ހުޅުމާލެ 2 ގައި ހުންނަ ހިޔާ ޓަވަރުތަކުގެ ފަސް ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބައެއް ގެއްލުން ވެއްޖެ އެވެ.
ރޯވީ އައުޓްޑޯ ޔުނިޓެއްގައި ކަމަށް އެނގިފައި ވިޔަސް މި ހާދިސާއާ ގުޅޭ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
އަލިފާނުގެ ހާދިސާގައި ހިޔާ ޓަވަރު 5 ގެ މައި ހޮޅިއަށް ގެއްލުން ވެފައިވާ ކަމަށާއި އެހެންވެ އިމަޖެންސީކޮށް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެޕާރޓްމަންޓް 6 އަދި 7 ގެ ފާހާނާ ބޭނުން ނުކުރުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލުންތައް ދެނެގަތުމާއި މަރާމާތު ކުރުމުގެ މަސައްކަތް އެމްއެންޑީއެފާއި ފުލުހުންނާއި އެޗްޑީސީ އާއި އެމްޑަބްލިޔުއެސްސީ އަދި ސްޓެލްކޯ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި ދުން އަރަމުން ދިޔައީ އިމާރާތުގެ އެންމެ މަތިން ވައި ގޮޅިއާ ދިމާލުންނެވެ. އެކަމަކު ރޯވީ އިމާރާތުގެ ކޮން ހިސާބެއްގައި ކަމެއް ސާފުވާ ގޮތެއް އަދި ނުވެ އެވެ. އެ ޓަވަރުގެ ބޭސްމަންޓުން އެއްޗެއްގައި ރޯވެ ގަދަޔަށް އަނދައި ދުން އަރާތީ ފެނިފައިވެ އެވެ.
ބޭސްމަންޓުގައި އަނދަމުން ދިޔައިރު އެތަނުގެ ތެރޭގައި ގިނަ އަދަދެއްގެ ސައިކަލް ވެސް ޕާކްކޮށްފައި ހުއްޓެވެ.
އިރު އޮއްސުނު ވަގުތު ހިނގި ހާދިސާއަށް މާ ގިނައިރުތަނެއް ނުވެ އަލިފާން ވަނީ ނިއްވާލައިފަ އެވެ.
ހިޔާ ޓަވަރުތަކުގައި ދޭތެރެދޭތެރެއިން އަލިފާނުގެ އެކި ވަރުގެ ހާދިސާތައް ހިނގަ އެވެ. އެތައް ހާސް ބަޔަކު އުޅޭ އެ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެކަށީގެންވާ ނިޒާމެއް ގާއިމުވެފައި ނެތްކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ.