އައްޑޫ ހިތަދޫގެ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި ހިނގި އެކްސިޑެންޓެއްގައި އެކެއްގެ ހާލު ސީރިއަސްވެ ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:50 ގައި ކަމަށެވެ. 

އެ ހާދިސާ ހިނގިއިރު އޭގައި ހަތަރު މީހަކު ތިއްބެވެ. ފުލުހުން ބުނި ގޮތުގައި އެ އެންމެނަށް ވެސް އެކި ވަރުގެ އަނިޔާ ވެފައި ވާއިރު އޭގެ ތެރެއިން ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. 

އެއީ އައްޑޫ ވެމްކޯގައި މަސައްކަތްކުރާ، އުމުރުން 30 އަހަރުގެ މީހެއް ކަމަށް އެނގިފައިވެ އެވެ. 

އެ އެންމެނަށް ވެސް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. 

އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި އެކްސިޑެންޓުވިވި ކާރު ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެއީ ޓެކްސީއެއްގެ ގޮތުގައި ބޭނުންކުރާ ކާރެކެވެ.