ރާއްޖޭގެ ކްރިކެޓަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިލާން ކްރިކެޓް އެކަޑަމީން އެމަނިކުފާނަށް މިއަދު ރަން މެޑެއްޔަކާއި ހަނދާނީ ފިލައެއް އަރުވައިފި އެވެ.

ރައީސް މައުމޫންގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި އެމަނިކުފާނަށް ރަން މެޑަލް ހަވާލުކޮށްދެއްވީ މިލާން ކްރިކެޓް އެކަޑަމީގެ ފައުންޑާ އަދި ރައީސް ފަރުހަތު ޖަލީލް (ފަރޫ) އެވެ.

ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަހުމަދު ޖަލީލްގެ ދަރިކަލުން އަދި ގައުމީ ޓީމަށް ވެސް ކުޅުއްވާފައިވާ ފަރުހަތު ވިދާޅުވީ ކްރިކެޓް ކުރިއަރުވަން އެ އެކަޑަމީން ކުރާ ރަސްމީ މަސައްކަތުގެ އިތުރުން، ކްރިކެޓަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.

"ރައީސް މައުމޫން ވަނީ ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް ވަރަށް ބުރަ މަސައްކަތްތަކެއްކޮށްދެއްވާފައި. ރާއްޖެ އަށް ޓީމް ކުޅިވަރަކުން ލިބުނު ފުރަތަމަ ގޯލްޑް މެޑަލް، އަދި އޭގެ ފަހުން ހޯދި ދެ މުބާރާތް ގައުމީ ޓީމުން ކާމިޔާބުކުރުމުގައި ވެސް ރައީސްގެ ހިއްސާ ވަރަށް ބޮޑު. އެ މަނިކުފާނު ދެއްވި ލަފާފުޅުތަކާއި އިރުޝާދުތަކާ އެކު ކުރިއަށް ގޮސްފައިވަނީ،" ކްރިކެޓް ބޯޑުގެ ނައިބް ރައީސްކަންކުރައްވާފައިވާ ފަރުހަތު ވިދާޅުވި އެވެ.

ރައީސް މައުމޫން (ކ-2) ފަރުހަތު (ކ) އާއި އަނބިކަބަލުން އަދި ކޮއްކޮ އަފްޒަލް ޖަލީލް (ވ) އާ އެކު. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ރައީސް މައުމޫން (ކ-2) ފަރުހަތު (ކ) އާއި އަނބިކަބަލުން އަދި ކޮއްކޮ އަފްޒަލް ޖަލީލް (ވ) އާ އެކު. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ރަސްމިއްޔާތުގައި ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނަށް ކްރިކެޓަށް ކަމެއް ކޮށްދެވިފައިވާ ނަމަ އެކަމެއްގެ އަގުވަޒަންކުރަން، އަމިއްލަ ބަޔެއްގެ ހައިސިއްޔަތުން މިލާން ކްރިކެޓް އެކަޑަމީން އިނާމެއް ދިނީތީ ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި މިއީ ވަރަށް އަގުހުރި އިނާމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު އެކަޑަމީ އަށް ވެސް މަރުހަބާ ދަންނަވަން. ކުދިންނަށް ކްރިކެޓް ދަސްކޮށްދިނުމަށާއި ގައުމީ ޓީމަށް ކުޅުންތެރިން ތައްޔާރުކޮށްދިނުމަށް ކުރާ މަސައްކަތް ފާހަގަކުރަން،" ރައީސް މައުމޫން ވިދާޅުވި އެވެ.

ކްރިކެޓަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަވާ މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ކްރިކެޓް ކުރިއެރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. މީގެ އިތުރުން އަމިއްލަފުޅު ޝައުގެއްގެ ގޮތުގައި ކްރިކެޓް ވަރަށް ގިނައިން ކުޅުއްވި އެވެ. އެގޮތުން އެ ދުވަސްވަރު ރައްޔިތުންގެ މަޖިލިސް ހުޅުވަން ކުޅުނު ޝަރަފްވެރި ކްރިކެޓް މެޗުތަކުގައި އެމަނިކުފާނު ވަނީ ކުޅުއްވައިފަ އެވެ.

ފަރުހަތުގެ ބައްޕަ އަހުމަދު ޖަލީލާއި ރައީސް މައުމޫން ވަނީ ތައުލީމީ ހަޔާތުގައި، ސްރީ ލަންކާގައި އެކުގައި ކްރިކެޓުގެ ހަރަކާތްތަކުގައި އުޅުއްވައިފަ އެވެ.

ފަރުހަތު އިސްވެ ހުންނަވައި 2009 ވަނަ އަހަރުގެ މާޗު މަހު އުފައްދަވައި އަދި ކޯޗުކަން ވެސް ކޮށްދޭ މިލާން ކްރިކެޓް އެކަޑަމީން ހިލޭ ސާބަހަށް ކްރިކެޓް ކުޅުންތެރިން ތަމްރީންކުރަމުން އަންނަ މަސައްކަތް ވަރަށް ކާމިޔާބެވެ. އެގޮތުން މިހާތަނަށް އެ އެކަޑަމީން އުފެއްދި ހަ ކުޅުންތެރިޔަކު ވަނީ ގައުމީ ޓީމަށް ކުޅެފަ އެވެ.