އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ފާޑު ވިދާޅުވެ ޖަލްސާއެއްގައި ދެއްކެވި ވާހަކާގައި ސަރުކާރު ސިފަކޮށްދިނުމުގެ ބޭނުންކުރެއްވި ދިވެހި ބަހުގެ މަޖާޒީ މިސާލަކުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރައްސާރަވާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވުމުން، އެކަމާ ގުޅިގެން ޝާހިދު މާފަށް އެދިވަޑައިގެންފި އެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރަން އުފައްދާފައިވާ ޑިސްއޭބިލިޓީ ކައުންސިލުން ވަނީ "ކަނަކު އިޝާ ނަމާދަށް ދާހެން" ސަރުކާރުން ލާހޫރެނީ ކަމަށް ޝާހިދު ވިދާޅުވުމުން އެ ވާހަކަ ކުށްވެރިކޮށްފަ އެވެ.

ޝާހިދު ވިދާޅުވީ ކެންޕެއިން ޖަލްސާއެއްގައި ސަރުކާރުން ކަންކުރާގޮތް ސިފަކޮށްދިނުމުގެ ގޮތުން ބޭނުންކުރި ދިވެހި ބަހުގެ މަޖާޒީ މިސާލު ބަހަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންގެ ކަރާމާތަށް އުނިކަމެއް ރައްދުކުރުމުގެ ނިޔަތުގައި ބޭނުންކުރެއްވި ބަހެއް ނޫން ކަމަށެވެ. އެކަމަކު އޭނާ ވަނީ އެކަމާ ގުޅިގެން މާފަށް އެދިވަޑައިގެންފަ އެވެ. 

"އެހެންނަމަވެސް ދިވެހިބަހުގެ ޒަމާންވީ މިބަސް އަޅުގަނޑަށް ބޭނުންކުރެވިފައިވާތީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ އެންމެ ބޭފުޅުންގެ އަރިހުން މައާފަށް އެދެމެވެ،"

ޝާހިދު ވަނީ ދިވެހި ބަސްފޮތުގައި ހުރެދާނެ އެފަދަ ހުރިހާ ބަސްތަކެއް އުނިކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވައިފަ އެވެ. 

ޝާހިދު ބޭނުންކުރެއްވި މިސާލު ބަހަކީ، ސީދަލަށް ޔަގީންކަމާ އެކު ކުރިއަށް ނުދެވި ހޫރެމުން ހިނގަމުން ދިއުމާ ގުޅުވައި ބޭނުންކޮށް އުޅޭ މިސާލު ބަހެކެވެ. ބައެއް މީހުން ދަނީ ޝާހިދުގެ އެ މިސާލު ދިފާއު ވެސް ކުރަމުންނެވެ. އެގޮތަށް ދެކޭ މީހުން ބުނާ ގޮތުގައި ޝާހިދު ޖެއްސެވި މިސާލު މައްސަލައަކަށްވާ ނަމަ، "ފެތުނު އޮޑީ ރިޔާ ދަށުވިޔަސް ކަނަކު އަތްދަށުނުވާށެވެ." ފަދަ މިސާލުތަކެއް ވެސް ބޭނުމެއް ނުކުރެވޭނެ އެވެ. 

ޑިސްއެބިލިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނުގައި ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ފަހިފެހި ތިނަދޫ ސިޓީ މެނިފެސްޓޯ އިފްތިތާހުކުރަން ބޭއްވި ޖަލްސާގައި ޝާހިދު ވާހަކަ ދެއްކެވީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަދި މަލާމާތް ރައްދުވާ ބަހުރުވައިން ކަމަށެވެ. 

ކައުންސިލްގެ ބަޔާނުގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ރާއްޖެ ބައިވެރިވެފައިވާ ހުރިހާ ބައިނަލްއަގްވާމީ މުއާހަދާތަކުންނާއި ގާނޫނުއަސާސީން ރައްކާތެރިކަން ލިބިގެންވާ ބައެއް ކަމަށެވެ. އަދި ގާނޫނުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އިހްތިރާމުކުރުމާއި އަމިއްލަވަންތަކަމާއި މިނިވަންކަމާ އެކު ދިރިއުޅުމުގެ ފުރުސަތަކީ އެ މީހުންނަށް ލިބިގެންވާ ހައްގެއް ކަމަށް ބަޔާނުގައި ބުންޏެެވެ.