ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ އަހަރު ނުވާ ކުދިން ފޮސްޓާކުރާ ނުވަތަ އާއިލާ ތެރޭގައި ބަލަަހައްޓަން ހަވާލުވާ ވަޒީފާގައި އުޅޭ ބެލެނިވެރިންނަށް، ވިހެއުމުން ލިބޭ ފަދަ ޗުއްޓީއެއް ލިބޭނެ އިންތިޒާމް އަންނަ މަހު ހަމަޖެހިގެންދާނެ ކަމަށް އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ފޮސްޓާ ކުރުމާ ގުޅޭ ގޮތުން ހުރި އެކި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފޮސްޓާކުރުމުގެ މަރުހަލާ ކުރިން އޮތް ގޮތުން އެކަން ވަރަށް ދިގުލައިގެންދާތީ، އެކަމުގެ ޝައުގުވެރިކަން ހުންނަ އާއިލާތަކަށް އުނދަގޫތަކެއް ކުރިމަތިވެ އެވެ. ތުއްތު ކުދިން ފޮސްޓާ ކުރާ ބެލެނިވެރިން، އެ ކުދިން ތުއްތު އިރު ކުދިންނަށް އަޅާލައި ވަގުތު ހޭދަ ނުކުރެވޭ މައްސަލަ ވެސް ހުށަހަޅާ ކަމަށް އައިޝަތު ޝިހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުދިން ފޮސްޓާކުރުން ފަސޭހަކޮށްދޭން "ޓެމްޕަރަރީ ފޮސްޓަރިން"ގެ ނަމުގައި ލުއިގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށާއި ކުދިންނަށް ވަގުތު ދިނުމަށް ވިހެއުމުން ލިބޭ ކަހަލަ ޗުއްޓީއެއް ލިބޭނެ އިންތިޒާމު އަންނަ މަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށެވެ.
"ކުދިންނާ ހަވާލުވާއިރު ވަރަށް ތުއްތު ކުދިން. ވަރަށް ގިނަ ފަހަރަށް އެ ކުދިންނަކީ ހޮސްޕިޓަލް ތެރެއިން ވިހައި ނިމިގެން އެންއައިސީޔޫ ތެރޭގައި އަދި އޭގެ ފަހުން ވޯޑުގެ ތެރޭގައި ވެސް މަހެއްހާ ދުވަހު ބަލަހައްޓަން ޖެހޭ. އެ ބަލަހައްޓާ މުއްދަތު ތެރޭގައި ވަޒީފާ އަދާކުރާ ފޮސްޓާ ބެލެނިވެރިން ވަޒީފާއަށް ދަމުން ހޮސްޕިޓަލުގައި އެ ހުރިހާއިރު ތިބެން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"ސިވިލް ސާވިސްގައި ވިހެއުމުގެ ތެރޭގައި އެބަ ލިބޭ މެޓާނިޓީ ލީވަކާއި ޕެޓާނިޓީ ލީވަކާ. އެ މަޝްވަރާ ތަކަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން ސިވިލް ސާވިސްގައި އެ މަޝްވަރާ ކުރެވިގެން، އަންނަ މަހު ފޮސްޓަ ކުރާ ކުދިންގެ ބެލެނިވެރިންނަށް ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ހަމަޖެހިފައި އެ އޮތީ."
ހޮސްޕިޓަލުގެ ތެރެއިން ނޫން ގޮތަށް ފޮސްޓާ ކުރާ ކުދިންނާ ގާތް ގުޅުމެއް އުފެއްދުމަށް ވަގުތުތަކެއް ބޭނުންވާ ކަމަށާއި އެފަދަ ބެލެނިވެރިންނަށް ވެސް ޗުއްޓީ ދިނުމާ މެދު މަޝްވަރާކުރެވި އެކަން ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ފޮސްޓާ ކުރާ ކުދިންގެ އަދަދު ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ. މިިދިޔަ ދެ އަހަރުގެ ތެރޭގައި އެކަނި ވެސް 111 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތަކީ ދައުލަތުގެ ބެލުމުގެ ދަށުން ހިޔާގައި ކުދިން ބޭތިއްބުމުގެ ބަދަލުގައި އާއިލާތަކާ އެކު އުފާވެރި ދިރިއުޅުމެއްގެ ފުރުސަތު ފަހިކޮށްދިނުމެވެ.