ދިވެހި ކުޅިވަރުގެ ހިދުމަތްތެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސައިން، ރާއްޖޭގެ ކްރިކެޓަށް ކޮށްދެއްވި ހިދުމަތަށް ރަމްޒީ ރަން މެޑައްޔެއް ދެއްވައިފި އެވެ.
ކްރިކެޓްގައި ރާއްޖޭގެ މިހާރު އެންމެ ކާމިޔާބު ކްލަބްގެ، މިލާން އެކަޑަމީން ޒާހިރުގެ އަގުވަންކޮށް ރަމްރީ ރަން މެޑަލެއް އެރުވީ ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.
އެ ކްލަބުން މިދިޔަ ހަތަރު އަހަރު ހޯދި ކާމިޔާބު ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ޒާހިރުގެ ފަރާތްޕުޅުން އެވޯޑާ ހަވާލުވެ ވަޑައިގަތީ ދަރިކަލުން ވާއިލް ޒާހިރު ހުސައިން އެވެ.
ދިވެހި ކްރިކެޓް ކުޅޭނެ ވަކިތަނެއް ކަނޑައެޅުއްވީ ޒާހިރުގެ ސްޕޯޓްސް މިނިސްޓަރުކަމުގަ އެވެ. އަދި މާފަންނު ސްޓޭޑިއަމްގެ އުތުރު އިރުމަތީކަނުގައި ކްރިކެޓްގެ ބޯޅަ އުކުމާއި ބެޓިންގެ ތަމްރީނުތަކަށް ހާއްސަކޮށް "ކްރިކެޓް ނެޓް" ވެސް ހެއްދެވީ ވެސް ޒާހިރުގެ މިނިސްޓަރުކަމުގަ އެވެ.
މިލާން އެކަޑަމީގެ މަސްއޫލުވެރިޔާ ފަރްހަތު ޖަލީލު ވިދާޅުވި ގޮތުގައި ޑރ. ޒާހިރަކީ ރާއްޖޭގެ ކްރިކެޓް ބަދަލުކޮށްލެވުމަށް އަމަލީގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
"މިހާރު ކްރިކެޓް ދަނޑު އޮތްތަނުގައި ހުސް ފަސްގަނޑެއް އޮތް ދުވަސްވަރުގައި، އޭރު ފުޓްބޯޅައިގެ ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަން ވެސް ކުޅޭނީ އެ ތަނުގައި. އެހެންވެ ކްރިކެޓް ކުޅެން ގިނަ ފުރުސަތެއް ނުލިބޭތީ ޑރ. ޒާހިރު ނިންމެވީ ފުޓްބޯޅަ ކުޅެން އެފްއޭއެމް ކައިރީގައި އޮންނަ ސަރަހައްދަށް ބަދަލުކުރައްވަން،" ފަރްހަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑރ. ޒާހިރުގެ އެ ނިންމެވުމާ އެކު ކޮންމެ ދުވަހަކު ކްރިކެޓް ކުޅުމުގެ ފުރުސަތު އޭގެ ފަހުން ކުޅުންތެރިންނަށް ލިބިގެން ދިޔަ ކަމަށެވެ. ފަހުން އެ ވެލި ދަނޑު "ފެހި" ކުރަން ވެސް އިސްނެންގެވީ ސީދާ ޒާހިރުކަމަށް ފަރްހަތު ވިދާޅުވި އެވެ.
"އެދުވަހު އަޅުގަނޑު ވެސް ހުރި ބައްދަލުވުމެއްގައި ޑރ. ޒާހިރު އަޅުގަނޑުމެންނާ މުހާތަބުކޮށް ވިދާޅުވީ ތިޔަބޭފުޅުން ބޭނުންވޭހޭ ތި ދަނޑު ފެހިކޮށްލަން. އަޅުގަނޑުމެން އާނ އެކޭ ދެންނެވީމަ ދެން ވިދާޅުވި އެހެންވެއްޖެއްޔާ މުއްދަތަކަށް އެ ތަނުގައި ނުކުޅެ މަޑުކޮށްލައްވާށޭ،" ފަރްހަތު ވިދާޅުވި އެވެ.
"ދެން އޭރުގެ ވަކީލު ހާމިދު އަބްދުލްޣަފޫރު ކައިރީ ވިދާޅުވެއްޖެ އެ ތަނުގައި ވިނަ އިންދުމުގެ އިންތިޒާމު ހަމަޖައްސަވާށޭ."
ހާމިދު ވިދާޅިުވީ ޑރ. ޒާހިރަކީ ކުޅުންތެރިންނަށް އަވަސް އިޖާބަ ދެއްވުމަށް އަހަމިއްޔަތުކަން ދެއްވި ކުޅިވަރުގެ ވަޒީރެއް ކަމަށެވެ.
"ކުޅުންތެރިން ކަމަކު އެދިއްޖެއްޔާ އެކަމަކަށް ވަރަށް އަވަހަށް ރެސްޕޯންސް ކުރެއްވި ބޭފުޅެއް. ކްރިކެޓް ނެޓަކީ ވެސް ކުޅުންތެރިން އެކަމަށް އެދުނީމަ ވަރަށް އަވަސް ރެސްޕޯންސެއް ދެއްވައި ކޮށްދެއްވި ކަމެއް،" ޒާހިރުގެ ހިދުމަތްތަކާ ބެހޭގޮތުން ހާމިދު ވިދާޅުވި އެެވެ.
ރޭގެ ރަސްމިއްޔާތުގައިވަނީ މިދިޔަ ހަތަރު އަހަރު ރާއްޖޭގެ ކްރިކެޓް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިލާނަށް ހޯދައި ދިނުމުގައި ހިއްސާ ހުރިހާ ފަރާތްތަކެއްގެ ވެސް އަގުވަޒަކޮށް ހަނދާނީ ފިލާ ދީފަ އެވެ.