ކަސްޓަމްސް އަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

ކަސްޓަމުން ކުރި އިއުލާނެއްގައި ބުނީ އެ އިދާރާއިން ގާއިމްކޮށްފައިވާ އެކި އޮފީސްތަކަށް 48 އެސިސްޓެންޓް އޮފިސާ ޓްރެއިނީން ބޭނުންވާ ކަމަށެވެ.

އެ މަގާމުގެ މުސާރައަކީ 5،000ރ. އެވެ. އޭގެ އިތުރުން އެލަވަންސްގެ ގޮތުގައި 4،660ރ. އާއި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75ރ. ގެ އިތުރުން ކޮއްތު ފައިސާ އާއި އިތުރު ގަޑީގެ ފައިސާ އާއި ބަންދު ގަޑީގެ ފައިސާގެ އިތުރުން އެހެނިހެން އިނާޔަތްތަކާއެކު މަހަކު ޖުމްލަ 11،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.

އެ މަގާމުގެ ޝަރުތަކީ ޖީސީއީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބުމާއި ސެކަންޑަރީ ސްކޫލު އިމްތިހާނުން ދަށްވެގެން ސީ ފާސް އަދި ކަސްޓަމްސް އިން ކަނޑައަޅާ ފިޒިކަލް ޓެސްޓުން ފާސްވުމެވެ. 

ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ލެވެލް 3 ހާސިލްކޮށްފައިވުމާ އެކު އޯ ލެވެލް ދިވެހި މާއްދާއިން ދަށްވެގެން ސީ ލިބިފައި ވުން ނުވަތަ ނޭޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ ކަސްޓަމަސްގެ އެފަދަ މަސައްކަތާ ގުޅުން ހުރި ގައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެ މަގާމަށް އަންނަ އޭޕްރީލް މަހުގެ 1 ވާ ބުދަ ދުވަހުގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށް އިއުލާނުގައި ވެ އެވެ. އެ ވަޒީފާގެ ފުރުސަތު ދީފައި ވަނީ އުމުރުން 18-30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެ އުމުރު ބަލަނީ މި މަހުގެ ނިޔަލަށެވެ.