ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނާއި ހަތީބުން ބޭނުންކުރަން ހާއްސަ ހެދުމެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައި، އޭގެ ނަމޫނާއެއް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ދައްކާލައިފި އެވެ. 

ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ހިއްސާކުރެއްވި ފޮޓޯތަކުން ފެންނަނީ ދިވެހިވަންތަ ޑިޒައިންތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ހެދުމާއި ބޮލުގައި އަޅާ ތާކިހަލެވެ. 

ހެދުމާއި ތާކިހަލުގައި ހިމެނޭ ޑިޒައިން ފަރުމާކޮށްފައިވަނީ މިސްކިތުގެ މުންނާރާއި ހުކުރު މިސްކިތުގެ ހިރިގަލުގެ މަސައްކަތްތަކާއި ދިވެހިންގެ ހުނަރު ދައްކުވައިދޭ ތުނޑުކުނަލުގެ ޑިޒައިންތަކުން ހިޔާލު ހޯދައިގެންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއީ އަދި ޑިޒައިންގެ ފުރަތަމަ މަރުހަލާ އެވެ. 

"މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާ އެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް. އަދި ރާއްޖޭގެ ތާރީހާއި ސަގާފަތުގެ އަސަރު ހިމެނޭހެން،" މިނިސްޓަރު ވިދާޅުވި އެވެ. 

ދިވެހި އިމާމުންނަށް ތައްޔާރުކުރާ ހެދުމާއި ތާކިހަލުގެ ނަމޫނާއެއް
ދިވެހި އިމާމުންނަށް ތައްޔާރުކުރާ ހެދުމާއި ތާކިހަލުގެ ނަމޫނާއެއް

މިނިސްޓަރު ވިދާޅުވީ ހެދުން ފަރުމާކުރުމުގައި ބަލަނީ އަސާރީ މަަސައްކަތްތަކާއި ތާރީހުން ފެންނަން ހުރި ދިވެހިވަންތަ އިސްލާމީ ހަޟާރަތުގެ ބަހާތަކުގެ މައްޗަށް ކަމަށެވެ. އުއްމީދަކީ އަންނަ ރޯދަ މަހަށް ތަންފީޒު ކުރެވޭ ގޮތަށް މި މަސައްކަތް ނިންމާލުން ކަމަށް ވެސް ވިދާޅުވި އެވެ. 

އިމާމުންނަށް ހާއްސަ ދިވެހިވަންތަ ހެދުމެއް ފަރުމާކުރަނީ ޝަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ސަގާފަތާއި ތާރީހު ދެމެހެއްޓުމަށާއި ދީނީ ސަގާފަތުގެ ތެރެއަށް ވަދެގެންދާ ބިދޭސީ އާދަކާދައިން ސަލާމަތްވާނެ ގޮތަށް ކަމެއް ކުރުމަށެވެ. 

މިނިސްޓަރު އާންމު ކުރެއްވި ފޮޓޯތަކުން މައިގަނޑު ގޮތެއްގައި މެރޫން ކުލައިގެ ހެދުމަކާއި ތާކިހަލެއް ފެނުނު ނަމަވެސް، އެއީ އަދި ފައިނަލް ކުލަތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.