އައްޑޫގެ ތަރައްގީ އަށް ބޮޑެތި އަދި ގިނަ މަސައްކަތްތަކެއް ކުރައްވައި، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަހުމަދު ސޯލިހު އަލި ދީދީ އުމުރުން 92 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.
ސ. ހިތަދޫ، ފެހިވިލާގެ، އަހުމަދު ސޯލިހު އަލިދީދީ އަވަހާރަވީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މިއަދުގެ ވަގުތެއްގަ އެވެ.
އޭނާގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ މިރޭގެ އިޝާ ނަމާދަށް ފަހު ހިތަދޫ މަސްޖިދުއްތަގުވާ (ހުސައިން މޫސާ މިސްކިތް) ގަ އެވެ. މައްޔިތާ އަށް ޒިޔާރަތް ކުރުން އޮންނާނީ މިއަދުގެ މެންދުރު 2 އިން އިރުއޮއްސި 6:30 ވަންދެންނެވެ.
އަހުމަދު ސޯލިހު އަލިދީދީ ވަނީ ދިވެހި ދައުލަތަށް 45 އަހަރު ހިދުމަތް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިތަދޫ ކަތީބުކަމާއި އައްޑު އަތޮޅުގެ އަތޮޅުވެރިޔާ ވެރިކަމާއި އައްޑު އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ވެސް ހިމެނެ އެވެ.
އޭގެ އިތުރުން ގަން އެއާޕޯޓުގެ މެނޭޖަރުކަމާއި ގަމުގެ އެސްޓީއޯގެ މެނޭޖަރުކަމާއި ހިތަދޫގެ ސްޓެލްކޯގެ މެނޭޖަރުކަމާއި ޑެޕިއުޓީ މެނޭޖަރު ކަން އަހުމަދު ސޯލިހު އަލިދީދީ ކުރައްވާފައިވެ އެވެ.
އޭނާ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1965 ވަނަ އަހަރު އެވެ. ރިޓަޔާ ކުރެއްވީ 2009 ވަނަ އަހަރު އެވެ.
"އަހުމަދު ސޯލިހު ވަނީ އައްޑޫ ރައްޔިތުންނަށް ނުހަނު ގިނަ އަގުހުރި ހިދުމަތްތަކެއް ކުރައްވާ އައްޑޫގެ ތަރައްގީއަށާއި ކުރިއެރުމަށް ގިނަ މަަސައްކަތްތަކެއް ކުރައްވާފައި،" އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
ސުވަދީބުގެ ނަމުގައި ދެކުނުގެ ހަތަރު އަތޮޅުން ވަކިވެގެން އުފައްދަން އުޅުނު ދައުލަތާ ދެކޮޅަށް ވެސް އަހުމަދު ސޯލިހު އަލިދީދީ މަސައްކަތް ކުރެއްވި އެވެ. އޭނާ މަސައްކަތް ކުރައްވާފައިވަނީ ދިވެހި ދައުލަތަށް ތެދުވެރިވެ، ބައިބައިވުމާ އިދިކޮޅަށެވެ.
އެ ހަރަކާތުގެ ވެރިންނަށް ނަސޭހަތްތެރިވެ، ވިސްނަވައި ދެއްވައި، ހަމަޖެހުން ގާއިމް ކުރަން އަހުމަދު ސޯލިހު އަލިދީދީ ވަރަށް ބޮޑަށް ބާރު އެޅުއްވި އެވެ.
އައްޑު އަތޮޅުން ގައުމީ މުބާރާތެއްގައި ބައިވެރިވުމަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ ވެސް އަހުމަދު ސޯލިހު އަލިދީދީ އަށެވެ. އެގޮތުން އޭނާގެ މެނޭޖަރު ކަމުގައި އުފެއްދި ފުޓްބޯޅަ ކްލަބު އޭއެސްއޭ އިން ގައުމީ މުބާރާތުގައި ވާދަކޮށް ދެވަނަ ހޯދި އެވެ.
އޭނާގެ އިޖުތިމާއީ މަސައްކަތްތައް ފާހަގަކޮށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ޝަރަފުވެރިކަމުގެ އެވޯޑެއް ވެސް އަރުވައިފަ އެވެ.