އަންނަ އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ރަށްރަށުގައި އިތުރު 14 މިސްކިތެއް ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ އޭގެ ތެރޭގައި ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ދާއިމީ ތިން މިސްކިތް ވެސް ހިމެނޭ ކަމަށެވެ. 

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް، ހާއްސަކޮށް ރޯދަމަހުގެ ކުރިން، އިމާރާތްކުރާ މިސްކިތްތައް ހުޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރެ އެވެ.

މިނިސްޓްރީން ބުނީ އެއީ އާބާދީ އިތުރުވަމުންދާ މުޖުތަމައުތަކަށް އެކަށީގެންވާ ޖަމާއަތުގައި ނަމާދުކުރާނެ ޖާގަ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ވެސް ގިނަ މިސްކިތްތަކެއްގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާއިރު، ބައެއް މިސްކިތްތަކުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި ބައެއް މިސްކިތްތަކުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ވެސް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރު ވެސް ރާއްޖޭގެ އެކި ރަށްރަށުގައި 15 މިސްކިތް ހުޅުވި އެވެ. އަންނަ އަހަރުގެ ރޯދަ މަސް ކަމަށް ކަލަންޑަރުގައި ފާހަގަ ކޮށްފައި ވަނީ ފެބްރުއަރީ 8 އެވެ.