ދަނޑުވެރިކަމުގެ ވިޔަފާރިކުރާ، ސަރުކާރުގެ ކުންފުނި އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރު ހުސައިންދީދީ ވެސް މިއަދު މަގާމުން ވަކިކޮށްފި އެވެ.
އޭނާ މަގާމުން ވަކިކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމަކުރި ނަމަވެސް ސަބަބެއް ނުބުނެ އެވެ.
އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރުކަމުން ހުސައިންދީދީ ވަކިކުރި އިރު، ސަރުކާރުގެ ޔޫޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުން ދެކޭ ގޮތް ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ދަށް ނަތީޖާތަކާ ގުޅިގެން، ސަރުކާރުގެ ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.