(އާދިއްތަ ދުވަހާ ގުޅޭ)

ތާމިރު އިންތިޒާރުކުރި ދަނޑިވަޅަކީ އެއީއެވެ. އޭރު ވެސް ތާމިރު އިނީ، ދައްކާ ވާހަކަ އަޑުނީވޭ ހިސާބު ދުރުގައި އިށީނދެގެން ފޯނުން މީހަކާ ވާހަކަ ދައްކާށެވެ. އަންޖަލް ފާހާނައަށް ވަންތާ އިރުކޮޅެއް ވެސް ނުވަނީސް ނަރުހަކު އައެވެ. ސާރާ އެތެރެއަށް ވެއްދުމަށް އެދުނެވެ. ނިޒާރު ބަލައިލީ ފާހަނަޔާ ދިމާއަށެވެ. ޝާފިޔާ އަވަހަށް ތެދުވެގެން ގޮސް ފާހާނަ ދޮރުގައި ޓަކިޖަހައިލިއެވެ. 

"އަވަހަށް ހިނގާ!" ނަރުސް އެދުނެވެ. "މިއަދު ވަރަށް ގިނަ އޮޕަރޭޝަންތައް އެބަ އޮތް."

"އޭނަގެ މަންމަ ފާހާނައިގަ ވީ،" ތާމިރު ތެދުވެފައި އިނގިރޭސިބަހުން ބުންޏެވެ. "މިހާރު އަންނާނެ."

ނަރުސް ކުއްޖާ އިންތިޒާރު ކުރިއެވެ. މިނިޓެއް ހޭދަވިއެވެ. 

"ދޮންތާ!" ފާހާނަ ދޮރުގައި ޓަކިޖަހަން ހުރި ޝާފިޔާ މަޑުމަޑުން ބުންޏެވެ. "ސާރާ ކޮއްކޮ ބަލާ އަތުވެއްޖެ! އަވަސްކުރޭ!"

އަވަސްކުރަން އަންޖަލް ބޭނުމެވެ. އެހެނަސް ފާހާނައިގެ އެއްވެސް އިސްކުރަކުން ފެނެއް ނާދެއެވެ. އެ ކަން އެނގުނީ މާ ލަހުންނެވެ. 

"ފެނެއް ނާދޭ!" ދޮރު ކައިރިއަށް އައިސް އަންޖަލް ބުންޏެވެ. "ފެންފުޅިއެއް ނެތްތަ؟"

ޝާފިޔާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ނިޒާރު ގާތަށް އައެވެ. ނިޒާރު ކަންފަތްދޮށުގައި ސިއްރެއް ބުނެލިއެވެ. 

"ދެން ކިހިނެއް ހަދާނީ؟" ކަންބޮޑުވެފައި ނިޒާރު އެހިއެވެ. "އަން! ކޮއްކޮ އުރައިގެން ހުރޭ! މި އަންނަނީ ތި ކަން ވޭތޯ ބަލާފަ."

"ކިހިނެއްވީ؟" ތާމިރު ސުވާލުކުރިއެވެ. 

"ފެންފުޅިއެއް ލިބޭނީ ކޮން ތާކުން؟" ނިޒާރު އެހިއެވެ. 

"މި ދިމާލުން ދާ އިރު ހުންނާނެ ކެންޓީން،" ތާމިރު ބުންޏެވެ. "އަހަންނަށް ހިނގޭ ނަމަ އަހަރެން ވެސް ދިޔައީމުސް. ދޭ ގަނެލައިގެން އަންނަން. ފާހާނައިގަ ފެން ނެތީ ދޯ؟"

ތާމިރު ފައިސާ ދިނެވެ. ނިޒާރު ވިސްނައިލިއެވެ. ފާހާނައިގައި ފެން ނެތްކަން ތާމިރުއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެހެނަސް، ތާމިރުގެ އުޒުރު ނިޒާރުއަށް ގަބޫލު ކުރެވެއެވެ. ހިނގުމަކީ ތާމިރުއަށް ފަސޭހަ ކަމެއް ނޫނެވެ. ފެންފުޅިއެއް ހޯދަން ނިޒާރު ހިނގައިގަތެއް ކަމަކު، ކެންޓީނު ހުރީ ކޮން ހިސާބެއްގައި ކަމެއް ނިޒާރުއަކަށް ނޭނގެއެވެ. އެހެނަސް ފެންފުޅިއެއް ހޯދަން ނިޒާރުއަށް މަޖުބޫރެވެ. ނިޒާރުއާ އެކުގައި އައި އެހީތެރިޔާ ވީ ތަނެއް ނިޒާރުއަކަށް ނޭނގެއެވެ. ފެން ގެންނާނެ ވަގުތަކަށް އަންޖަލް އިންތިޒާރުކުރި އިރު، ކެންޓީން ފެންނާނެ ވަގުތަކަށް ތާމިރު އިންތިޒާރުކުރި އިރު، ނަރުސް އިންތިޒާރުކުރީ ސާރާ ގޮވައިގެން އޮޕަރޭޝަން ތިއޭޓަރަށް ވަދެވޭނެ ވަގުތަކަށެވެ. 

