ރ. އުނގުލަކީ އެ އަތޮޅު އުނގޫފާރުގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު ހަމަޖެއްސެވުމާ އެކު، އެ ރަށަށް އަރައި ފޭބޭނީ ހަމައެކަނި އުނގޫފާރުގެ ރަށްވެހިންނާއި އެރަށު މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުންނާއި އެމީހުންގެ ދަރިންނަށް ކަމަށް ކަނޑައަޅައި އުނގޫފާރު ކައުންސިލުން ނިންމި ނިންމުން ބަދަލުކުރަން އަންގައިފި އެވެ.
އުނގޫފާރު ކައުންސިލުން އިއްޔެ ގެޒެޓުކުރި އިއުލާނުގައި ވަނީ ރައީސްގެ ގަރާރަކުން އުނގުލަކީ އުނގޫފާރު ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ އެރަށާ މެދު އަމަލުކުރާނެ ވަކި އުސޫލެއް ކަނޑައަޅައި ނިމެންދެން އެ ރަށަށް އަރައި ފޭބުމުގައި އަމަލުކުރާނީ ވަކި އުސޫލެއްގެ ދަށުން ކަމަށް ބުނެފަ އެވެ. އޭގައިވާ ގޮތުން ރަށަށް އެރެެނީ އެރަށު މީހުންނަށް އެކަންޏެވެ.
އެކަމާ ގުޅިގެން އަތޮޅުގެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވަނިކޮށް، ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު، "މިހާރު" އަށް ވިދާޅުވީ އުނގުލަށް އެހެން ރަށްރަށުގެ މީހުންނަށް ނޭރޭ ގޮތަށް ނުހެދޭނެ ކަމަށެވެ.
އެކަމަކު އެންމެނަށް ވެސް އެރޭނެ ފަދަ އުސޫލެއް ކައުންސިލުން ހަދަންޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ރަށް ބަލަހައްޓަން އުސޫލުތަކެއް ހަދަންދެކަށް ކަމަށް. އެކަމަކު މީހުންނަށް ނޭރޭ ގޮތަކަށް ނުހެދޭނެ ދެއްތޯ. އެންމެނަށް ވެސް އެރޭނެ. އެކަމަކު އެރޭނެ އުސޫލެއް އެމީހުން ހަދަންވާނެ،"
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އުނގޫފާރު ކައުންސިލުގެ ރައީސަށް ގުޅައި އެ ނިންމުން ބަދަލުކުރުމަށް މިހާރު ވަނީ އަންގަވައިފަ އެވެ.
"ރައީސަށް [އުނގޫފާރު ކައުންސިލު] ދަންނަވައިފިން އަޅުގަނޑު ޗޭންޖްކޮށްލަން،"
އާދަމް ޝަރީފް ވިދާޅުވީ އެ ކައުންސިލުން އެފަދަ ނިންމުމެއް ނިންމީ އުނގުލަކީ ފަޅު ރަށަކަށް ވެފައި ބޭނުންހާ ބަޔަކު އަރައި ފައިބާނަމަ ރަށް ބެލެހެއްޓުމަށް އުނދަގޫވާނެތީ ކަމަށް ބެލެވޭ ކަމަށެވެ.
"ކޮންމެހެން އެ ބޭފުޅުންގެ އިންޓެންޝަނެއް ނެތްކަންނޭނގެ އެހެން އެއްވެސް ބަޔަކު އެރިޔަ ނުދޭކަށެއް. އެކަމަކު އެއީ ދެން އެމީހުންގެ ތަނެއްކަން އެހެންވީމަ ރަށު މީހުންނަށް އެރޭނެކަން. އެހެންނަމަވެސް އާންމުންނަށް ބޭނުންހާ ގޮތަކަށް އަރައި ފައިބާކަމަށްވަންޏާ، އެއީ މީހުން ނޫޅޭ ރަށެއްވީމަ ނުއެއް ބެލެހެއްޓޭނެ. އެހެންވެ އެބޭނުމުގައި ކަމަށް އަޅުގަނޑުމަށް ބެލެވެނީ."
އުނގޫފާރު މީހުންނަށް އެކަނި އެރަށަށް އެރޭ ގޮތަށް އިއްޔެ ނިންމިއިރު އުނގުލުގެ މީހުން އާބާދުކޮށްފައި އޮންނަނީ އެއަތޮޅު ހުޅުދުއްފާރުގަ އެވެ. އެހެންވެ، އުނގުލު މީހުންނަށް ވެސް އެ ރަށަށް ނޭރޭ ގޮތަށް ހެދުމުން ސޯޝަލް މީޑިއާގައި މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އުނގޫފާރު ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން އުނގުލަށް އެރުމަށް ހުއްދަ ދެވޭނީ ކައުންސިލުން އާންމުކޮށްފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރާ ފަރާތްތަކަށެވެ. ގޫގުލް ފޯމް ފުރިހަމަ ކުރުމުގެ ސުންގަޑި އަކީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިންނެވެ.
ހުއްދައަށް އެދުމުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:30 އިން ހަވީރު 5:00 ދެމެދުގެ ކޮންމެ ވަގުތެއްގައި ވެސް އުނގުލަށް އެރުމުގެ ފުރުސަތު އެމީހުންނަށް ދެވޭނެ އެވެ.
ކައުންސިލުން ވަނީ އިއްޔެގެ އިއުލާނާ ހިލާފަށް އެރަށް އަރައި ފައިބާހަދާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.