މުޅި ރަސްމާލެ ހިއްކުމަށް ހަރަދުވާނީ ކުރިން އަންދާޒާކުރި ވަރަށް ވުރެ ކުޑަ އަގެއް ކަމަށާއި، އެއީ ގާތްގަނޑަކަށް 330 މިލިއަނެއްހާ ޑޮލަރު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ގެނެސްދޭ "އަހާ" ފޯރަމްގެ މިރޭގެ ޕްރޮގްރާމްގައި މުއްތަލިބް ވިދާޅުވީ މުޅި ރަސްމާލެ ހިއްކުމަށް ހަރަދުވާނެ ކަމަށް ކުރިން އަންދާޒާކުރެވުނީ 500-700 މިލިއަނެއްހާ ޑޮލަރާ ދެމެދުގެ އަދަދެއް ކަމަށް ވާތީ، ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި އެގޮތަށް ވިދާޅުވެފައިވާނެ ކަމަށެވެ.
ރަސްމާލެ ހިއްކުމަށް ދައުލަތުން ކުރާ ހަރަދާ ގުޅޭ ގޮތުން އާންމުންގެ މެދުގައި އެކި ވާހަކަތައް ދެކެވޭތީ، މުޅި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ނުވަތަ އެހެނިހެން ވަސީލަތްތަކުން ޖުމްލަ ހިނގީ ކިހާ ހަރަދެއް ކަން ސާފުކޮށްދިނުމަށް މިރޭގެ ޕްރޮގްރާމަށް މީހަކު ފޮނުވި ސުވާލެއްގައި ވަނީ އަހައިފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި މުއްތަލިބް ވިދާޅުވީ އެ މަޝްރޫއުއަށް ހަރަދުވާނެ އަގު ކުރިން އަންދާޒާކުރެވުނީ އެ މަޝްރޫއު ފެށި ދުވަސްވަރު ސަރުކާރުން ހިންގަމުން ދިޔަ ޕްރޮޖެކްޓުތަކާއި އޭރު މާކެޓުގެ ރޭޓު ހުރި އަދަދާއި ގޮނޑުދޮށް ހިމާޔަތްކުރުމާ އެކު ދާނެ ހަރަދަށް ބަލައިފައި ކަމަށެވެ.
ނަމަވެސް، ސަރުކާރުގެ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ރަސްމާލޭގެ ބިން ހިއްކުމުން ދިޔައިރު، ވީހާ ވެސް ހަރަދު ކުޑަކުރުމަށް ކުރެވުނު މަސައްކަތުން، މި އަހަރު ނިމެންވާއިރަށް އެ މަޝްރޫއަށް ހަރަދުވާނީ ގާތްގަނޑަކަށް 330 މިލިއަނެއްހާ ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.
"މާނައަކީ މުޅި ރަސްމާލޭގެ 1،009 ހެކްޓަރު ހިއްކުމަށްޓަކައި ދައުލަތުން ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ އަދަދަކީ 330 މިލިއަން ޑޮލަރޭ،" މުއްތަލިބް ވިދާޅުވި އެވެ.
"އެހެންވީމާ އޭގެ 500 ހެކްޓަރު ބަލައިފި ކަމަށް ވެއްޖެއްޔާމުން އެއީ 160 މިލިއަން ޑޮލަރު ވަރު. އެހެންވީމާ ހަގީގަތުގައި އަޅުގަނޑުމެން ކުރިން ފުރަތަމަ ފެށިއިރުގައި އަންދާޒާ ކުރި ހިސާބަކީ މި ދެންނެވި ގޮތަށް ގުޅިފަޅާއި ގިރާވަރުފަޅާ މި އޭރުގެ ސަރުކާރުން ހިއްކަމުން ދިޔަ މަޝްރޫއުތަކަށް ހިނގާފަހުރި ހަރަދަށް ބަލާ އަންދާޒާ ކޮށްފައި އަޅުގަނޑުމެން ކީ ހިސާބެއް."
މުއްތަލިބް ވިދާޅުވި ގޮތުގައި، ކުރިން ހީކުރި ވަރަށް ވުރެ ހަރަދު ކުޑަވާނެ ކަމަށް އަންދާޒާކުރެވުނީ ޑްރެޖަރު ޗާޓާކޮށްގެން ބިން ހިއްކުމަށް ކުރި މަސައްކަތް ކަހަލަ އެކި މަސައްކަތްތަކުގެ ސަބަބުންނެވެ.
"އެހެންވީމަ ހަގީގަތުގަ މާލެ، ރާއްޖޭގައި މިއީ ބިން ހިއްކަން ހަރަދުކުރާ އަދަދުތަކަށް ބަލާއިރު ހަމަ ފުދޭވަރަކަށް ރަނގަޅު ރޭޓުތަކެއްގައި އަޅުގަނޑުމެންނަށް އެކަން ކުރެވިފައި އެވަނީ. އެހެންވީމަ މީ އެކި ބޭފުޅުން ސިޔާސީ ބޭނުމަށްޓަކާ 700 މިލިއަން ޑޮލަރު ޚަރަދުކުރި ވާހަކަ އާއި 1،000 މިލިއަން ޑޮލަރު ހަރަދުކުރި ވާހަކައަކީ އެއީ ހަމަ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި ދައްކާ ވާހަކަތަކެއް،" އޭނާ ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވީ ރަސްމާލެ ހިއްކުމަށް ހަރަދުކުރާ 330 މިލިއަން ޑޮލަރުގެ ތެރެއިން ވަރަށް ބޮޑު އަދަދެއް ދިވެހި ރުފިޔާއިން ވެސް މިހާތަނަށް ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ ރާއްޖޭގައި ޑޮލަރުގެ ތާށިކަމަށް ވީހާ ވެސް ބޮޑަށް އަސަރު ކުރިޔަ ނުދިނުމުގެ ބޭނުމުގައި ސަރުކާރުން ކުރި މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެކަނި ބިން ހިއްކުމުގެ ބޭނުމުގައި ކުންފުނިތަކަށް ޕްރޮޖެކްޓެއް ދިނީ ނޫން ކަމަށާއި ސަރުކާރާއި ކުންފުނިތަކުން މަސައްކަތް ކުރީ ވީހާ ވެސް ހަރަދު ކުޑަކޮށް އެކަން ކުރުމަށް ކަމަށް މުއްތަލިބް ވިދާޅުވި އެވެ.