ރިޕޯޓް

އައްޑޫ "މަރުގެ މަގު" މިހާރު އަދި މާ ނުރައްކާ!

އައްޑޫ ލިންކު ރޯޑު ހަލާކުވެ، ވަޅުގަނޑެއް ހެދިފައިވާ ހިސާބަކުން މީހަކު ސައިކަލްގައި ދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރާއްޖޭގެ އެހެން ރަށްތަކާ އަޅާ ބަލާއިރު އައްޑުއާ ގުޅޭ ކަންތައްތަކުގައި އެކި ސަރުކާރުތަކުން "ފަރުވާކުޑަ ކުރާ" ވާހަކަ އަބަދުވެސް އޮވެ އެވެ. މާލެ ފިޔަވައި އާބާދީ އެންމެ ބޮޑު އައްޑު އަށް ތަރައްގީ އައުން މާ ބޮޑަށް ލަސްވުމާއި ހިންގާ ޕްރޮޖެކްޓްތަކާ އެކު، ހައްލު ނުކުރެވި އެތައް މައްސަލައެއް އެބައޮތެވެ. އެކަމަކު، މިހާތަނަށް އެއީ މާ ބޮޑު ކުރިއެރުމެއް ނެތް ހުސް ވާހަކަތަކެކެވެ.

އެ ވާހަކަތައް ބާއްވާފައި މި ފަހަރު ދައްކަން މި އުޅެނީ މުޅި ރާއްޖޭގައި ވެސް "މަރުގެ މަގު" ކަމަށް އެއްބަޔަކު ކިޔައި އުޅޭ އައްޑޫ ލިންކު ރޯޑުގެ ވާހަކަތަކެވެ. މި ފަހަރު މަރުގެ ވާހަކަތައް "ޕާކު" ކޮށްލަމާ ހިނގާށެވެ.

ތާރު އަޅައިގެން އައްޑޫގެ މަގު ހެދީ، މީގެ 22 އަހަރު ކުރިން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަރުކާރަށް ނެގި 7.9 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުންނެވެ. އޭރު ހެދި 16 ކިލޯ މީޓަރުގެ މަގު މިހާރު އޮތީ އެއްޗެހި ދުއްވަން ކެރޭ ހާލަތަކު ނޫނެވެ. ތާރުގަނޑުގެ އެކި ހިސާބުތަކުން ކަނޑައިގެން ގޮސް ބޮޑެތި ވަޅުގަނޑުތައް ހެދި މާ ބޮޑަށް ގޯސްވެއްޖެ އެވެ. ފޭދޫ އިން ފެށިގެން ހިތަދުއާ ހަމައަށް އޮތް ލިންކު ރޯޑުގެ ތާރުތައް ނަގައި އަލުން އެ ތަން ހެދުން ނޫން ރައްކާތެރި ގޮތެއް ނެތެވެ.

މިހާތަނަށް އައްޑޫ ސިޓީ ކައުންސިލުން ހިފެހެއްޓީ އެ ވަޅުގަނޑުތަކުގައި ތާރު އަދި ވެލި އަޅައިގެންނެވެ. އެކަމަކު، މަގުތައް މިިހާރު އޮތީ ވެލި އަޅައިގެން ހިފެހެއްޓޭނެ ހާލަތުގައެއް ނޫނެވެ. ވެލި އެޅުމުން އިތުރަށް ވަނީ ގޯހެވެ. ތަންތަންކޮޅަށް ތާރު އެޅުމަކުން މަގުގެ އަޑިގުޑަން ކަމަކަށް ހައްލެއް ނުލިބެ އެވެ. އަނެއްކޮޅުން ތާރުން ހަލާކުވެ، ވަޅުގަނޑުތައް ހެދިފައިވާ މަގުތަކަށް ވެލި އެޅުމުން އޭގެ ނުރައްކާ ވެސް އިންތިހާ އަށް ބޮޑެވެ. ސައިކަލްތައް ކަހާލައިގެން ދިއުމުގެ ފުރުސަތު މާ ބޮޑެވެ. ބާރަށް ދުއްވާފައި ދާ ވެހިކަލްތައް ވަޅުގަނޑުތަކުން ކަޓުވަން އުޅެގެން ބޮޑު ކަމެއް ދިމާވާނެ އިރެއް ނޭނގެ އެވެ.

