ރާއްޖޭގެ ރިސޯޓެއްގައި ބިދޭސީ ދެ ފިރިހެނެއްގެ "ކައިވެނިކޮށްދިން" މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ. 

ކައިވެނީގެ ރަސްމިއްޔާތެއްގެ ގޮތަށް އިންތިޒާމުކޮށް ރިސޯޓެއްގެ ބީޗުގައި ބޭއްވި ހަފްލާގެ މަންޒަރުތައް ސޯޝަލް މީީޑިއާގައި އާންމުވެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. 

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލެއް ކަމަށާއި އެހެންވެ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 

"ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ވެފައި، ދީނީ އަދި ޝަރުއީ އުސޫލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު މިފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށާއި، ރިސޯޓްތަކާއި ގެސްޓްހައުސް އަދި އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް މިދިޔަ އަމަލެއް ހިންގިޔަނުދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. 

އިއްޔެގެ ތާރީހުގައި ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. 

ރާއްޖޭގެ ރިސޯޓްތަކުގައި ޓޫރިސްޓުންގެ ރަމްޒީ ކައިވެނި ހަފްލާތައް  ބޭއްވުމަކީ އާންމު ކަމެކެވެ. ދެ ޖިންސުގެ މީހުންގެ ކައިވެނީގެ އިތުރުން އެއްޖިންސުގެ މީހުންގެ މެދުގައި ވެސް މިފަދަ ކަންކަން ރިސޯޓްތަކުގައި އިންތިޒާމްކޮށް ފޮޓޯ އާންމުކޮށްފައި ހުއްޓާ ފެނެ އެވެ. 

މީގެ ކުރިން އާންމުވި މިފަދަ ރަމްޒީ ކައިވެންޏެއްގެ ވީޑިއޯއެއްގައި، ދިވެހި ބަހުން ހަޑި ހުތުރު އިބާރްތައް ބޭނުންކޮށްފައި ހުރި މައްސަލައެއް ވަރަށް ބޮޑުވެ ރަމްޒީ ކައިވެނި ހަފްލާތައް ބޭއްވުމާ ބެހޭ ގަވާއިދެއް ވެސް ހެދި އެވެ. 

"ފަތުރުވެރިންނަށް ރަމްޒީ ކައިވެނި ހަފުލާ ބޭއްވުމާބެހޭ ގަވާއިދު" ބުނާ ގޮތުން ޓޫރިސްޓުންގެ ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވޭނީ، ޓޫރިޒަމާ ބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކޮށް އޮޕަރޭޓްކުރުމުގެ ހުއްދަ ލިބިފައިވާ ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް، ޔޮޓް މެރީނާ، އަދި ޓޫރިސްޓް އުޅަނދުފަހަރުގަ އެވެ. އަދި އެފަދަ ހަފްލާއެއް ބާއްވާ ތަނެއް ރަޖިސްޓްރީކުރަން ވެސް ޖެހެ އެވެ. 

ރަމްޒީ ކައިވެނީގެ ހަފުލާއެއް ބާއްވާ ކޮންމެ ތަނެއްގައިވެސް، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ ރަމްޒީ ކައިވެނީގެ ހަފުލާ ބާއްވައިދޭނެ ރަމްޒީ މައުޒޫނެއް ނުވަތަ މައުޒޫނުން ރަޖިސްޓަރީވެފައި ތިބެންޖެހެ އެވެ.

ރަމްޒީ ކައިވެނީގެ ހަފުލާއާ ގުޅޭގޮތުން ކުރެވޭ އިންތިޒާމުތައް ކުރެވިފައި ހުންނަންޖެހޭނީ، ދެއްކޭ އަމަލަކުން، ނުވަތަ ބޭނުންކުރެވޭ ބަހަކުން، ނުވަތަ ބޭނުންކުރާ ތަކެތީގެ ގޮތުން ވިޔަސް، އިސްލާމްދީނަށް ފުރައްސާރަ ރައްދުނުވާ ފަދަ ގޮތަކަށް ކަމަށް ވެސް އެ ގަވާއިދުގައި އޮވެ އެވެ.

މީގެ އިތުރުން، މި އިންތިޒާމުތައް ތަންފީޒު ކުރުމުގައި، ރާއްޖޭގެ ސަގާފަތާއި ދިވެހި އާދަކާދަ އާއި އިޖުތިމާއާީ މިންގަނޑަށް އިހްތިރާމް ކުރަންވާނެ ކަމަށާއި މިކަންކަމަށް ހުތުރުވާގޮތަށް، ނުވަތަ ފުރައްސާރަ ރައްދުވާގޮތަށް، އެއްވެސް ކަމެއް، އަމަލުން ނުވަތަ ބަހުން ވެސް، ރަމްޒީ މައުޒޫނާއި ހަފުލާގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެ ކަމަށް އޮވެ އެވެ.