ދަނޑުވެރިކަމުގައި ކ. ކާށިދޫގައި ނުހައްދާ ބާވަތެއް މަދެވެ. މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން އެންމެ ގިނަ ކުރުނބާ ވެސް ބާޒާރަށް ނެރޭ އެއް ރަށަކީ ކާށިދު އެވެ.
ދިރާގާ އެކު މި އަހަރު ގެނެސްދޭ "މިހާރު ބަދިގެ" އިން މިއަދުގެ ރެސިޕީއަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގްބޫލް ރެސިޕީއެއް ކަމަށްވާ ހުނިހަކުރެވެ.
ކާށިދޫން ފާތުމަތު ނަޝާ މި ކިޔައިދެނީ އެންމެ ކުރީ ޒަމާނުއްސުރެ އެ ރަށުގައި މި ރެސިޕީ ތައްޔާރުކުރާނެ ގޮތެވެ. މަދު ބާވާތްތަކެއް ބޭނުންކޮށްގެން ފަސޭހަކޮށް އަވަހަށް ތައްޔާރުކޮށްލެވޭ މީރު ރެސިޕީއެކެވެ.
ނަޝާ ބުނި ގޮތުގައި ކެއުންތަކުގައި ރަށުގެ ވަކި ހާއްސަ ރެސިޕީއެއް ނެތަސް ދިވެހި ރަހަތަކަށް ލޯބި ކުރެ އެވެ. ކުރީ ޒަމާނުގައި ރޯދައަށް ހަދާ ރެސިޕީތައް ހަމައެގޮތުގައި މި ރަށުގައި ތައްޔާރުކުރެ އެވެ.
އެކި ރަށްރަށުގައި ހުނި ހަކުރު ހަދާ ގޮތުގައި ތަފާތެއް ހުރެ އެވެ. ކާށިދޫގައި އަދިވެސް ހުނިހަކުރު ހަދަނީ ދުނބުރި ފަތުގަ އެވެ. ތެލުލައިގެން ކެއުމަށް ވުރެ ގިނަ ބަޔަކަށް ކަމުދަނީ ކުރީ ޒަމާނުގެ ގޮތަށް ފެނު ކައްކައިގެން ނުވަތަ ސްޓީމްކޮށްގެންނެވެ.
ބޭނުންވާ ތަކެތި
1 ގަބުޅީގެ ހުނި
100 ގްރާމްގެ ދިޔާ ހަކުރު ނުވަތަ ދޯބުރާލި ހަކުރު
5 ކާފުރުތޮޅި
ކާށި ހުނިކޮޅެއް
250 ގްރާމްގެ ގޮދަށް ފުށް
ފެން
6 ދުނބުރި ފަތް
ތައްޔާރުކުރާނެ ގޮތް
ހުނި ހަކުރުގެ ހަކުރު ހެދުމަށް ގަބުޅި ހުނި، ދިޔާ ހަކުރު، ނުވަތަ ދޯބުރާލި ހަކުރާއި ކާފުރުތޮޅި އަދި ރާނބާފަތް ތެއްޔަކަށް އެޅުމަށްފަހު މަޑު ގިނީގައި ރަތްވަންދެން ކައްކާނީ އެވެ.
ކާށި ހުންޏާއި ގޮދަންފުށުގެ ތެރެއަށް ފެންކޮޅެއް އަޅައިގެން ފުށްގަނޑު ތައްޔާރުކޮށްލާނީ އެވެ.
ދިޔާނުވާ ވަރަށް ފެން އަޅައިގެން ފުއްގަނޑު މޮޑުމަށް ފަހު ކުދި ގުޅަ ހަދާނީ އެވެ. އެއަށް ފަހު ދުނބުރި ފަތުގައި ފުށް ގުޅަ ބާއްވައި ކުޑަކޮށް ވަށްވާ ގޮތަށް ފަތުރާލުމަށް ފަހު ހުނި ހަކުރުކޮޅު މެދަށް ލުމަށް ފަހު ފަތް ލައްޕާނީ އެވެ.
އާވިން 15 މިނެޓް ވަންދެން ކައްކާނީ އެވެ. ބޭނުން ނަމަ ތަވައެއްގައި ފިހެލެވިދާނެ އެވެ.
މިއީ ކާށިދޫގައި ވެސް ރޯދަ ވީއްލާ ގަޑިއަށާއި ތަރާވީހަށް ވަރަށް ގިނަ ބަޔަކަށް ކަމުދާ ރެސިޕީއެކެވެ.