ދީނީ އިލްމުވެރިޔާ ޝެއިހު އިބްރާހިމް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް އިއްޔެ ހުޅުވައިފި އެވެ.
ބައްދަލުވުމަކަށް މިދިޔަ ޖޫން މަހު މެލޭޝިޔާއަށް ވަޑައިގަތްތަނާ އެ ގައުމުގެ އެއާޕޯޓުގައި އަވަހާރަވި ފަރީދުގެ ހަނދާނުގައި މިސްކިތް ބިނާކޮށްދީފައިވަނީ، ދީނީ ހޭލުންތެރިކަން އިތުރުކުރަން ފަރީދު ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި "ހިދުމަތް" ނަމަކަށް ކިޔާ އަމިއްލަ ޖަމިއްޔާއަކުންނެވެ.
އޭނާ އަވަހާރަވިތާ 18 ވަރަކަށް ދުވަހުގެ ތެރޭގައި، އެ މަހުގެ 27 ވަނަ ދުވަހު ވަނީ އެ މިސްކިތުގެ ބިންގާ އަޅައިފަ އެވެ.
ފަރީދުގެ ދަރިކަލުން، އަބްދުﷲ ފަރީދު، ފޭސްބުކްގައި އިއްޔެ ކުރި ޕޯސްޓުގައި ވަނީ، "މަސްޖިދު ޝެއިހު އިބްރާހިމް ފަރީދު އަހުމަދު"ގެ މިސްކިތް ބިނާކުރަން އާއްމުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އެ ޖަމިއްޔާއިން އޭރު ބުނީ ބަންގްލަދޭޝްގައި އިމާރާތްކުރަނީ 455 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. އެ މިސްކިތަށް ހަރަދުވާނެ ކަމަށް އެ ޖަމިއްޔާއިން ލަފާކުރީ 760،000ރ. އެވެ. އަދި އެ ފައިސާ ހޯދަން ޖަމިއްޔާއިން އިއުލާނުކުރިތާ އެއް ދުވަސް ނުވަނީސް އެ އަދަދު ވަނީ ހަމަވެފަ އެވެ.
އިތުރަށް މީހުން ފައިސާ ޖަމާކުރަން ފެށުމުން ހިދުމަތް ޖަމިއްޔާއިން ވަނީ ރާއްޖޭގައި ވެސް މިސްކިތެއް އަޅަން ނިންމައިފަ އެވެ.
ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބާއްވަވައި، ގިނަ ބައެއްގެ މަގުބޫލުކަން ލިބިވަޑައިގެންނެވި ޝެއިހެކެވެ. އޭގެ އިތުރުން އިސްލާހީ މަސައްކަތުގައި ވެސް އިސްކޮށް އުޅުއްވަނިކޮށް އޮގަސްޓް 12 އަދި 13ގެ ހަރަކާތާ ގުޅިގެން ބަންދުކުރި މީހުންގެ ތެރޭގައި ވެސް ފަރީދު ހިމެނިވަޑައިގަންނަވަ އެވެ.