"މިހާރު ލިންކު ރޯޑުގައި ވަޅު ހެދިފައިވާ ތަންތަނުގައި އައްޑޫ ސިޓީ ކައުންސިލުން ގޮސް ތާރުކޮޅެއް ނޫނީ ޕެޗު އެޅިޔަސް ސަލާމަތް ނުވާ ވަރަށް އޮތީ ގޯސްވެފައި. ހަމަ ޖެހިގެން ހުރި އެހެން ތަނެއް ހަލާކުވެ އަނެއްކާ ޖެހެނީ ތާރު އަޅަން. އެއީ މިހާރު ހައްލެއް ނޫން،" އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝިނާޒު ވިދާޅުވި އެވެ.

ލިންކު ރޯޑުގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައިވާ ތަންތަނަށް އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުން ވެލި އަޅަނީ: މިއީ ހައްލެއް ކަަމަކަށް މިހާރު ނުބެލޭ.---ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫގެ ގުޅިފައިވާ ރަށްތައް ގުޅުވައިދޭ އައްޑޫ ލިންކު ރޯޑު އަލުން ހެދުމުގެ އަމަލީ މަސައްކަތް ސަރުކާރުން އަވަހަށް ނުފަށައިފި ނަމަ ދާން ޖެހެނީ މީގެ 22 އަހަރު ކުރިއާ ހިސާބަށެވެ. އޮންނާނީ މިހާރަށް ވުރެ ބޮޑެތި ވަޅުގަނޑުތަކާއި އަޑިގުޑަންތަކެވެ. ގުޅިފައިވާ ރަށްތަކުގެ ދެމެދުގެ ސްޕީޑު ދަށްވެ، ކަންކަން ލަސްވުމުގެ އިތުރުން ވެހިކަލްތައް ހަލާކު ވުމުގެ ބިރު އޮންނާނީ އިންތިހާ އަށް ބޮޑުވެފަ އެވެ. އައްޑޫ ގަމުގެ އެއާޕޯޓާ އެކު، ގަމުގައި ޗާލު މަގުތަކެއް ހަދައި އަދި ހަންކެޑެ ބްރިޖު ފަދަ ރީތި ބްރިޖެއް މިހާރު ވެސް އޮތް އިރު މި ލިންކު ރޯޑުގެ ހާލަތު މި ހިސާބަށް ދިއުމަކީ އައްޑޫގެ ރީތި ކަމަށް ވެސް އޮތް އުނިކަމެކެވެ.

"އައްޑޫގައި މި ގެންގުޅެނީ އެންމެ ފަހުގެ ކާރުތައް. ކާރެއް ނޫނީ ސައިކަލެއް ނެތް ގެއެއް މަދުވާނެ. ލިންކު ރޯޑު މިހާރު އޮތް ހާލަތުން އެ ތަނަށް އަރަން އެންމެން ވެސް ޖެހިލުން އެބަވޭ. އަޅުގަނޑުމެން މި ދުއްވާ ވެހިކަލްތަކުގެ ޒަމާން ދާނެ. އެހެންވެ، އެންމެން ވެސް ބަލަނީ މިހާރު ލިންކު ރޯޑަށް ނާރާ ދެވޭނެ ގޮތެއް އޮތިއްޔާ އެ ގޮތެއް. އެ ވެސް ފަސޭހަ ކަމެއް ނޫން،" އައްޑޫގައި އަމިއްލަ ކާރެއް ދުއްވާ މީހަކު ބުންޏެވެ.

