ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކާ ޚިލާފަށް، އަމިއްލައަށް އަގު ހަދައި މާލެ އާއި ހުޅުލެ/ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުން ހުޅުމާލެ އަށް ކުރާ ދަތުރުތަކަށް ބައެއް ޓެކްސީ ޑްރައިވަރުން ބޮޑު އަގު ނަގަން ފަށައިފި އެވެ. 

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެތައް ގުނައަކުން އުފުލުމާ ގުޅިގެން، ރާއްޖޭގައި ވެސް އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު އިއްޔެ ބޮޑުކުރި އެވެ. 

އެކަމަކު އެސްޓީއޯއިން މިއަދު ވަނީ އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިން ވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިފަ އެވެ.

އަވަސް ރައިޑުގެ ޓެކްސީ ޑްރައިވަރަކު މިރޭ ބުނީ ޕެޓްރޯލްގެ އަގު އުފުލެމުންދާތީ ޓެކްސީ ދަތުރުތަކަށް ބޮޑު އަގު ނެގުމަށް ސެންޓަރުތަކުން ޑްރައިވަރުންނަށް މިރޭ އަންގާފައިވާ ކަމަށެވެ.

"ޓެކްސީ ޑްރައިވަރުންނަށް މިރޭ ސެންޓަރުން އަންގާފައި އޮތީ އަގުތައް ބަދަލު ކުރުމަށް،" އެ ޑްރައިވަރު ބުންޏެވެ.

ސެންޓަރުތަކުން އެންގީ ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދަ ދީފައިވާ އަގަށް ވުރެ ބޮޑުކޮށް، ދަތުރުތައް ކުރުމަށެވެ. އެކަމަކު، ތެލުގެ އަގަށް ބަދަލު އައުމުގެ ކުރިން ވެސް ބައެއް ޓެކްސީތަކުން ބޭނުން އަގެއް ނަގަމުންދާތީ، މިނިސްޓްރީން ވަނީ ބޮޑު އަގު ނަގާ ނަމަ ރިޕޯޓްކުރަން އެދިފަ އެވެ. 

ދަތުރުކުރާ މީހުންގެ އަތުން ނަގަން ސެންޓަރުން މިރޭ އެންގި އަގުތައް

  • މާލެ-ހުޅުމާލެ ފޭސް 1: 95ރ.
  • މާލެ-ހުޅުމާލެ ފޭސް 2: 120ރ.
  • މާލެ-ހުޅުލެ: 85ރ.
  • ހުޅުމާލެ ފޭސް 1-ހުޅުލެ: 95ރ.
  • ހުޅުމާލެ ފޭސް 2-ހުޅުލެ: 95ރ.

މި އަގުތައް ނަގަން އެންގިއަސް މިއީ މިނިސްޓްރީން ހުއްދަ ދީފައިވާ އަގުތަކެއް ނޫނެވެ. ޓެކްސީ ދަތުރުތައް ކުރެވޭނީ ކަނޑައަޅައި އާއްމުކޮށްފައިވާ އަގަށް އެކަނި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ވަނީ އިއުލާންކޮށްފަ އެވެ. 

ޓެކްސީގެ އަގުތަކަށް ޓްރާންސްޕޯޓުން ހުއްދަ ދީފައިވާ އަގު

- މާލެ، ހުޅުމާލެ އެތެރޭގެ ދަތުރުތަކަށް، 30ރ. 

- މާލެ- ހުޅުމާލެ އެކަކަށް، 85ރ.

- މާލެ- ހުޅުމާލެ 2 އަކަށް 100ރ.

- މާލެ- ހުޅުލެ އަށް 70ރ.

- ހުޅުމާލެ 1 އިން ހުޅުލެ އަށް 80ރ.

- ހުޅުމާލެ  2 އިން ހުޅުލެ އަށް 85ރ.

- ހުޅުމާލެ 1 އިން ހުޅުމާލެ 2 އަށް 40ރ.