ޖަމިއްޔާއަކީ 1961 ވަނަ އަހަރު ސަރުކާރުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާގެ ބާނީއަކީ މަރްހޫމް، އަބޫބަކުރު އިބްރާހިމެވެ.
އެ ސްކޫލުގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް، ޒުބޭދާ އަބޫބަކުރު، "މިހާރު" އަށް ވިދާޅުވީ ސްކޫލަށް 50 އަހަރު ފުރިފައިވަނީ ސްކޫލު ބަންދެއްގައި ކަމުން ކުލަގަދަކޮށް ފާހަގަކުރާނީ ސްކޫލް ހުޅުވުމުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކޫލު ފެށުމާ އެކު ފެއާ އަކާއި ދުވުމެއްގެ އިތުރުން ޑިނާ ނައިޓެއް ވެސް އޮންނާނެ އެވެ. އަދި ރޯދައިގެ ފަހަށް ވެސް އިތުރު ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހިންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށްދޭން ހިންގަމުން އައި ތަފާތު ހަރަކާތްތައް ފުޅާވެ، މަދަރުސަތުލް ފަލާހުގެ ނަމުގައި ސްކޫލެއް އުފެއްދީ ޖެނުއަރީ 20، 1976 ގަ އެވެ. އޭގެ ފަހުން ތުއްތު ކުދިންނަށް ޕްރީސްކޫލު ތައުލީމު ފެށިއިރު އެ ސްކޫލުގެ ނަން ފަލާހު ޕްރީސްކޫލަށް ބަދަލުކުރީ ޑިސެމްބަރު 25، 2001 ގަ އެވެ.
އެ ސްކޫލުން ބުނީ ވަރަށް މަދު އަދަދެއްގެ ދަރިވަރުންނާ އެކު ފެށި އެ ސްކޫލުގައި ނާސަރީ އާއި ބޭބީ ނާސަރީގެ ކްލާސްތައް ހިންގަމުންދާ ކަމަށެވެ. ސްކޫލުގައި މިވަގުތު ކިޔަވައިދެމުން ދަނީ ދެ ދަންފަޅިއަށް ބަހާލައިގެންނެވެ.
ފަލާހު ޕްރީސްކޫލަކީ އެންމެ ފަހުގެ ތަރައްގީ އާއި ޒަމާނަށް އަންނަ ބަދަލުތަކަށް މުދައްރިސުން ތަމްރީނުކޮށް ކިޔަވައިދެމުންދާ ސްކޫލެކެވެ. އެ ސްކޫލުގައި 2015 އިން ފެށިގެން ކިޔަވައިދެމުންދަނީ ގައުމީ މަންހަޖާ އެއްގޮތަށެވެ.