ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދާދިފަހުން އިއުލާންކުރި އާ ދެ ޕްރޮގްރާމަށް އަންނަ މަހުގެ ކުރީކޮޅު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ބޯހިޔާވަހިކަމުގެ އާ ޕްރޮގްރާމަކީ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ޕްރޮގްރާމެކެވެ. މިހާރު ހުޅުވާލާފައިވާ ޕްރޮގްރާމުގައި އަނބިމީހާ ނުވަތަ ފިރިމީހާއަށް ރާއްޖޭގެ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ، އެ ސްކީމަކަށް ކުރިމަތިނުލެވެ އެވެ.
އެހެންވެ، ރައީސް ވަނީ ގޯތި ގެދޮރު އެންމެންނަށް ވެސް ތަނަވަސްކޮށްދިނުމުގެ ގޮތުން ވަކި ކެޓަގަރީއެއްގެ ގޮތުގައި އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭ ގޮތަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވިދާޅުވެފަ އެވެ.
އާ ޕްރޮގްރާމުގައި ދެން ހިމެނެނީ މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމަށް ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު އެންމެން އެ ގޯތި ދޫކޮށްލަން އެއްބަސްވާނަމަ، އެމީހުންނަށް ވަކިވަކިން ގޯތި ދޫކުރާ ކެޓަގަރީއެކެވެ.
އެ ޕްރޮގްރާމުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މުއްތަލިބު ވިދާޅުވީ އެކަމާގުޅޭ އުސޫލު މިހާރު ގާތްގަނޑަކަށް އެއްކޮށް ފައިނަލް ކުރެވިފައިވާ ކަމަށެވެ. އަދި ރޯދައިގެ ކުރިން އުސޫލު އާންމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަންނަ މަހުގެ ކުރީކޮޅު އެ ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލުމަށެވެ.
"ދެން އުއްމީދަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ މި ރޯދަ މަސް ކުރިން އެ އުސޫލު އާންމުކުރެވޭތޯ. ދެން އެޕްލިކޭޝަން މި ބަލަނީ އެންމެ ލަސްވެގެން މާޗު މަހުގެ ކުރީކޮޅު އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލުމަށް،"
މުއްތަލިބު ވިދާޅުވި ގޮތުގައި އާ ޕްރޮގްރާމުގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާގެ މާލޭ ސަރަހައްދުގައި ތަނެއް އޮތް ކަމަށްވީ ނަމަވެސް ކުރިމަތިލާ މީހާގެ ނަމުގައި ތަނެއް ނެތް ކަމަށްވާ ނަމަ، އެމީހަކަށް ބިމަށް ކުރިމަތިލެވޭނެ އެވެ.
މިނިސްޓަރު ވިދާޅުވީ އަލަށް ހަދާ އުސޫލުގައި ދައުލަތުން ވިސްނަމުން ދަނީ ބިންވެރިކަމެއް ނެތް އާއިލާތަކަށް ބިމެއް ހޯދައިދިނުން ކަމަށެވެ. މިސާލެއްގެ ގޮތުގައި ވިދާޅުވީ ހިޔާ ފްލެޓު ލިބިފައި ހުރި މީހަކަށް ބިމަށް ކުރިމަތިނުލެވޭނީ ކީއްވެތޯ އާއި އެކަމާ ގުޅޭ ހައްލެއް ގެންނާނީ ކިހިނެއްތޯ އާއި އެފަދަ ކަންކަމާ މެދު ވިސްނަވަމުން ގެންދަވާ ކަމަށެވެެ.
މިދިޔަ ސަރުކާރުގެ ބިންވެރިޔާ މަޝްރޫއުގައި ދޫކުރި ގޯއްޗެއްގެ އެންމެ ކުޑަމިނަކީ 1،225 އަކަފޫޓެވެ. އެކަމަކު އާއިލާގެ މެމްބަރުންނާ ބައިވެރިވެގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާނަމަ އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭ ގޮތަށް އެ އުސޫލުގައިވެ އެވެ. އެގޮތަށް ގިނަވެގެން 4،000 އާ ހަމައަށް ގޯތީގެ އަކަފޫޓު އިތުރު ކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
އެކަމަކު ޖޮއިންޓްކޮށް ގޯތި ހޯދި އެންމެން އެ ގޯތި ދޫކޮށްލަން އެއްބަސްވާނަމަ މި ސަރުކާރުން ވަނީ ކޮންމެ މީހަކަށް ވަކިވަކިން ގޯތި ދޭން ނިންމައިފަ އެވެ.