މަރަދު އާއި ހިތަދޫ ގައުކެނޑިއާ ދެމެދު އަޅާފައިވާ ހަންކެޑެ ބްރިޖު: މި ބްރިޖުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެއީ ތެދެކެވެ. ގަމުން ނުވަތަ ފޭދޫން ހިތަދު އަށް ދާ ނަމަ ގިނަ މީހުން މިހާރު ބޭނުންކުރަނީ ފޭދު އާއި މަރަދު އާއި މަރަދޫފޭދޫގެ ބޮޑު މަގެވެ. މަރަދޫ ނިމޭ ހިސާބުން ފެށިގެން ހިތަދޫގެ ގައުކެނޑިއާ ހަމައަށް ނުވަތަ ގާތްގަނޑަކަށް ހަންކެޑެއާ ހަމައަށް އެންމެ ޒަމާނީ އަދި ފެންވަރު ރަނގަޅު ބްރިޖެެއް ދާދި ފަހުން ހަދައި ބޭނުންކުރަން ފެށި ކަމީ ނަސީބެކެވެ. ފޭދު އާއި މަރަދު އާއި މަރަދޫފޭދުއާ ގުޅިފައިވާ ލިންކު ރޯޑު ވެސް އެހާމެ ބޮޑަށް ހަލާކުވެފައި ވާތީ ހިތަދޫގެ ގައުކެނޑިއާ ހަމައަށް ދާން މިހާރު ގިނަ މީހުން ބޭނުންކުރަނީ ހަންކެޑެ ބްރިޖެވެ.

އެކަމަކު، ހަންކެޑެ ބްރިޖުން ފޭބުމާ އެކު، ދެން ދުއްވަން ޖެހެނީ ވީރާނާ ވެފައިވާ އައްޑޫ ލިންކުރޯޑުގަ އެވެ. އެ ހިސާބުން ދެން ހީވާނީ ވެހިކަލްތައް ރޫޅެނީ ހެންނެވެ. ސައިކަލްތައް ދާން ޖެހެނީ ވަޅުގަނޑުތަކުން ކަޓުވަމުންނެވެ. ހިތަދުއާ ގުޅިފައިވާ ރޯޑުގެ ހާލަތު އަދި މާ ގޯހެވެ. އެހެންވެ، ހިތަދޫގައި ވެސް މިހާރު އާންމުކޮށް މީހުން ދުއްވަނީ ތާރު އަޅައިގެން އެންމެ ފަހުން ހެދި މަގުތަކުންނެވެ. ނޫނީ ދެން ބޭނުންކުރަނީ ހިތަދޫގެ ބޮޑުމަގެވެ.

އައްޑޫ ލިންކު ރޯޑު ޒަމާނީ ފެންވަރަށް އަލުން ހެދުމުގެ ބިޔަ މަޝްރޫއެއްގައި މި ސަރުކާރުން މިދިޔަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ސޮއިކުރުމަކީ ކުރިމަގަށް ހެޔޮ ފާލެކެވެ. ވަޅުގަނޑުތަކުން ސަލާމަތް ވާން އޮތް ހަމައެކަނި ހައްލަކީ އެއީ އެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދު ކުރާ ގޮތަށެވެ. އެ މަޝްރޫއުގެ މަސައްކަތް ތިން އަހަރާއި 9 މަސް ދުވަހުން ނިންމަން ޖެހެ އެވެ.

އައްޑޫ ލިންކު ރޯޑާ އެކު މަގު ހެދުމުގެ މަޝްރޫއުގެ ތަފުސީލް:

- ޕްރޮޖެކްޓުގެ އަގު: 829 މިލިއަން ރުފިޔާ.

- ކޮންޓްރެކްޓުގައި ސޮއިކުރީ އޭޕްރީލް 8، 2025

- މަސައްކަތް ނިންމަން ޖެހެނީ 1،440 ދުވަހުން.

