ރާއްޖެ އަށް ބާނާ މަހުގެ ބޮޑު ބަޔަކަށް ރަނގަޅު އާމްދަނީއެއް ނުލިބެނީ ވެލިއުއެޑް ކުރެވޭ މަހުގެ އަދަދު މަދުކަމުން ކަމަށާއި ސަރުކާރުގެ އަމާޒަކީ ދަޅުގައި ބަންދުކުރާ މަހުގެ އަދަދު ދުވާލަކަށް 300 ޓަނަށް އިތުރު ކުރުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެެވެ.

ގދ. ފިޔޯރީގައި މަސްފެކްޓަރީއަކާއި ކޯލްޑް ސްޓޯރޭޖު އަޅަން ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތް ފަށަން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވީ ރާއްޖޭން އަހަރަކު ބޭރުކުރާ ގާތްގަނޑަކަށް 70،000 ޓަނުގެ މަހުގެ ތެރެއިން ދަޅުގައި ބަންދުކޮށްގެން ބޭރުކުރެވެނީ އެންމެ 15 ޕަސެންޓު ކަމަށެވެ.

އަނެއް 85 ޕަސެންޓު ބޭރުކުރަނީ ގަނޑުކުރި މަހުގެ ގޮތުގައި ކަމަށާއި އެ ގޮތަށް ބޭރުކުރުމުން އެކަށީގެންވާ އާމްދަނީއެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަޅުގައި ބަންދުކުރާ މަހުގެ އަދަދު އެހާ މަދުވަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި މިފްކޯގެ ފެލިވަރު ފެކްޓަރީގެ ގާބިލްކަން ކުޑަވުމުންނެވެ. އެ ފެކްޓަރީގައި ބަންދު ކުރެވެނީ ދުވާލަކަށް 50 ޓަނު ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިދެންނެވި  50 ޓަނު، މަސް ބަންދުކުރެވޭ ނޫނީ ދަޅަށް ލެވޭ ނޫނީ އަގު އެއްކުރެވޭ ގޮތަށް މިވަގުތު އޮތް ކެޕޭސިޓީ 300 ޓަނަށް ބަދަލުކުރުން. އޭގެ އެއް މަޝްރޫއު މިތާނގައި [ފިޔޯރީގައި] ކުރިއަށް މިދަނީ،" ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީގައި ދެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި މަސް ރައްކާކުރުމުގެ ގާބިލުކަން ކުޑަވުމެވެ.

މިހާރު ރައްކާކުރެވެނީ ގާތްގަނޑަކަށް 9،500 ޓަނު ކަމަށާއި އެއީ މޫސުމީ މަސްވެރިކަމެއްގެ ގާތްގަނޑަކަށް ދެ ހަފުތާގެ މަސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރޯމަސް ބޭރުކުރާ ބާޒާރުތަކުގައި ކޮންމެ އަގެއް ހުށްޓަސް އެގަށް ވިއްކަން ޖެހެނީ އެހެންވެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ މީހުން ވެސް ދާނެ ދެއްތޯ އަޅުގަނޑުމެންގެ ސްޓޯރޭޖްތައް ފުރޭ މިންވަރު ބަލަމުން. އެހެންވީމާ މަހުގެ އަގު ތިރިިކޮށްލަނީ ބޭރުގެ ބާޒާރުގައި. އެހެންވީމާ ގެއްލުމުގައި މިފްކޯ ކަހަލަ ބޮޑެތި ކުންފުނިތައް މި ޖެހެނީ ހިންގަން،" ޝިޔާމް ވިދާޅުވި އެވެ.

ފިޔޯރީގައި މިއަދު އަމަލީ މަސައްކަތް ފެށީ މަސް ފެކްޓަރީ އާއި ކޯލްޑް ސްޓޯރޭޖް އަަޅަން ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތް ކަމަށް ވިޔަސް، އެ މަސައްކަތް ނިމުމާ އެކު ފެކްޓަރީގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު އަދި އެ ރަށަށް އުފަން ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި އެވެ.

އެ ހިސާބުން ފިޔޯރީ އަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.