ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހި ހުނަރުވެރިން ބިނާކުރުމަށް އޮޓްމޮސްފިއާ ފައުންޑޭޝަނުން ކޮންމެ އަހަރަކު ވެސް 10 ދިވެހިންނަށް ޑައިވް ޓްރެއިނިން ސްކޮލާޝިޕްތަކެއް ދިނުމަށް ޕްރޮގްރާމެއް އިފްތިތާހުކޮށްފި އެވެ.
އެ ފައުންޑޭޝަނުން ކޮންމެ އަހަރަކު ވެސް ދޭން ނިންމާފައިވާ އެ ސްކޮލާޝިޕަކީ ބައިނަލްއަގްވާމީ ފެންވަރުގެ ސްކޫބާ ޑައިވިން ތަމްރީނުތަކާއި ފަންނީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ ސްކޮލަޝިޕްތަކެކެވެ. އެއީ ޒުވާނުންގެ ވަޒީފާގެ ކުރިމަގު ބިނާކުރުމާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި މަސައްކަތްތެރިންގެ ދައުރު އިތުރަށް ވަރުގަދަކުރުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށް އެ ފައުންޑޭޝަނުން ބުންޏެެވެ.
އެ ޕްރޮގްރާމަށް ކުރިމަތިލުމަށް އަދި ހުޅުވައެއް ނުލަ އެވެ. ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ އެވެ.
އެ ފައުންޑޭޝަނުން ބުނި ގޮތުގައި ޕްރޮގްރާމު ފަރުމާކޮށްފައި ވަނީ އެ ދާއިރާއަށް ވަންނަން ބޭނުންވާ މީހުންނަށް ފުރުސަތު ފަހިކޮށްދިނުމާއި އަސާސީ ތަމްރީނުން ފެށިގެން ފަންނީ ފެންވަރަށް ދިވެހިން ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެ ޕްރޮގްރާމު ފުރިހަމަކުރުމުން ސެޓްފިކެޓް ލިބޭނެ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރިސޯޓުތަކުގެ ޑައިވް ސެންޓަރުތަކާއި ވޯޓާސްޕޯޓްސް އަދި ކަނޑުގެ ތަފާތު ހަރަކާތްތަކާ ގުޅުންހުރި ދާއިރާތަކުން ފުރުސަތު ފަހިވާނެ ކަމަށް ވެސް އެ ފައުންޑޭޝަނުން ބުންޏެވެ.
އެޓްމޮސްފިއާ ފައުންޑޭޝަނުން ބުނީ އެ ޕްރޮގްރާމަކީ އަލަށް ދާއިރާއަށް ވަންނަ މީހުންނާއި މިހާރު ވެސް އެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އިތުރަށް ކުރިއަށް ދިއުމަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ.
އެ ސެޓްފިކެޓްތައް ސްޕޮންސާކުރުމުގެ ބޭނުމަކީ ބައިވެރިންގެ ފަންނީ ގާބިލުކަމާއި ސަލަމާތީ ކަންކަމަށް އަހުވެރިވުމާއި ވަޒީފާގެ މާހައުލަށް ތައްޔާރުކުރުން ކަމަށާއި އެއީ ޑައިވިނާއި ކަނޑާ ގުޅުންހުރި މަގާމުތަކުގައި ކުރިއަށް ދިއުމަށް ކޮންމެހެން ބޭނުންތެރި ހުނަރުތަކެއް ކަމަށް ބުންޏެވެ.
އެ ފައުންޑޭޝަނުން ބުނީ އެ ޕްރޮގްރާމަކީ ރާއްޖެއަށް ދިގު މުއްދަތަކަށް ފައިދާތަކެއް ލިބޭނެ ޕްރޮގްރާމަކަށް ހެދުމުގެ ގޮތުން ކޯސް ފުރިހަމަކުރާ މީހުން، ވަކި މުއްދަތަކަށް ރާއްޖޭގައި މަސައްކަތްކުރަންޖެހޭނެ ކަމަށެވެ.
އެގޮތަށް ކަނޑައަޅާފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންގެ ގާބިލުކަން އިތުރުކުރުމާއި ރިސޯޓުތަކަށް ތަމްރީނު ލިބިފައިވާ ދިވެހި ފަންނުވެރިން ހޯދުމަށް ފަސޭހަކުރުމާއި ދާއިރާއަށް އަލަށް ވަންނަ ޒުވާނުންނަށް ވަޒީފާގެ ދާއިމީކަން ކަށަވަރުކޮށްދިނުމަށެވެ.
އެޓްމޮސްފިއާ ފައުންޑޭޝަނުގެ ނައިބު ރައީސް އަބްދުލްއަޒީޒު އަބްދުލްހަކީމް ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލު ބިނާވެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ހަރުފަތެއްގައި ވެސް ދިވެހިން ތަމްސީލުކުރެވޭ މިންވަރަށް ކަމަށެވެ.
"ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާއިރު، އަޅުގަނޑުމެންގެ މުސްތަގުބަލު ބިނާވެފައިވަނީ މި ދާއިރާގެ ހުރިހާ ހަރުފަތެއްގައި ވެސް ދިވެހިން ތަމްސީލުކުރެވޭ މިންވަރުގެ މައްޗަށް. އެއީ ހަމައެކަނި އެންޓްރީ ލެވެލްގައެއް ނޫން. ހާއްސަކޮށް ފަންނީ ދާއިރާތަކާއި އިސް މަގާމުތަކުގައިވެސް ދިވެހިން ތިބެންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޕްރޮގްރާމަކީ ތަމްރީނު ހޯދުމުގެ ހުރަސްތައް ނައްތާލައި ވަޒީފާގެ މާހައުލުގައި އާ އުސްމިންތަކަކަށް ވާސިލުވުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއް ކަމަށެވެ.
"މި ޕްރޮގްރާމަކީ ތަމްރީނު ހޯދުމަށް ހުރި ހުރަސްތައް ނައްތާލައި، ޒުވާނުންނަށް ބައިނަލްއަގްވާމީ ފެންވަރުގެ ސެޓްފިކެޓްތައް ހޯދައިދީ، އެ ކުދިންގެ ވަޒީފާގެ މާހައުލުގައި އާ އުސްމިންތަކަކަށް ވާސިލުވުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއް. އަދި ރާއްޖޭގައި ހިދުމަތް ކުރުމުގެ ސަބަބުން، ހޯދާ ހުނަރުތަކުގެ ފައިދާ ރާއްޖެއަށް ލިބި، ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިން ބިނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ."
އެ ފައުންޑޭޝަނުން ބުނި ގޮތުގައި މުޖުތަމައުގެ ފާގަތިކަމާއި ކުރިއެރުމަށް މަގުފަހިވާނެ ތަފާތު އިސްނެގުންތަކަށް އެ ފައުންޑޭޝަނުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމާއި ހުނަރު ތަރައްގީކުރުމަށް ދެވޭ ފުރުސަތުތައް އުފައްދަމުން އަންނަ ކަމަށް ބުންޏެެވެ.