ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ކިލަނބުކޮށްލަން ހިންގާ ޖަރީމާތައް ހުއްޓުވުމުގައި ދެމިތިބޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

ޝަހީމު މިހެން ވިދާޅުވީ ރާއްޖޭގެ ރިސޯޓެއްގައި ދެ ފިރިހެނުންގެ ރަމްޒީ ކައިވެންޏެއް ކޮށްދިން މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ އިދާރާއަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެެވެ. ރާއްޖޭގެ ގާނޫނުއަސާސީއާއި ކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް ކަންކަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހިރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. 

ކައިވެނީގެ ރަސްމިއްޔާތެއްގެ ގޮތަށް އިންތިޒާމުކޮށް ރިސޯޓެއްގެ ބީޗުގައި ބޭއްވި ހަފްލާގެ މަންޒަރުތައް ސޯޝަލް މީީޑިއާގައި އާންމުވެ ބޮޑެތި ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. 

ރިސޯޓެއްގައި ހިންގި މި އަމަލުގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ބުނެ ފުލުހުން ބަޔާން ނެރެފައިވަނީ މިއަދު އެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލެއް ކަމަށާއި އެހެންވެ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 

"ފަތުރުވެރިންނަށް ރަމްޒީ ކައިވެނި ހަފުލާ ބޭއްވުމާބެހޭ ގަވާއިދު" ބުނާ ގޮތުން ޓޫރިސްޓުންގެ ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވޭނީ، ޓޫރިޒަމާ ބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކޮށް އޮޕަރޭޓްކުރުމުގެ ހުއްދަ ލިބިފައިވާ ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް، ޔޮޓް މެރީނާ، އަދި ޓޫރިސްޓް އުޅަނދުފަހަރުގަ އެވެ. އަދި އެފަދަ ހަފްލާއެއް ބާއްވާ ތަނެއް ރަޖިސްޓްރީކުރަން ވެސް ޖެހެ އެވެ. 

ރަމްޒީ ކައިވެނީގެ ހަފުލާއެއް ބާއްވާ ކޮންމެ ތަނެއްގައިވެސް، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ ރަމްޒީ ކައިވެނީގެ ހަފުލާ ބާއްވައިދޭނެ ރަމްޒީ މައުޒޫނެއް ނުވަތަ މައުޒޫނުން ރަޖިސްޓަރީވެފައި ތިބެންޖެހެ އެވެ.

ރަމްޒީ ކައިވެނީގެ ހަފުލާއާ ގުޅޭގޮތުން ކުރެވޭ އިންތިޒާމުތައް ކުރެވިފައި ހުންނަންޖެހޭނީ، ދެއްކޭ އަމަލަކުން، ނުވަތަ ބޭނުންކުރެވޭ ބަހަކުން، ނުވަތަ ބޭނުންކުރާ ތަކެތީގެ ގޮތުން ވިޔަސް، އިސްލާމްދީނަށް ފުރައްސާރަ ރައްދުނުވާ ފަދަ ގޮތަކަށް ކަމަށް ވެސް އެ ގަވާއިދުގައި އޮވެ އެވެ.

މީގެ އިތުރުން، މި އިންތިޒާމުތައް ތަންފީޒު ކުރުމުގައި، ރާއްޖޭގެ ސަގާފަތާއި ދިވެހި އާދަކާދަ އާއި އިޖުތިމާއާީ މިންގަނޑަށް އިހްތިރާމް ކުރަންވާނެ ކަމަށާއި މިކަންކަމަށް ހުތުރުވާގޮތަށް، ނުވަތަ ފުރައްސާރަ ރައްދުވާގޮތަށް، އެއްވެސް ކަމެއް، އަމަލުން ނުވަތަ ބަހުން ވެސް، ރަމްޒީ މައުޒޫނާއި ހަފުލާގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެ ކަމަށް އޮވެ އެވެ.