ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި އަދަދު 14 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ނުލިބި ހުރި ފައިސާގެ އަދަދު ވަނީ އޭގެ ކުރީގެ އަހަރަށް ވުރެ ތިން ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ނުލިބި ހުރި ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދަކީ އިންކަމް ޓެކްސް އާއި ޖީއެސްޓީ އާއި ރިސޯޓް ކުލީގެ ގޮތުގައި ލިބެން ޖެހޭ އަދަދުތަކެވެ.
މިދިޔަ އަހަރު ނިމުނުއިރު ރިސޯޓު ކުލީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. އަދި ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ނުލިބި ހުރިއިރު އިންކަމް ޓެކްސްގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަހުއްޓެވެ.
މީގެ އިތުރުން ޓެކްސްގެ ގޮތުގައި ސަރުކާރުގެ ކުންފުނިތަކުން 2.4 ބިލިއަން ރުފިޔާ ނުދައްކާ ހުއްޓެވެ.
މިދިޔަ އަހަރު މީރާއިން ކުރި މަސައްކަތްތަކުން ނުލިބި ހުރި ފައިސާގެ ތެރެއިން 1.4 ބިލިއަން ރުފިޔާ ހޯދާފައިވެ އެވެ. ނަމަވެސް، ޖުމްލަކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ވަނީ ގާތްގަނޑަކަށް 30 ޕަސެންޓް އިތުރުވެފަ އެވެ.
މިދިޔަ އަހަރު ދައުލަތަށް 33 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ އަހަރެއްގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރެވެ. އާމްދަނީ އެހާ ބޮޑަށް އިތުރުވީ، އެއާޕޯޓް ޑިވަލޮޕްމެންޓް ޗާޖާއި ޑިޕާޗާ ޓެކުހާއި ގްރީން ޓެކްސްގެ އިތުރުން ޓީޖީއެސްޓީ ބޮޑުކުރުމުންނެވެ.