- ޕްރޮޖެކްޓުގައި ހިމެނެނީ އައްޑޫ ލިންކު ރޯޑު އެންމެ ޒަމާނީ ފެންވަރަށް އަލުން ހެދުން. މިހާރު ސީޓީބީ އަޅާފައިވާ 67.58 ކިލޯ މީޓަރުގެ މަގުގައި ތާރު ނުވަތަ ގާ އެޅުން.

- ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރުން.

- މަގުތަކުގައި ޓްރެފިކް ސައިން އާއި ބޯޑުތައް ހަރުކުރުން.

އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ޝިނާޒް ވިދާޅުވިގޮތުގައި، ސޮއިކުރިތާ ދެ މަސް ފާއިތުވެފައިވާއިރު އަދި އަމަލީ ގޮތުން އެއްވެސް ކަމެއް ނުފެންނާތީ އެއީ ކަންބޮޑުވުމެކެވެ. މައްސަލައަކީ އަމަލީ ގޮތުން މަސައްކަތް ނުފެށި ފާއިތުވެގެންދާ ކޮންމެ މަހަކީ ވެސް އައްޑޫ ލިންކު ރޯޑު ބޭނުންކުރާ އެތައް ހާސް ބައެއްގެ ކަންބޮޑުވުންތައް އިތުރު ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ލިންކު ރޯޑުގައި އަޅާފައިވާ ތާރުގަނޑު ނައްޓައިގެން ގޮސް ވަޅުގަނޑުތައް ހެދިފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އަނެއްކޮޅުން އަޅުގަނޑުމެންނަށް ކަންބޮޑުވުމަކީ އާރުޑީސީ އަށް މި ވަރުގެ ބޮޑު މަސައްކަތެއް ކުރެވިދާނެތޯ އުފެދޭ ސުވާލު. މިހާރު މި އޮތް އައްޑޫ ލިންކު ރޯޑު ހެދީ ޑެންމާކާއި ލެބެނަންގެ ދެ ކުންފުންޏެއް ގުޅިގެން އުފެއްދި ހޯގާޑް އެންޑްޝުލްޒް އެސްލެބެނާން އިން. އެ މަގު ޕްލޭންކޮށް، ޑިޒައިންކުރީ ނިއުޒީލޭންޑްގެ ތަޖުރިބާކާރެއް. މި ދައްކަނީ ދުނިޔޭގެ ފެންވަރުގެ މީހުންގެ ވާހަކަ،" އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ޝިނާޒް ވިދާޅުވި އެވެ.

އެހެންވެ، އާރުޑީސީގެ މަސައްކަތަށް ބަލާފައި އައްޑޫ ލިންކު ރޯޑު މީގެ 22 އަހަރު ކުރިން ހެދި ފެންވަރަށް ހެދިދާނެތޯ އެއީ ވެސް އެއްބަޔަކު އުފައްދާ ސުވާލެކެވެ. މާޒީ އަށް ބަލާއިރު އެ ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތް ކަމަށް ޝިނާޒު ވިދާޅުވި އެވެ.

