ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ބަންދުކޮށްގެން ޑްރަގް އެތެރެކުރި މައްސަލާގައި ހިމެނޭ އަހްމަދު އަލީ، އެ ތަކެއްޗާ ހަވާލުވާން ދިޔައީ މުދާ ކްލިއާކުރާ މީހެއްގެ ހައިސިއްޔަތުން ކަމަށް އޭނާގެ ފަރާތުން ކޯޓުގައި ބުނި ނަމަވެސް، އެ ފުޅިތައް ސަޕްލައިކުރި މީހުންނާ އޭނާ ބައްދަލުކުރި ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި މިދިޔަ މަހު ހައްޔަރުކުރީ ދެ މީހުންނަކީ ހއ. ހޯރަފުށީ އާފިޔާ، އަހުމަދު އަލީގެ އިތުރުން ގދ. ތިނަދޫ ގޯލްޑަންހައުސް، މުހައްމަދު އާދިލް އެވެ.
އެ ދެ މީހުންގެ ތެރެއިން އާދިލު އިތުރު 10 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު އަމުރި ދީފައިވެ އެވެ.
އަހުމަދު އަލީގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާގެ ވަކީލު ތަކުރާރުކުރީ ކުރިން ވެސް ނެގި ދިފާއު ކަމަށް ކޯޓު އަމުރުން އެނގެ އެވެ. އޭނާގެ ވަކީލު ކޯޓުގައި ވިދާޅުވީ އޭގެ ތެރޭގައި މަސްތުވާތަކެތި ހުރިިކަން އަހުމަދު އަލީއަށް ނޭނގޭ ކަމަށާއި އެނގޭ ނަމަ އެތަކެއްޗާ ހަވާލުވާން ނުދާނެ ކަމަށެވެ.
ނަމަވެސް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ އެ މައްސަލައިގައި ބައިވެރިވާ ފަރާތްތަކާ އަހުމަދު އަލީ މުއާމަލާތްކޮށްފައިވާ ކަމަށާއި މުދާ ގަންނަން އޭނާ އިންޑިއާއަށް ގޮސް އެ މީހުންނާ އޭނާ ބައްދަލުކޮށްފައިވާކަން ތަހުހީގަށް ހޯދިފައިވާ ކަމަށެވެ.
ޑްރަގް ހުރި ފުޅިތައް އެތެރެކުރި "ރާސް މޯލްޑިވްސް" އަކީ އާދިލުގެ ކުންފުންޏެކެވެ. ނަމަވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން، އެ ކުންފުންޏަކީ އުވާލުމުގެ މަރުލާގައި އޮތް ކުންފުންޏެއް ކަމަށާއި އެ ކުންފުނި އަހުމަދު އަލީއަށް ވިއްކާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
އަހުމަދު އަލީ ހައްޔަރުކުރީ ޑިސެމްބަރު 26 ގަ އެވެ. އަދި އާދިލް ހައްޔަރުކުރީ ޑިސެމްބްރު 27 ވަނަ ދުވަހު އެވެ.
އާދިލް ބަންދުކުރަން ކޯޓުން އޭރު ނެރުނު އަމުރުގައިވާ ގޮތުން އެ މަސްތުވާތަކެތި އެތެރެކުރީ އޭނާގެ ކުންފުންޏެއް ކަމަށްވާ ރާސް މޯލްޑިވްސްގެ ނަމުގައި ރާއްޖެ ގެނައި މުދާތަކެއްގެ ތެރޭގަ އެވެ. އާދިލަކީ ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކޮށް، ވިޔަފާރި ހިންގުމަށް މީގެ 16 އަހަރު ކުރިން ރަޖިސްޓަރީ ކޮށްފައިވާ ރާސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ވެސް މެ އެވެ.
ރާސް މޯލްޑިވްސްގެ ނަމުގައި އެތެރެކުރި މުދާތަކުގެ ތެރެއިން ފޮށިގަނޑުތަކެއްގައި ބަންދުކޮށްގެން ހަޝިޝް އޮއިލް އަޅާފައި ހުރި ސިރަޕްފުޅިތަކެއް ހުރިކަން ކަސްޓަމްސް އަށް ފަޅާއެރީ އެ މުދާތައް މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރޭ ފާސް ކުރިއިރު އެވެ.
ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ އެވެ. އޭގެ މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. އެ ފުޅިތައް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރީ 10 ފޮށިގަނޑެއްގައި ބަންދުކޮށްގެންނެވެ.