މުއްތަލިބު ވިދާޅުވީ ކޮންމެ އާއިލާއަކަށް ވަކިވަކި ޕްލޮޓްތައް ދޭން ނިންމާފައި ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން އިޖުތިމާއީ މައްސަލަތައް ވެސް ކުރިމަތިވާތީ ކަމަށެވެ. އާއިލީ މައްސަލަތަކާ ހެދި އެއްކޮށް ދިރިނޫޅެވޭ މީހުން ވެސް ޖޮއިންޓް އެޕްލިކޭޝަންގެ ދަށުން ގޯތި ހޯދަން އޭރު މަޖުބޫރުކުރިކަމުގެ ތުހަމަތު މިނިސްޓަރު ކުރެއްވި އެވެ.
"ވަރަށް ގިނަ އާއިލާ މެމްބަރުންތަކެއް މަޖުބޫރު ހާލަތެއްގައި އެބަހުރި އެއްވެފައި ޖޮއިންޓްވެފައި. އޭރު ސަރުކާރުން ބުނަމުން ގެންދިޔައީ ޖޮއިންޓް ނުވަންޏާ ނުލިބޭނެއޭ. އެހެންވީމަ އާއިލީ މައްސަލަތައް ހުރި މީހުން، އެއްކޮށް ތަނެއް ބިނާކޮށްގެން އެކީގައި ނޫޅެވޭ މައްސަލަތައް ހުރި މީހުން ވެސް ޖޮއިންޓްވެގެން ބިން ހޯދި،"
މުއްތަލިބު ވިދާޅުވީ ޖޮއިންޓްކޮށް ބިން ހޯދި މީހުން ވަކިން ބިން ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދެމުން އަންނަ ކަަމަށެވެ. އެހެންވެ އެ ފުރުސަތު ހުޅުވާލާފައި ވަނީ އެންމެން އެއްބަސްވާނަމަ، އެ އެންމެނަށް ވަކިން ގޯތި ދޫކުރާށެވެ.
މުއްތަލިބު ވިދާޅުވީ ޖޮއިންޓްކޮށް ލިބުނު މީހުންގެ ތެރެއިން އެމީހަކަށްވާ ބިން ދޫކޮށްލާފައި ކުރިއަށް ނުދެވެނީ ކީއްވެތޯ ސުވާލު އުފައްދަފާނެ ކަމަށެވެ. އެގޮތަށް ހަދައިފިނަމަ ގޯތިތަކުން ކުދިކުދި ތަންކޮޅުތަކެއް ހުސްކޮށް ބާއްވަން ޖެހޭ ކަމަށާއި އޭގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ބިން ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ ސަރުކާރުން ނިންމީ މުޅި ގޯތި އެންމެން އެއްބަސްވެގެން ދޫކޮށްލާ ކަމުގައިވާނަމަ އެ ފަރާތްތަކަށް ވަކިވަކި ގޯތި ހޯދުމުގެ ފުރުސަތު ފަހިކޮށްދޭނީއޭ."
އެކަމަށް ޑިމާންޑު އޮތީ ކިހާ މިންވަރަކަށް ކަމެއް އެނގިވަޑައިނުގަތަސް، އެ ފުރުސަތު ހުޅުވާލީ އިޖުތިމާއީ މައްސަލައަކަށް ހައްލެއް ހޯދުމަށް ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވަނީ އާ ޕްރޮގްރާމުގެ ދަށުން އެ ދެ ކެޓަގަރީއަށް 1،000 ގޯތި ކަނޑައަޅާނެ ކަމަށެވެ. އެ ގޯތިތައް ދޭން ނިންމާފައި ވަނީ މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.