އާރުޑީސީއާ މެދު މިނިސްޓަރަށް ފުރިހަމަ ޔަގީންކަން އެބައޮތް

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ގަބޫލު ކުރައްވާ ގޮތުގައި އާރުޑީސީ އަށް މެޝިނަރީޒް އާއި ތާރު އުފައްދާނެ ވަސީލަތްތައް ހޯދައި ދެވުމުން، އެއީ މަގު ހެދުމުގައި ވަރުގަދަ ބައެކެވެ. އެންމެ ޒަމާނީ ފެންވަރަށް މަގު ހެދުމުގެ ތަޖުރިބާ ވެސް އާރުޑީސީގެ މުވައްޒަފުންގެ އެބަހުރި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ތާރު އަޅަން ބޭނުންވާ ވަސީލަތްތައް އާރުޑީސީގައި ނެތީ. އެކަން ސަރުކާރުން ފަހިކޮށްދިނީމާ އެއީ ހަމަ ވަރަށް ރަނގަޅަށް މަސައްކަތް ކުރާނެ ބަޔަކު ތިބި ކުންފުންޏެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫ ލިންކް ރޯޑް އަލުން ހެދުމަށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު މިދިޔަ އޭޕްރީލް 8 ގައި އެއްބަސްވުމާ އެކު ފޮޓޯއަކަށް ހުއްޓި ވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އާރުޑީސީއަކީ ރާއްޖޭގައި މަގުތައް ހެދުމަށް ސަރުކާރުން ގެންގުޅޭ ކުންފުނި ކަމަށް ވުމުން އިތުބާރާ މެދު އެެއްވެސް ސުވާލެއް ނެތް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އާރުޑީސީގެ އިސްވެރިއަކު ވިދާޅުވީ، އައްޑޫ ލިންކު ރޯޑާއި އަދި އައްޑޫގެ ގުޅިފައިވާ ބައެއް ރަށްރަށުގެ މަގުތަކުގެ މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއާ އެކު ސޮއިކުރި ދުވަހުން ފެށިގެން އެކި ސްޓޭޖުތަކުގައި މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. މިއީ ޑިޒައިން އެނޑް ބިލްޑް އުސޫލުން ކުރަންޖެހޭ މަސައްކަތަކަށް ވާތީ ވަރަށް ގިނަ ކަންކަން އަމަލީ މަސައްކަތާ ހިސާބުގެ ކުރިން ނިންމަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޖިނިއަރިން އާއި އީއައިގޭ ކަންކަން ކުރަން ޖެހޭނެ. އައްޑޫ ސިޓީ ކައުންސިލާ ވެސް މަޝްވަރާ ކޮށްފިން. މަސައްކަތުގެ ސައިޓަށް ސޮއިކުރި ހިސާބުން ފެށިގެން އެއްވެސް ކަމެއް ހުއްޓުމެއް ނެތި ކުރިއަށް އެބަދޭ. މާނައަކީ ޕްރީ-ޕްލޭންގައި ހުރި ކަންކަން މިހާރު ވެސް ހުއްޓުމެއް ނެތި ކުރިއަށް އެބަދެއޭ،" އާރުޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.

ބޮޑެތި ވަޅުގަނޑުތައް ހެދި، ވީރާނާވަމުންދާ އައްޑޫ ލިންކު ރޯޑުން މީހަކު ސައިކަލްގައި ދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ދެން އޮތީ ފައިނޭންސްގެ ވާހަކަތަކެވެ. އެއީ ސީދާ ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ ބިޔަ ޕްރޮޖެކްޓަކަށް ވާތީ ދައުލަތުގެ މާލީ ފުދުންތެރިކަމާއި ހާލަތާ ވަރަށް ބޮޑަށް ގުޅޭނެ އެވެ. ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އައްޑު އަށް މޮބިލައިޒް ކުރުމަށް ވެސް ބަޖެޓެއް ބޭނުންވެ އެވެ. ތާރު އެޅުމުގެ ގާބިލްކަން އާރުޑީސީ އަށް ހޯދަން އެންމެ މުހިންމީ ފައިސާ އެވެ.

"އެ ހުރިހާ ކަމެއް އެކުގައި ދާ ނަމަ އަޅުގަނޑުމެންގެ މައްސަލައެއް ނެތް. އެ ޔަގީންކަން އަދި ނެތީ،" އައްޑޫ ސިޓީ ކައުންސިލުން "މިހާރު" އާ ވާހަކަ ދެއްކެވި ޝިނާޒް ވިދާޅުވި އެވެ.

"އެފްކޮންސް އިން އައްޑޫގެ މަގުތައް ހެދި އިރު އެ ޕްރޮޖެކްޓްގެ ދެވަނަ ފޭސްގެ ގޮތުގައި އައްޑޫ ލިންކް ރޯޑު ހަދައިދޭން އެ މީހުން ވެސް ތިބީ ތައްޔާރަށް. އިންޑިއާގެ ކްރެޑިޓްލައިންގެ ބާކީ ފައިސާ އިން އެކަން ކުރެވޭނެ ގޮތެއް ހަދައިދިން ނަމަ އެ ކަން ވާނެ. އޭރުން ޔަގީންކަން ވެސް ބޮޑުވާނެ. ފައިސާ ހުންނާނެ ގައިމު ވެސް،" ޝިނާޒް ވިދާޅުވި އެވެ.

