ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެކު ހެދި އެއްބަސްވުން އުވާލައި އައްޑޫ ލިންކު ރޯޑު ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
އައްޑޫގައި ގުޅިފައިވާ ރަށްތަކާއި އެ ރަށްތަކުގެ މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމްކުރަން ސަރުކާރުގެ ކުންފުންޏާއެކު ސޮއިކުރީ އޭޕްރީލް 8، 2025 ގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި މިދިޔަ ނޮވެމްބަރު މަހު އެ ޕްރޮޖެކްޓު އަމަލީ ގޮތުން ފެއްޓިއަސް. މިވީ މުއްދަތުގައި އިތުރު އެއްވެސް ކަމެއް ނުކުރެ އެވެ. އެހެންވެ، އެ އެގްރިމެންޓު އުވާލީ އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ލިންކު ރޯޑު އަލުން ހެދުމުގެ އެގްރިމެންޓުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަދި ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގު ވަނީ ސޮއިކުރައްވައިފަ އެވެ.
މިނިސްޓްރީން ބުނީ އެ އެގްރިމެންޓުގެ ދަށުން ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމާ ހަމައަށް ލިންކު ރޯޑު ހަތަރު ލޭނަށް ފުޅާކޮށް އެ މަގުގެ 12.3 ކިލޯމީޓަރުގެ މަގު ތަރައްގީކުރާނެ ކަމަށެވެ.
ނަމަވެސް ޕްރޮޖެކްޓު ހަވާލުކުރި އަގެއް އަދި މަޝްރޫއު ނިންމަން ޖެހޭ މުއްދަތެއް އަދި ސާފެއްނުވެ އެވެ.
އާރުޑީސީއާ ކުރިން މި ޕްރޮޖެކްޓު ހަވާލުކުރީ 829.8 މިލިއަން ރުފިޔާއަށް ތިން އަހަރާއި 9 މަސްދުވަހުން ނިންމަން ޖެހޭ ގޮތަށެވެ.
ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދޫ އަދި ގަން ގުޅުވާލާ 16 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑު ހެދުމުގެ މަސައްކަތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށީ 2001 ވަނަ އަހަރު އެވެ. އެ މަސައްކަތް ނިންމައި އެ މަގު ބޭނުންކުރަން ފެށީ 2003 ވަނަ އަހަރު އެވެ.
އައްޑޫ ލިންކް ރޯޑު އޭރު ހެދީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑީބީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ދިވެހި ސަރުކާރުން ނެގި 7.9 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުންނެވެ. ޖުމުލަ 12.5 ކިލޯ މީޓަރުގެ ލިންކް ރޯޑްގެ މަސައްކަތްކުރީ ޑެންމާކާއި ލުބުނާންނެ ދެ ކުންފުންޏެއް ގުޅިގެން އުފެއްދި ހޯގާޑް އެންޑްޝުލްޒް އެސްލެބެނާން އިންނެވެ. ލިންކު ރޯޑް ޕްލޭންކޮށް، ޑިޒައިންކުރީ ނިއުޒީލޭންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯން ސްމާޓެވެ.
ނަމަވެސް، އައްޑޫގައި ދިރިއުޅޭ މީހުންނަށް ބޮޑު ފަސޭހައެއް ލިބުނު މި ދިގު މަގު ރަނގަޅަށް މަރާމާތު ނުކުރާތީ މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.