"މާފުކުރައްވާ! ވަރަށް ލަސްވޭ އެބަ!" ނަރުސްކުއްޖާ ބުންޏެވެ. "މިއަދު ކެންސަލު ވެއްޖެއްޔާ ދެން ނޭނގެ އޮޕަރޭޝަން ކުރެވޭނެ ދުވަހެއް ވެސް."

"ހާދަ ދެރައޭ!" ހިތާމައާ އެކުގައި ތާމިރު ބުންޏެވެ. "އޮޕަރޭޝަން ނުކުރެވި މާލެ ދާން ޖެހިއްޖެއްޔާ އަންޖޫ ވަރަށް ދެރަވާނެ. ދައްތައަށް ބޭބީ ދޭންވީނު؟"

އުމުރުން ވިހި އަހަރުގެ ޝާފިޔާއަށް ގޮތް ހުސްވިއެވެ. އޮޕަރޭޝަން ކެންސަލުވާކަށް ޝާފިޔާ ބޭނުމެއް ނޫނެވެ. ހިޔާލު އަހަން ހުރި ހަމަ އެކަނި މީހަކީ ދިމްނާއެވެ. ދިމްނާއަށް ބަލައިލުމުން، ބޮލުގެ އިޝާރާތުން ދިމްނާ ނޫނެކޭ ބުނެލިއެވެ. 

"ޑޮކްޓަރު ގާތުގަ ބުނަންތަ ކެންސަލު ކުރާށޭ؟" ނަރުސްކުއްޖާ ސުވާލުކުރިއެވެ. 

"އުހުނ! އޭރުން ކަމަކު ނުދާނެ،" ތާމިރުގެ ދައްތަ ބުންޏެވެ. "ގެނޭ ބޭބީ!"

ސާރާ ދޭން ޝާފިޔާ އެއްވެސް ހަރަކާތެއް ނުކުރެއެވެ. ތާމިރުގެ ދައްތަ ސާރާ ނަގައިގެން، ނަރުހާ އެއްކޮށް ދިޔައީއެވެ. ޝާފިޔާ ހުރީ ރޮވޭ ވަރު ވެފައެވެ. 

"ހާސްނުވޭ!" ތާމިރު ބުންޏެވެ. "ވިއްސަކަށް މިނެޓު ވާނީ."

އެހެން ބުނެފައި ތާމިރު ކޮރެއްޖަހަމުން އެ ތަނުން ދިޔައެވެ. އިށީންނަން ނޭނގިފައި ޝާފިޔާ ހުއްޓެވެ. 

"ކުރާ ކަންތައް!" ދިމްނާ އައިސް، ހިތްހަމަނުޖެހިފައި ބުންޏެވެ. "ދޮންތަ ވަރަށް ރުޅި އަންނާނެ."

"މަ ކީއްތަ ކުރާނީ؟" ޝާފިޔާ ބުންޏެވެ. "މަ ނުވެސް ދެނީސް އޭނަ އަތުލައިގެން ގެންދިޔައީނު. ތުއްތަ ކީއްވެތަ ބަލަހައްޓައިގެން އިނީ؟"

ކެންޓީނު ހޯދައިގެން، ކިޔޫގައި ޖެހިގެން، ފެންފުޅި ހިފައިގެން ނިޒާރުއަށް އާދެވުނު އިރު ފަނަރަ ވަރަކަށް މިނިޓު ހިނގައިފިއެވެ. ސާރާއެއް ނުނެރެއެވެ. ފާހާނައިން އަންޖަލްއަށް ނުކުމެވުނު އިރު، އިތުރު ހަތަރު މިނިޓު ހިނގައިފިއެވެ. އޭރު އޮތީ ނުވާންވީ ހުރިހައި ކަމެއް ވެނިމިފައެވެ. ސާރާއެއް ނެތެވެ. ތާމިރު އާއި އޭނަގެ ދައްތައެއް ވެސް ނެތެވެ. އެހީތެރިއެއްގެ ގޮތުގައި އައި މީހާއެއް ވެސް ނެތެވެ. އެއީ ކާކު ކަމެއް، އޭނަޔާ ގުޅޭނެ ގޮތެއް ވެސް ނެތެވެ. 

