މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ރާއްޖެ އަށް އަސްކަރީ ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ދެއްވައިފި އެވެ.

މިދިޔަ ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާނުގެ ރައްދުގައި އީރާނުން ދަނީ އިޒްރޭލުގެ އިތުރުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތައް ދެމުންނެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒު ޑިއެގޯ ގާސިއާ (ފޯޅަވަހި) އަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާތަކެއް ދިން ކަމުގެ ރިޕޯޓުތައް ވަނީ ދައުރުވެފަ އެވެ.

ރާއްޖެއާ އެހާ ކައިރިއަށް ހަނގުރާމައިގެ އަސަރު އައުމާ އެކު، ރާއްޖެ އަށް އޮތް ނުރައްކަލާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޣައްސާން ވަނީ ރާއްޖެ އަށް އެފަދަ ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"ހަނގުރަމާއާ ގުޅިގެން ރާއްޖެއަށް މި ވަގުތު އަސްކަރީ އެއްވެސް ނުރައްކަލެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ ހަނގުރާމަ ފެށި ދުވަހުން ފެށިގެން، ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދާއި އެ ނޫން އެއްވެސް ތަނެއް އެއްވެސް ގައުމަކަށް ނުދޭ ގޮތަށް ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. 

ފޯޅަވައްސަށް ހަމަލާ އަމާޒު ކުރި ކަމަށް ބުނާ ރިޕޯޓުތައް އީރާނުން ފަހުން ވަނީ ދޮގުކޮށްފަ އެވެ.