ކުރުނބާ މޯލްޑިވްސް ބޭރުގައި އޮތް ދޯންޏެއްގައި ރޯވެ އަނދައިފި އެވެ.

މުޅި ދޯނީގައި ރޯވެ އަނދާފައި ވާއިރު ފުލުހުން ބުނީ މި ހާދިސާގައި ފަސް މީހަކު ފިހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ތިން ބިދޭސީން ކަމަށާއި އެ މީހުން މާލެ ގެނެސް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. 

އެކަމަކު އެ މީހުންނަށް ވެފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ރޯވީ 15 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ މަސްދޯންޏެއްގަ އެވެ. 

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ އެ ދޯނީގައި ތިބީ 14 މީހުން ކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބުނީ މެންދުރު ފަހު 2:54 ގައި ކަމަށެވެ. 

ދޯނީގައި ފުރަތަމަ ރޯވެ އަލިފާން ފެންނަން ހުރީ އިންޖީނުގެއާ ދިމާލުން ކަމަށް ވިޔަސް އިރުކޮޅެއްގެ ތެރޭގައި ވަނީ މުޅި ދޯންޏަށް އަލިފާންގަނޑު ފެތުރިފަ އެވެ.  

ކޯސްޓް ގާޑުގެ އުޅަނދެއް ގޮސް ދޯންޏަށް ފެންޖަހަން ފަށައި މިހާރު ވަނީ އަލިފާން ނިއްވާލައިފަ އެވެ. އެކަމަކު އަދިވެސް ދޯނިން ދުން އަރަ އެވެ. 

ދޯނީގައި ރޯވަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.