"ކީއްކުރަން ސާރާ ދިނީ؟" އަންޖަލް ބުންޏެވެ. "އަހަރެން ބުނީމެއްނު ނުދެއްޗޭ!"

ބައި ގަޑިއިރު ވިއެވެ. ސާރާއެއް ނުނެރުނެވެ. ކައިރީގައި ހުރި ކައުންޓަރަށް ގޮސް، ކިޔޫޖެހިގެން، ސުވާލުކުރެވޭ ހިސާބަށް ދިޔުމުން ލިބުނީ ކުރުކުރު އާންމު ޖަވާބެކެވެ. 

"އިރުކޮޅަކުން ނެރޭނެ." ޖަވާބަކީ އެއީއެވެ. 

ދުވަހަކު އޮޕަރޭޝަން ނިމުނު ކަމަކަށް ނުވިއެވެ. ސާރާއާ އެކުގައި އެތެރެއަށް ވަން ނަރުހެއް ނުނިކުމެއެވެ. އެހެން ނަރުހަކު ނުކުމެ، އެހެން މީހަކު އޮޕަރޭޝަން ކުރަން ވެއްދިއެވެ. ހަދާނެ ގޮތް ހުސްވެގެން ދެކޮޅަށް ހިނގަނިކޮށް ދިވެއްސަކު އަންނަ ތަން ނިޒާރުއަށް ފެނުނެވެ. އޭނަ އައީ ޑަކުޓަރަކާ ވާހަކަ ދައްކަމުންނެވެ. ވާނުވާ އެނގޭ ވަރުވީ، ނިޒާރު ގޮސް ދިވެހިމީހާއާ ވާހަކަ ދައްކައިގެން، އޭނަ ގާތުގައި ހުރި ޑަކުޓަރު ކައުންޓަރަށް ގޮސް އެތައް އިރަކު ވާހަކަ ދައްކައިގެންނެވެ.

"ސާރާގެ އޮޕަރޭޝަން ނިމުނުތާ ކިތަންމެ އިރެއް،" އިނގިރޭސިބަހުން ޑަކުޓަރު ބުންޏެވެ. "އޮޕަރޭޝަން ތިއޭޓަރުން ނެރެގެން، އެތެރެއިން ލާފަ ޕޭޝަންޓު ގެންދާނީ ރިކަވަރީ ރޫމަށް. އެ ތަން ހުންނާނީ ހަތަރުވަނަ ފްލޯގަ. އެ ވާހަކައެއް ނުބުނޭތަ؟ ހިނގާ އެ ތަނަށް."

އެންމެން އެކުގައި ހިނގައިގަތެވެ. ދިޔަ މަގުމަތީގައި، ސާރާގެ އޮޕަރޭޝަނާ ބެހޭ ގޮތުން ޑަކުޓަރު މައުލޫމާތު އޮޅުންފިލުވިއެވެ. އޮޅުންފިލުވި ވަރަކަށް ހައްތަހައި އޮޅުންއެރީއެވެ. 

"ތި ކަހަލަ ކުޑަ ކަމަކަށް ހިޔެއް ނުވޭ ރިކަވަރަކީއަށް ގެންދާނެހެނެއް،" ޑަކުޓަރު ލަފާދިނެވެ. "ކަމެއް ދިމާވެއްޖެއްޔާ ގެންދާނީ. ބޭބީ ގޮވައިގެން ވަން މީހާއަށް ގުޅިންތަ؟ ކީކޭ އޭނަ ބުނީ؟"

އެ ކަން ވެސް ކުރެވޭނެ ގޮތެއް ނެތެވެ. އޭނަގެ ފޯނު ނަންބަރު ނޭނގޭ ތަނުގައި، ނަމެއް ވެސް ނޭނގެއެވެ. އެއީ ތާމިރުގެ ދައްތަކަން ޔަގީންކުރެވޭނެ ގޮތެއް ވެސް ނެތެވެ. 

"އޭނަގެ ނަންބަރެއް ނޭނގެ!" ނިޒާރު ބުންޏެވެ. 

"ކޮން ނަމެއް ކިޔަނީ؟" ޑަކުޓަރު އެހިއެވެ. 

"އަހަރުމެން ދަންނަ މީހެއް ނޫނޭ އެއީ." އަންޖަލް ޖަވާބުދިނެވެ. 

"އޭނ؟ ނުދަންނަ މީހެއް އަތަށް ދަރިފުޅު ދީގެން ނުވާނެއްނު!" ޑަކުޓަރު ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ. "މި ހޮސްޕިޓަލަކީ ދުވާލަކު އެތައް ހާސް މީހުން ވަދެނުކުމެވާ ތަނެއް. ވަރަށް ދެރަ ކަމެއް ތި ކުރީ."

ޑަކުޓަރު ބުނި ތަނަށް ދިޔަ އިރު، އެ ތާކު ސާރާއެއް ނެތެވެ. ކުޑަކުއްޖަކު ވެސް ނެތެވެ. ސާރާ ގެނައި ކަމަކަށް ވެސް ނުވިއެވެ. ދެން ދިޔައީ އޭ.ޑީ.ޔޫ ނުވަތަ އެޑްމިޝަން އެންޑް ޑިސްޗާޖު ޔުނިޓަށެވެ. ވީ ގޮތް އެނގުނީ އެ ތަނުންނެވެ. ސާރާ ގޮވައިގެން އޭނަގެ މައިންބަފައިން ދިޔަތާ ކިތަންމެ އިރެކެވެ. 

"ކިހިނެއް ތިހެން ވާނީ؟" އަންޖަލް ސުވާލުކުރިއެވެ. "ސާރާގެ މަންމައަކީ އަހަރެން. ބައްޕައެއް ނާދޭ އިންޑިޔާއަކަށް."

ހޮސްޕިޓަލުން ދެއްކީ ލިޔެކިޔުންތަކެވެ. ހުރިހައި އެއްޗެއްގައި ވެސް ސާރާގެ މަންމަކަމަށް ޖަހާފައި އޮތީ އައިމިނަތު ޝަރީފާ ކަމަށެވެ. ބައްޕަކަމަށް އޮތީ ތާމިރުގެ ނަމެވެ. އެއީ ދުރާލައި ރާވައި ނިމިފައިވާ ކެހިވެރި ރޭވުމެކެވެ. އަންޖަލް ރޯން ފެށިއެވެ. ދެން ތިބި ދެބެއިން ވެސް ރޯން ފެށިއެވެ. އެންމެ ބާރަށް ރުއީ ޝާފިޔާއެވެ. އޭނަ ގަބޫލުކުރި ގޮތުގައި ޒިންމާވާން ޖެހޭނީ އޭނައެވެ. 

"ހާސްނުވޭ ދަރިފުޅާ!" ނިޒާރު ބުންޏެވެ. "ތާމިރަކީ ވަރަށް ރަނގަޅު.."

"ކާފަ އަދިވެސް ތާމިރަށް އިތުބާރު ކުރަންތަ؟" އަންޖަލް ހަޅޭއްލަވައިގަތެވެ. "އެހެންވެ އަހަރެން ބުނީ އަހަރެން ބޭނުމެއް ނޫނޭ އިންޑިޔާއަށް އަންނާކަށް. މާލެއިން ވެސް ކުރެވޭ އޮޕަރޭޝަނެއް. އެކަމަކު ކާފަ ވެއްޖެ... އަހަންނަށް މާ ކުރިން ވެސް އެނގޭ މިހެންކަން ވާނީ."

އެންމެން ތެރޭގައި އަންޖަލް ހަޅޭއްލަވައިގަތުމުން ނިޒާރުގެ ދޫތަޅުލެވުނެވެ. އެހެނަސް، އެއްޗެއް ބުނަން މަސައްކަތްކުރިއެވެ. 

"ދަރިފުޅަށް ކިހިނެއް އެނގެނީ މިހެންވާނެ..." ނިޒާރުއަށް ބުނެވުނީ އެ ހިސާބަށެވެ. 

"ބަރުގާން ބުންޏޭ ތާމިރަށް އިތުބާރު ނުކުރާށޭ!" އަންޖަލް އަނެއްކާ ވެސް ހަޅޭއްލަވައިގަތެވެ. "އެކަމަކު އަހަރެން އެހެން ބުނެފިއްޔާ ކާފަ ބުނާނެ ވަހުމޭ، ބަނޑޭހަންގަނޑޭ! ތާމިރު ބުނާ ހުރިހާ އެއްޗެއް އެއީ ސަތޭކަ ޕަސަންޓު ތެދު. ދެން ހުންނާނީ ވަހުމު. އޭނަ ފުރަތަމަ އުޅުނީ ކަރަންޓު ދުއްވާލާފަ ސާރާ ވަގަށް ނަގަން.ދޮރު ނުހުޅުވުނީމަ ނުވަދެވުނީ. އެ ވެސް ކާފަ ގަބޫލެއް ނުކުރި. މީ ހަމަ ކާފަޔާ ހެދި ވީ ގޮތެއް."

