ޖިންސީ ފުރައްސާރައިގެ މައްސަލައިގައި މައްސަލަ ނިންމި ގޮތާއި އެކަމާ ގުޅުވައިގެން ވަޒީފާއިން ވަކިކުރި މައްސަލާގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ކުރީގެ ހެޑް އިސްމާއިލް ސާޖިދު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.
ސާޖިދު މައްސަލަ ހުށަހެޅުއްވީ މި މަހުގެ 4 ގަ އެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެމްއެމްއޭގެ ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލާ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ ބަލައި، އެކަން ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެންނެވެ. އެ ކޮމިޓީން ވަނީ އޭނާ މަގާމުން ވަކިކުރުމަށް ލަފާދީފަ އެވެ.
ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން ސާޖިދު މަގާމުން ވަކިކުރުމުގެ ކުރިން މިދިޔަ ޑިސެމްބަރު މަހުގެ 25 އިން ފެށިގެން ހުރީ ސަސްޕެންޑްކޮށްފަ އެވެ.
ސާޖިދަށް ކުރި ތުހުމަތާ ގުޅިގެން އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވަނީ، އެއީ ދޮގު ތުހުމަތެއް ކަމަށާއި އެމްއެމްއޭގެ ކޮމިޓީން މައްސަލަ ބެލީ ވެސް ގާނޫނާ ހިލާފަށް ކަމަށެވެ.
އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް ސާޖިދު އައްޔަންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. ސާޖިދު ކުރިން ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ.