ހަވާލުކުރަންޖެހޭ މީހާ ނޫން އެހެން މީހަކާ އޮޅިގެން ހަވާލުކުރެވުނު، ހަދަމުން އަންނަ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ވާ 94،000ރ. ފުލުހުން ހޯދައިފި އެވެ. 

ފުލުހުންގެ ވެބްސައިޓުގައި މިއަދު ބުނީ މި މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި ޓީ-ޖެޓީގައި އޮތް ބޯޓެއްގެ ކެޕްޓަނާ ހަވާލުކުރި 94،000ރ. ލާފައިވާ ސިޓީ އުރައެއް ލިބެންވާ ފަރާތަށް ނުލިބި ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ފައިސާ ހޯދައި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

މާފަންނު ޕޮލިހަށް އެ މައްސަލަ ހުށަހެޅުމުން ސީސީޓީ ފުޓޭޖު ބެލި ނަމަވެސް، ފުޓޭޖުން ބޯޓު ދެނެގަނެވިފައި ނުވާތީ، ބޯޓު އޮތް ސަރަހައްދަށް ފުލުހުން ގޮސް އެ ސަރަހައްދުން އެކި މީހުންނާ ސުވާލުކޮށް މައުލޫމާތު ހޯދައި، ކުރެވުނު މަސައްކަތުން ބޯޓު ދެނެގަނެވި ކެޕްޓަނާ ގުޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ބޯޓުގެ ކެޕްޓަނާ ގުޅުމުން ބޯޓު އޮތީ ވ. އަތޮޅުގައި ކަމަށާއި މީހަކު ގެނެސްދިން ސިޓީއުރައެއް ބޯޓުގައި ހުރި ލޮކަރުގައި އޮތް ކަމަށް ކެޕްޓަން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ފައިސާތައް މިދިޔަ ހޯމަ ދުވަހުގެ ރޭ ކެޕްޓަން ފުލުހުންނާ ހަވާލުކޮށްފައިވާ ފުލުހުން ބުންޏެވެ.

އެ ފައިސާއަކީ ދ. އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނި ގޮތުގައި، ރިސޯޓަށް ފޮނުވުމަށް ފައިސާ ހަވާލުކުރެވުނީ ހަވާލުކުރަން ޖެހޭ ބޯޓުގެ ކެޕްޓަން ނޫން އެހެން ބޯޓެއްގެ ކެޕްޓަނާކަން ވެސް ތަހުގީގަށް އެނގިފައިވެ އެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ނަގުދު ފައިސާ ގެންގުޅުމުގަ އާއި ފައިސާ މީހުންނާ ހަވާލުކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ފައިސާ ހަވާލުކުރާއިރު، ހަވާލުކުރާ ފަރާތަކީ ކާކުކަން ޔަގީންކުރުމަށާއި ބޯޓުގެ ނަމާއި ގުޅޭނެ މައުލޫމާތު ކަށަވަރުކުރުމުގެ އިތުރުން، ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ ޑިޖިޓަލް ކަށަވަރުކުރުމެއް ހޯދުމަކީ މިފަދަ ކަންކަން މަދުކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ. 

މިގޮތަށް އަމަލުކޮށް، އެފަދަ މައުލޫމާތު އެއްކުރުމަށް ސަމާލުކަން ދިނުމަކީ މާލީ ބޮޑެތި ގެއްލުންތަކުން ސަލާމަތްވެ، މިފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ފުުލުހުން ބުންޏެވެ.