ރ. އަލިފުށީގައި އެއާޕޯޓު އަޅަން ހިއްކި ބިމުގެ ބޮޑުބައެއް ގިރައިގެން ގޮސްފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

އެ ރަށުގައި އެއާޕޯޓު އަޅަން ބިން ހިއްކުމާއެކު މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ސެޕްޓެމްބަރު 1، 2021 ގަ އެވެ. އަދި އަމަލީ މަސައްކަތް ފެށީ އޭޕްރީލް 12، 2022 ގަ އެވެ.

މި މަޝްރޫއުގެ ދަށުން އަލިފުށީގައި 50.1 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެގޮތުން ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް 10 ހެކްޓަރުގެ ބިން ހާއްސަ ކުރާނެ އެވެ. އަދި އެއާޕޯޓު ތަރައްގީ ކުރުމަށް ކަނޑައެޅީ 40.5 ހެކްޓަރުގެ ބިމެވެ.

އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން، މިިދިޔަ މަހުގެ ފަހުކޮޅު "މިހާރު"އަށް ވިދާޅުވީ ވެރިކަން ބަދަލުވިއިރު ހިއްކަން ހަމަޖެއްސި ބިމުގެ 15 ޕަސެންޓު މަސައްކަތް ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ބިން ހިއްކުމުގެ 15 ޕަސެންޓް އެމްޓީސީސީން އޭރު ނިންމިއިރު އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ސެޕްޓެމްބަރު 1، 2021 ގަ އެވެ. 

އޭނާ ވިދާޅުވީ ހިއްކި ސަރަހައްދު ހިމާޔަތްކުރަން ވެސް އެއް ވެސް ކަމެއް ނުކުރާތީ އެތަނުގެ ބޮޑު ބައެއް ގިރައިގެން ގޮސްފައިވާ ކަމަށެވެ.

އެކަމުގެ ކަންބޮޑުވުންތައް އެ ކައުންސިލުން ވަނީ ކަމާގުޅޭ އިދާރާތަކަށް ހުށަހަޅައިފަ އެވެ.

"ކަންބޮޑުވުން ހުށަހެޅީމަ ބުނަނީ އެއްކޮށް މަސައްކަތް ހުއްޓާނުލަމޭ. ކުދިކުދި މަސައްކަތް ކޮށްލަމޭ ބުނީ. އެކަމަކު، ބިން ހިއްކުމުގެ އަމަލީ މަސައްކަތެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެއާޕޯޓުގެ މަސައްކަތަށް ގެނައި ސާމާނުތައް ވެސް، ތިން ބުރެއްގެ މަތިން ރަށުން ގެންގޮސްފައިވާ ކަމަށެވެ.

އަލިފުށީ އެއާޕޯޓު އެޅުމުގެ މަސައްކަތް ހުއްޓުނުއިރު، އެ ތަނުގައި ވަނީ ޓާމިނަލްގެ ބޮޑު ބައި ނިންމައިފަ އެވެ. ގެ ގަނޑު ހަދާފައި ހުއްޓަސް ހިޔާނުކުރެ އެވެ. އަދި ފަޔަ ބިލްޑިން ވެސް ހުރީ އެއްކޮށް ނިންމާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، އެމްޓީސީސީގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ އެއާޕޯޓުގެ ސްޓްރަކްޗާއަށް ބޭނުންވާ ފިނިޝިން ސާމާނު މިހާރު ވެސް ހުރީ އެ ސައިޓުގައި ކަމަށެވެ.

ކުރިން މަޑުކޮށްގެން ތިބީ ރޫފިން ޝިންގަލްސް ލިބޭނެ ދުވަހަކަށް ކަމަށާއި އެ ތަކެތި މިހާރު ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

"ރޯދައިގެ ފަހުން އެއާޕޯޓުގެ ސްޓްރަކްޗާގެ މަސައްކަތް އަލުން ފަށަން ވަނީ ރާވާފައި. އަދި އޮމާންކަމާ އެކު ކުރިއަށް ދަންޏާ ރޯދަ ނިމުމުގެ ކުރިން ވެސް މަސައްކަތް ފެށޭނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.