އެސްއެމްއީ ޑިޖިޓަލުގެ ހަތް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބިދޭސީ މަސައްކަތްތެރިންނަށް ރޯދަ ވީއްލަން ކާބޯތަކެތީގެ ޕެކްތައް ބަހައިފި އެވެ.
ބިދޭސީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން ކާބޯތަކެތީގެ ޕެކު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު އެ ހަރަކާތުގައި އެސްއެމްއީ ޑިޖިޓަލްގެ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވި އެވެ.
އެސްއެމްއީ ޑިޖިޓަލުން ބުނީ އެ ހަރަކާތް ކުރިއަށް ގެންދިޔައީ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ އިގްތިސާދަށާއި މުޖުތަމައަށް ކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބުނި ގޮތުގައި އެ މަސައްކަތަކީ މުވައްޒަފުންގެ މެދުގައި ގުޅުންބަދަހިކޮށް، މުޖުތަމައުއަށް އަނބުރާ ދިނުމުގެ ރޫހު ދިރުވުމަށް ހިންގި ހަރަކާތެކެވެ.
މި އަހަރުގެ ރޯދަ މަހާ ދިމާކޮށް، އެސްއެމްއީ ޑިޖިޓަލް އިން ވަނީ މަމްސް އެއިޑް ޖަމިއްޔާއާ ގުޅިގެން އެންމެ ބޭނުން ޖެހިފައިވާ އާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތުގައި ކުންފުނީގެ މުވައްޒަފުންގެ ޑޮނޭޝަނާއި އަދި ކުންފުނީގެ ފަރާތުން ހަދިޔާކުރި ފައިސާ ހަދިޔާކޮށް، ދަތި ހާލުގައި އުޅެމުންދާ އާއިލާތަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނެވެ.
ވިޔަފާރިވެރިން ބާރުވެރިކުރުވުމާއި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަރުދަނާކޮށް ތަރައްގީކުރަމުން އަންނަ އެސްއެމްއީ ޑިޖިޓަލުން ވަނީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި 4000 އަށް ވުރެ ގިނަ ކުދި ވިޔަފާރިތަކަށް މާލީ އެހީ ދީފަ އެވެ.
އެސްއެމްއީ ޑިޖިޓަލުން ބުނީ ސީއެސްއާރު ހަރަކާތްތައް މެދުވެރިކޮށް އިޖުތިމާއީ ޒިންމާ އާއި މުޖުތަމައާ ގުޅުން ބަދަހިކުރުމާއި އެންމެންގެ ހިއްސާއާ އަދި ބައިވެރިވުން ހިމެނޭ ތަރައްގީ ގެނައުމުގައި ހަރަކާތްތެރިވަމުންދާނެ އެ އިދާރާ ކުރިއަށް ދާނެ ކަމަށެވެ.