ނިޒާރު ބޮލުގައި އަންޖަލް އެޅުވީ ވަރަށް ބޮޑު ތުހުމަތެކެވެ. އެ ކަމާ ބަހުސު ކުރުމުގެ ބަދަލުގައި ނިޒާރު އެދުނީ، ހޮސްޕިޓަލު މެދުވެރިކޮށް ފުލުހުން ލައްވައި އެ މައްސަލަ ބަލައިދޭށެވެ. ހޮސްޕިޓަލުން އެއްބާރުލުންދިނެވެ. ވަރަށް އަވަހަށް ފުލުހުން އައިސް ތަހުގީގު ފެށިއެވެ. ސާރާ ގޮވައިގެން އަންހެނަކާއި ފިރިހެނަކު ހޮސްޕިޓަލުން ނުކުތް ތަން ހުރީ ކެމެރާއަށް އަރައިފައެވެ. އަސައެއް ހިފައިގެން ހުރި ފިރިހެންމީހާ ހިނގީ ކޮރެއް ޖަހަމުންނެވެ.  

މައްސަލަ ކުރިޔަށް ދިޔައީ ދިވެހިރާއްޖޭގެ އެންބަސީ ވެސް މެދުވެރިކޮށެވެ. ސާރާގެ ބައްޕަ އަށް ވީ ގޮތާއި ބައްޕަގެ މަރު ސާބިތުވެފައި ނެތުމާއި ތާމިރު އުޅޭ ތަނެއް ނޭނގުމާއި އޭނައާ ބެހޭ މައުލޫމާތު ނޭނގުން ފަދަ އެތައް މައްސަލައެއް ކުރިމަތިވިއެވެ. ބޭނުންވާ ލިޔެކިޔުންތައް ހަމަކުރަން ހަފުތާތަކެއް ނަގާނެކަން ނިޒާރުއަށް ޔަގީންވިއެވެ. 

ހޮސްޕިޓަލުން ނިޒާރުމެން ދިޔައީ ޕޮލިސް ސްޓޭޝަނަށެވެ. އެ ތަނުން އިތުރު ބަޔާންތަކެއް ނަގައިފައި، އިންޑިޔާއިން ނުފުރައި މަޑުކުރުމަށް އެންގިއެވެ. ގެސްޓު ހައުސްގެ ކޮޓަރިއަށް އައިސް، ފޮށްޓަށް އެއްޗެހި އަޅައިގެން ނިޒާރު އާއި އެހެން ކުދިން ވެސް ބޭނުންވީ އެ ތަނުން ނުކުންނާށެވެ. އެކަމަކު، އަންޖަލްގެ ހާލަތު އެ ވަގުތު ހުރި ގޮތާއި ދާނެ ތަނަކާ މެދު ވިސްނުމަށް ޓަކައި، އެ ރޭ އެ ތަނުގައި މަޑުކުރަން ނިންމިއެވެ. 

ދަންވަރު އެކެއްޖެހި އިރު ވެސް އަންޖަލްގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ހިތަށް އެރިއެވެ. ސާރާ ގޮވައިގެން ތާމިރުއަށް ހޮސްޕިޓަލުން ނުކުމެވުނަސް ބަރުގާންއަށް ފިލޭނެ ހެއްޔެވެ؟ އެއީ އެހައި ފަސޭހަކަމެއް ހެއްޔެވެ؟ ނިޒާރު ވެސް އޮތީ އެ ކޮޓަރީގައެވެ. ކުދިން ދޫކޮށްލާފައި ދާކަށް ނިޒާރުއަކަށް ނުކެރުނެވެ. ނިޒާރުގެ ފޯނު ރަނގަބީލުވާން ފެށި އަޑަށް ހުރިހައި ކުދިން ސިއްސައިގެން ދިޔައެވެ. ގުޅީ އިންޑިޔާ ފުލުހުންނެވެ. ލިބުނީ އުފާވެރި ޚަބަރެއް ނޫނެވެ. (ނުނިމޭ)