އައްޑޫގެ ހަތަރު ރަށެއް ޒަމާނީ ފެންވަރުގެ ރަނގަޅު މަގަކުން ގުޅުވާލުމަށް މީގެ ބާވީހަކަށް އަހަރު ކުރިން ހެދި ލިންކް ރޯޑު އަލުން ހަދަން ނިންމައި އެކަމާ ގުޅިގެން ކުރަންޖެހޭ ސާވޭގެ މަސައްކަތް ފަށައިފި އެވެ. 

ލިންކް ރޯޑު އަލުން ހެދުމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ އޭޕްރީލް 8، 2025 ގަ އެެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރުން އެއްބަސްވުމުގެ ތެރޭގައި ހިމެނެ އެވެ. 

އާރުޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 30 ގައި އެ މަޝްރޫއުގެ ކޮންސެޕްޓަށް އެޕްރޫވަލް ލިބި، އެއާ އެއްގޮތަށް ކުރިއަށް ދިއުމުގެ ހުއްދަ މިނިސްޓްރީން ދީފައިވާ ކަމަށެވެ. 

އެހެންވެ، އެ މަޝްރޫއުއަށް ބޭނުންވާ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތާއި ސައިޓު ސެޓްއަޕްގެ މަސައްކަތް ފެށި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

އައްޑޫ ލިންކް ރޯޑުގެ މަޝްރޫއުއާ ގުޅިގެން ހަދާ ބަންޑް ވޯލް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. 

އޮފިޝަލް ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 31 ގައި ވަނީ އެ މަސައްކަތަށް ބޭނުންވާ 15 މަސައްކަތްތެރިއަކު ވެސް އައްޑުއަށް ފޮނުވައިފަ އެވެ. އަދި މަގު ފުޅާކުރުމަށް ބިން އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

 ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ތިން އަހަރާއި 9 މަސް ދުވަހުން ނިންމާ ގޮތަށެވެ. 

އައްޑޫ ލިންކު ރޯޑު ހަލާކުވެ، ވަޅުގަނޑުތައް ހެދިފައި.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އައްޑޫ ލިންކު ރޯޑު ހަލާކުވެ، ވަޅުގަނޑުތައް ހެދިފައި.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެ މަޝްރޫއުގެ ދަށުން 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އެޅުމާއި ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި ދުވާރުތައް ހެދުމާއި މަގުގެ ފާހަގަތަކާއި މަގުމަތީގެ ނިޝާން ބޯޑުތައް ހަރުކުރުން ފަދަ މަސައްކަތްތައް ވެސް ހިމެނެ އެވެ. 

ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދޫ އަދި ގަން ގުޅުވާލާ 16 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑު ހެދުމުގެ މަސައްކަތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށީ 2001 ވަނަ އަހަރު އެވެ. އެ މަސައްކަތް ނިންމައި އެ މަގު ބޭނުންކުރަން ފެށީ 2003 ވަނަ އަހަރު އެވެ.

އައްޑޫ ލިންކް ރޯޑް އަލުން ހެދުމަށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އައްޑޫ ލިންކް ރޯޑް އަލުން ހެދުމަށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އައްޑޫ ލިންކް ރޯޑު އޭރު ހެދީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑީބީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ދިވެހި ސަރުކާރަށް ނެގި 7.9 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުންނެވެ. ޖުމުލަ 12.5 ކިލޯ މީޓަރުގެ ލިންކް ރޯޑްގެ މަސައްކަތްކުރީ ޑެންމާކާއި ލެބެނަންގެ ދެ ކުންފުންޏެއް ގުޅިގެން އުފެއްދި ހޯގާޑް އެންޑްޝުލްޒް އެސްލެބެނާން އިންނެވެ. ލިންކު ރޯޑް ޕްލޭންކޮށް، ޑިޒައިންކުރީ ނިއުޒީލޭންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯން ސްމާޓް އެވެ.

ގުޅިފައިވާ ރަށްތަކުގެ މީހުންނަށް ބޮޑު ފަސޭހައެއް ލިބުނު މި ދިގު މަގުގެ މަރާމާތެއް ނުކޮށް އޮންނަތާ ގިނަ ދުވަސްތަކެއް ވުމުން މިހާރު އެ މަގު އޮތީ އަޑިގުޑުންތަކާ އެކު ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.