އޭޑީކޭ ހޮސްޕިޓަލްގެ ގޯތި ތެރޭގައި 13 ބުރީގެ އާ އިމާރާތެއް އަޅަން ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އެ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ހަތަރު ވަނަ ފިޔަވައްސާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ރޮޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާ ކަމަށެވެ. 

އެ އެއްބަސްވުމުގައި އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަހުމަދު ނާޝިދެވެ. ރޮޓައިމް ކުންފުނިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޯވޭޑޮންގް އެވެ. 

ޗައިނާގެ ކުންފުނިން އަންނަނީ މިހާރު ވެސް ހުޅުމާލޭގެ ބައެއް މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. 

އޭޑީކޭ އިން ބުނީ އަލަށް އަޅާ 13 ބުރީގެ އިމާރާތާއެކު ޖާގަ އިތުރުވެ، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބޭނެ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން އެދިގެން، ހެލްތު މިނިސްޓްރީން މީގެ ކުރިން ދީފައިވާ މައުލޫމާތުތައް ބުނާ ގޮތުން އޭޑީކޭ ހޮސްޕިޓަލް ހިންގަން ކުރީގެ ސެންޓްރަލް ހޮސްޕިޓަލް ހިންގި ބިން ކުއްޔަށް ދީފައި ހުރީ 50 އަހަރުގެ މުއްދަތަށް، އޮކްޓޫބަރު 2، 1995 އިން ފެށިގެންނެވެ. އެ މުއްދަތު ހަމަވާނީ 2045 ވަނަ އަހަރެވެ. 

އޭޑީކޭ ހޮސްޕިޓަލުން ކުލީގެ ގޮތުގައި އަހަރަކު 8.2 މިލިއަން ރުފިޔާ ދައްކާ ކަމަށް ނާޝިދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.