ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ ތެރެއިން، ފޮސްޓާ ކުރާ ކުދިން (އާއިލާއެއްގެ ބެލުމުގެ ދަށަށް ގެންދާ ކުދިން) ބަލަހައްޓާ ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިސް ސާވިސް ގަވާއިދު އިސްލާހުކޮށްފި އެވެ.

އުމުރުން ހަ މަސް ނުވާ ކުދިންނާއި ހަ މަހަށްވުރެ ބޮޑެތި ކުދިންނާ ހަވާލުވެ ބަލަހައްޓާ ބެލެނިވެރިންނަށް ހާއްސަ ޗުއްޓީއެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިދިޔަ މަހު ވަނީ ވިދާޅުވެފަ އެވެ.

މި ޗުއްޓީ ލިބޭ ގޮތަށް ސިވިސް ސާވިސް ގަވައިދު އިސްލާހުކޮށް އިއްޔެ ވަނީ ގެޒެޓްކޮށްފަ އެވެ. އޭގައިވާ ގޮތުން؛

  • ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖާއާ ބެލެނިވެރިކަން ހަވާލުވާއިރު ކުއްޖާގެ އުމުރުން ހަ މަސް ނުފުރޭ ނަމަ، ކުއްޖާގެ އުމުރުން ހަ މަސް ހަމަވާ ދުވަހުގެ ނިޔަލަށް މުސާރަ އާއި އިނާޔަތް ލިބޭގޮތަށް ޗުއްޓީއެއް ލިބޭނެ
  • ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖާއާ ބެލެނިވެރިކަން ހަވާލުވާއިރު ކުއްޖާގެ އުމުރުން ހަ މަސް ފުރިފައިވާ ނަމަ ނުވަތަ ހަ މަސްދުވަސް ފުރެން 30 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، މުސާރަ އާއި އިނާޔަތްތައް ލިބޭގޮތަށް 30 ދުވަހުގެ ޗުއްޓީއެއް އެ ބެލެނިވެރިޔާއަށް ލިބޭނެ

ފޮސްޓާކުރުމުގެ މަރުހަލާ ކުރިން އޮތް ގޮތުން އެއީ ވަރަށް ގިނަ ދުވަސް ހޭދަވާ ކަމަކަށް ވެފައި އެކަމުގެ ޝައުގުވެރިކަން ހުންނަ އާއިލާތަކަށް އޮތް އުނދަގުލާ ހެދި މިފަދަ ޗުއްޓީއެއް މުހިންމު ކަމަށް މިނިސްޓަރު ކުރިން ވިދާޅުވެފައި އެވެ. ތުއްތު ކުދިން ފޮސްޓާ ކުރާ ބެލެނިވެރިން، އެ ކުދިން ތުއްތު އިރު އަޅާލައި ވަގުތު ހޭދަ ނުކުރެވޭ މައްސަލަ ވެސް ހުށަހަޅާ ކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ފޮސްޓާކުރާ ކުދިންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. މިިދިޔަ ދެ އަހަރުގެ ތެރޭގައި އެކަނި ވެސް 111 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތަކީ ދައުލަތުގެ ބެލުމުގެ ދަށުން ހިޔާގައި ކުދިން ބޭތިއްބުމުގެ ބަދަލުގައި އާއިލާތަކާ އެކު އުފާވެރި ދިރިއުޅުމެއްގެ ފުރުސަތު ފަހިކޮށްދިނުމެވެ.