މިދިޔަ މަހު ޗައިނާގައި ބޭއްވި ޓޫރިޒަމް ފެއާގައި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ޝިނާޒް، އައްޑޫގައި ހުރި ޓޫރިޒަމްގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދެއްވަނީ.

އެކަމަކު، ސަރުކާރުގެ އިސްވެރިއަކު ވިދާޅުވީ، މި ވަރުގެ ބިޔަ ޕްރޮޖެކްޓެއް ސަރުކާރުން އާރުޑީސީއާ ހަވާލު ކުރާނީ ކަށަވަރުކަން އޮތުމުން ކަމަށެވެ. ފައިސާ ހޯދާނެ ގޮތްތައް ރާވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ލިންކް ރޯޑު އަލުން ހެދުމާ ގުޅޭ ގޮތުން ކިތަންމެ ބައިވަރު ވާހަކަތެއް ދެއްކިޔަސް އައްޑޫގެ ރައްޔިތުންނަށް މުހިންމީ އަވަހަށް މަސައްކަތް ފަށައި ވީ އެންމެ އަވަހަކަށް މަސައްކަތުން އަތް ދޫކޮށްލެވޭނެ ދުވަހެކެވެ. އައްޑުއަކީ މަގު ހެދުމުގައި ހިތި ތަޖުރިބާތަކެއް ކޮށްފައިވާ ސިޓީއަކަށް ވާތީ ޝައްކާއި ވަހުމާއި "ނެގެޓިވް ވައިބް" ތައް މަދުވާނެ ކަމަށް ބަލާކަށް ވެސް ނުވާނެ އެވެ. އައްޑޫ ލިންކް ރޯޑު އެކަންޏެއް ނޫނެވެ. ވަރަށް ފަހުން ހެދި އެހެން އެތައް މަގުތަކެއް މިހާރު ވެސް ވަނީ ހަލާކުވާން ފަށައިފަ އެވެ. އެންމެ ފަހުން ނިންމި މަގުތަކުގައި ވެސް މައްސަލަތައް އެބަހުއްޓެވެ.

އެހެންވެ، ފޭދޫން ފެށިގެން ހިތަދުއާ ހަމައަށް ހަދާ ދިގު ލިންކު ރޯޑެއް އެންމެ މި ޒަމާނަށް އަދި ވީހާ ވެސް ފެންވަރު ރަނގަޅުކޮށް ހެދުމުގެ ގޮންޖެހުންތަކުގެ ވާހަކަ ހުސްވާނެހެން ހިއެއް ނުވެ އެވެ.

35 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިފާންފޮށި

11 June 2025

އައްޑޫ މީހުންނަށް ޖެހިގެން އުޅޭ މައްސަލައަކީ ހަމަ އެކަނި އެންމެ މައްސަލައެއް. މާ ހިތްމޮޅު ވުން. ތިމާމެން ބޭނުންވަނީ އެންމެ ތަރައްގީވެފަ ހުރި ގައުމުތަކުގައި މީހުން ދިރިއުޅޭހެން އުޅެން، އެބައި ދޫކޮށްލާފަ، އެކަތިގަނޑެއްގޮތުގައި މަސައްކަތްކުރަން ފެށިއްޖިއްޔާމު ރަގަޅު ކުރެވޭނެ މިކަހަލަ ކަންތައްތައް!

The name is already taken The name is available. Register?

ތެފައާސާ.

