ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ހުޅުމާލެ 2 ގައި އިމާރާތްކުރާ އެ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކުރީ ހިދުމަތް ޖަމިއްޔާއާ އެކުގަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ފަރީދު އަވަހާރަވީ ބައްދަލުވުމަކަށް މެލޭޝިޔާއަށް ވަޑައިގެންނެވިތަނާ އެ ގައުމުގެ އެއާޕޯޓުގަ އެވެ.
ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ވެސް ވަނީ މިސްކިތެއް ބިނާކޮށްފަ އެވެ. އެ މިސްކިތް ވެސް ބިނާކޮށްދީފައި ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރަން ފަރީދު ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ހިދުމަތް ޖަމިއްޔާއިންނެވެ.
ބަންގްލަދޭޝްގައި އިމާރާތްކުރީ 455 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތަށް ހަރަދުވާނެ ކަމަށް އެ ޖަމިއްޔާއިން ލަފާކުރީ 760،000ރ. އެވެ. އެ ފައިސާ ހޯދަން ޖަމިއްޔާއިން އިއުލާނުކުރިތާ އެއް ދުވަސް ނުވަނީސް އެ އަދަދު ހަމަވި އެވެ.
ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބާއްވަވައި، ގިނަ ބައެއްގެ މަގުބޫލުކަން ލިބިވަޑައިގެންނެވި ޝައިހެކެވެ. އޭގެ އިތުރުން އިސްލާހީ މަސައްކަތުގައި ވެސް އިސްކޮށް އުޅުއްވަނިކޮށް އޮގަސްޓް 12 އަދި 13ގެ ހަރަކާތާ ގުޅިގެން ބަންދުކުރި މީހުންގެ ތެރޭގައި ވެސް ފަރީދު ހިމެނިވަޑައިގަންނަވަ އެވެ.