ރ. އުނގުލަކީ އެ އަތޮޅު އުނގޫފާރުގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވުމާ އެކު، އެ ރަށަށް އަރައި ފޭބޭނީ ހަމައެކަނި އުނގޫފާރު ރަށްވެހިންނާއި އެރަށު މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުންނާއި އެ މީހުންގެ ދަރިންނަށް ކަމަށް އެ ރަށު ކައުންސިލުން ކަނޑައަޅައިފި އެވެ. 

އުނގޫފާރު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ރައީސްގެ ގަރާރަކުން އުނގުލަކީ އުނގޫފާރު ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ އެރަށާ މެދު އަމަލުކުރާނެ ވަކި އުސޫލެއް ކަނޑައަޅައި ނިމެންދެން އެ ރަށަށް އަރައި ފޭބުމުގައި އަމަލުކުރާނީ ވަކި އުސޫލެއްގެ ދަށުން ކަމަށެވެ.  

އެ އުސޫލުގައި ހަ ކަމެއް ފާހަގަކޮށްފައިވެ އެވެ.

ރ. އުނގުލު: މި ރަށަށް ހުއްދަ ނުހޯދައި އެހެން ރަށްރަށުގެ މީހުން އެރުން އުނގޫފާރު ކައުންސިލުން ވަނީ މަނާކޮށްފައި.
ރ. އުނގުލު: މި ރަށަށް ހުއްދަ ނުހޯދައި އެހެން ރަށްރަށުގެ މީހުން އެރުން އުނގޫފާރު ކައުންސިލުން ވަނީ މަނާކޮށްފައި.

އުނގޫފާރު ކައުންސިލުން ބުނީ އުނގުލަށް އެރުމަށް ހުއްދަ ދެވޭނީ ކައުންސިލުން އާންމުކޮށްފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރާ ފަރާތްތަކަށް ކަމަށެވެ. ގޫގުލް ފޯމް ފުރިހަމަ ކުރުމުގެ ސުންގަޑި އަކީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިންނެވެ.

އެ އިއުލާނުގައި ބުނީ އުނގުލަށް އަރައި ފޭބުމުގެ ހުއްދަ ދެވޭނީ އުނގޫފާރުގެ ރަށްވެހިންނާއި އެރަށުގެ ރަށްވެއްސަކާ ކައިވެނިކޮށްގެން އުނގޫފާރުގައި ދިރިއުޅޭ މީހުންނާއި އެމީހުންގެ ދަރިންނަށް ކަމަށެވެ. 

އެ ކައުންސިލުން ވަނީ އެ އެންގުމާ ހިލާފަށް ރަށަށް އަރައި ފައިބާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފަ އެވެ. 

"ވީމާ، މި ކައުންސިލްގެ ރަސްމީ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން ރ. އުނގުލަށް އަރާ ފޭބުމަކީ މަނާކަމެއްކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ. އަދި މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު، ކަނޑައެޅިފައިވާ ގާނޫނީ އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މި ކައުންސިލުން އަޅަމުންދާނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދަންނަވަމެވެ." އިއުލާނުގައިވެ އެވެ. 

ހުއްދައަށް އެދުމުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:30 އިން ހަވީރު 5:00 ދެމެދުގެ ކޮންމެ ވަގުތެއްގައި ވެސް އުނގުލަށް އެރުމުގެ ފުރުސަތު އެމީހުންނަށް ދެވޭނެ އެވެ. 

ކައުންސިލުން ބުނީ ރަށުން ހޮވާ ކޮންމެ ހަތަރު ކާއްޓަކުން އެއް ކާށި ކައުންސިލަށް ދޭންޖެހޭނެ ކަަމަށެވެ. ހޮވާ ކާށީގެ ތެރެއިން ކައުންސިލަށް ލިބޭ ކާށި ވިއްކުމަށް ހަމަޖެހިފައި ވަނީ އުނގުލުން ގަންނަ ނަމަ، 5ރ. އަށް އަދި އުނގޫފާރުން ގަންނަ ނަމަ، 7ރ.އަށް ކާއްޓެއް ލިބޭ ގޮތަށެވެ.

ކައުންސިލުން ބުނީ އެތަކެތި ފިޔަަވައި ކުއްޅަވައް، ފަން އަދި މިދިލި އޮށް ހޮވާ މީހުންނަށް އެތަކެތި ލިބޭނެ ކަމަށެވެ. 

ރުއް ގަހަށް އެރުމާއި ރުއް ކެނޑުމާއި ދިގު ދަނޑި ބޭނުން ކޮށްގެން ރުއްއެޅުމަކީ މަނާ ކަމެއް ކަމަށް ބުންޏެވެ. އަދި ރަށުގެ ސާފުތާރިހުކަން ދެމެހެއްޓުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.