11 June 2025

އައްޑޫ ވީމާ ފަރުވާކުޑަކުރަނީއަކީ ނޫން ދޯ؟ އީދަށް ކުލަބޮކި ދެމުން، ފަޅުރަށް ބަލަހައްޓަން ޑެޕިއުޓީ މިނިސްޓަރުން ލުން ކަހަލަ މާލޭ ކޮޅުގައި ހުރި މުހިންމު ކަންކަން ކޮށްފައި އައްޑޫއަށް ކަމެއްކޮށްދޭން ބަޖެޓުގައި ލާރި ނެތިމާ ދެން ކިހިނެތްތޯ ކަންކަންކޮށްދޭނީ؟

The name is already taken The name is available. Register?

ބުރުހާ

10 June 2025

ކަލޭމެން ބުނެބަލަ، ޕޯޗުގީޒުން ދަށުގަ ތިބިނަމަ ތިމަގު މިއަދު އޮންނާނީ ތިހެންތަ.

The name is already taken The name is available. Register?

އެބުރޭ

10 June 2025

ވެލާނާ އެއާޕޯޓް އަށްދާ މަގުވެސް އޮތީ ތިހާލަތުގަ.. އެކަމަކު އެންމެ ގިނައިން ލާރި ވަންނަތަން އެއީ..މި ވާހަކަ ދައްކާނެ ބަޔަކު ނުވޭ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

10 June 2025

މާލޭސަރުކާރުން އައްޑޫގައި ހެދި ލިންކްރޯޑް Road of Death ގެ ގޮތުގައި މަޝްހޫރު ވެފައިވަނިކޮށް ދާދިފަހުން ހަންކެޑެ ބުރިޖް (ކ.މާލޭމީހުން ކިޔާގޮތަށް ނަމަ ހަންކޮޅު ބުރިޖް) ވެސް ހަދާފައިވަނީ ހަމަ އެފަދަ ގޮތަކަށް. ބްރިޖްގައި އޮތް ބެންޑް އޮތީ 30 ކިލޯމީޓަރ ގައި ދުއްވާފައިދާ މީހާއަށްވެސް ފަސޭހަ ކަމާއިއެކު ދުއްވަން އުދަގޫ ވަރަށް ބެންޑް ކޮށް މަގު ގުދުކޮށްފަ. ވަޑާން ކުރާމީހުން ގެންގުޅޭ ދައްޗެއްގެ ގުދާއި އެއްވަރަށް ގުދުކޮށް ގެން ހަދާފައިވާ ބެންޑް ބަދަލު ކުރޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

10 June 2025

ފޮޓޯއަށާއި މަންޒަރަށް ރީތިކުރުގެ ބަދަލުގައި މަގު ބޭނުންކުރާ މީހުނަށާއި މަގުގެ ބޭނުމަށް އިސްކަންދީގެން މަގުހެދުނއ ރަނގަޅު. 19 ކިލޯމީޓަރ ގެ އެއްފަސްކޮށް އޮތް އައްޑޫސިޓީ އެއަރޕޯޓަށް ދުވާލަކު ފަހެއް ނުވަތަ 6 ބޯޓް ޖައްސާއިރު އެއަރޕޯޓަށް އައިސް ގޮސްވުމަށް ބޭނުންކުރާ ވެހިކަންތަކާއި، މިސިޓީގެ އަވަށްތަކުގެ މެދުގައި ދަތުރުކުރިމަށް ބޭނުންކުރާ "ހަންކެޑެ ބުރިޖް" ހެދިއިރުވެސް ބެންޑް ބެންޑްކޮށްފައިވާ ވަރު ބޮޑުކަމަށާއި، އެކަން ރަނގަޅުކުރުމަށް އައްޑޫމީހުން ބުނި.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

10 June 2025

ތާރަކީ މިފަދަ މަގުތަކުގައި އަޅާ އެއްޗެއްކަން ކ.މާލޭ މީހުނަށް އެގުމުގެ މާކުރިންވެސް އައްޑޫ މީހުނަކީ ތާރު މަގުތަކުގައި ދުއްވަން ފަރިތަ ބައެއް. އަދި އަކަކިލޯ މީޓަރ ހަމަނުވާ ރަށްގަނޑެއްގައި އުޅޭ މީހުނަކަށް (މިހާރު ހުޅުމާލެ ފެނުނު ފަހުން މިކަން އެގުނެއް ކަމަކު) އައްޑޫގެ މަގުތައް ހުންނާންޖެހޭގޮތް ދެނެގަތުމަށް އުދަގޫ ވާނެ. އެހެން ކަމުން ކ.މާލޭގެ ކޮޓަރި ތަކުގައި ތިބެގެން އައްޑޫގެ މަގުތައް ޑިޒައިން ކުރީމާ މިފަދަ އެތައް ކަމެއް ކުރިމަތިވާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

10 June 2025

އެތައް މިލިޔަން ރުފިޔާ ޙަރަދުކޮށްގެން މިހާރުގެ ލިންކްރޯޑް މަރާމާތުކުރުމުގެ ބަދަލުގައި އެމަގަކީ ބައިސިކަލާއި ހިގާފައިއުޅެވޭ ޕެޑަލް ސްޓްރީޓެއް ނުވަތަ ވޯކިންގ ސްޓްރީޓަކަށް ބާއްވާފައި ޑރ މުއިއްޒު ވައުދުވި ހުޅުމީދޫ ކޯއްޓޭ ގުޅުވާލާ ބުރިޖާއިގުޅޭގޮތަށް ކޯއްޓޭގެ ފުއްޓަރުފަރާތުން ހިއްކައިގެން މަގެއް ހަދައިގެންގޮސް ރިންގް ރޯޑަކުން ހަންކެޑެ ބްރިޖާއި ގުޅާލުން ރަނގަޅު. އޭރުން މިމަގާއިއެކު އައްޑޫ ގޮނޑުދޮށް ގިރައިގެންދިއުމުގެ މައްސަލައަށްވެސް ހައްލު ހޯދިދާނެ.

The name is already taken The name is available. Register?

ބަކުރުު

10 June 2025

އެހެންވީމާ ދުނިޔޭގެ ފންވަރުގެ މީހުންނޭ ކިޔާގެން ތިޔަމަގެއްހެދީ އޮޅުވާލާގެން ކަން ތިޔަ ސާބިތުވީ.

The name is already taken The name is available. Register?

ކެރެދި ބެއްޔާ

10 June 2025

އައްޑޫ އަކީ މިރާއްޖޭގައި އެން މެ "ފީކަޅާ " މީހުން ދރިއުޅޭ އުޅޭ އަތޮޅު. ނިކަން ބަލާ ކިޔަވައިގެންތިބި މޮޅެ ތި މީހުން ގިނައިން ތިބި އިރު އަތޮޅު ގެކައުންސިލާއި މަޖިލިސް އަދި މޭޔަރުން ނަށް ތިބެނީ ސިޔާސީ ކަނޑު ކޮހުން. އެތައް މިލިއަނެއް ހަރަދު ކޮށްގެން ހެދި މަގު ސިމެންތި ޕެޗް އަޅާ 22 އަހަރުވެ އެތަށް ފުރާނައެއް ތިޔަމަގަށް ދޫކޮށްލިއރު ކޮބާ ތިޔަ އަތޮޅުގެ ބޮޑު ދޮލަގައިން މުސާރަނެގި މެމްބަރުން މޭޔަރާއި އަދި ކައުންސިލަރުން.! ވ. ސަލާމް!

The name is already taken The name is available. Register?

މަބަލްދީބް

10 June 2025

މަށަކީ އައްޑޫ މީހެއް. އެކަމު ތިޔަ ކަމުގައި އަހަރެން ކަލެޔާ އެއްބަސް. ވޯޓު ދޭއިރު ކޮންމެ ރަށެއްގެ ކޮންމެ އަތޮޅެއްގެ މީހެއްކަމުގައި ވިޔަސް ވެރިޔަކަށް އިސްކުރަންވާނީ ކިޔަވައިގެން ތަންދޮރު ފިލާފަތިބޭ މީހުންނަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454