މާލޭގެ މަގުތަކުގެ ނަން ބޯޑުތައް އާކުރުމަށް ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓުގެ ތެރެއިން އަލަށް ހަރުކުރި ބައެއް ނަން ބޯޑުތަކުގައި ކުށް ހުރުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯއަކުން ފެންނަ ގޮތުގައި "ލޮނުޒިޔާރަތްމަގު" ގެ ނަން ބޯޑުގައި ލިޔެފައި އޮތީ "ލޮނުޒިޔާރައިމަގު" އެވެ. އަދި "މާފަތްތަކުރުފާނު" މަގުގެ ނަން ބޯޑުގައި އޮތީ "މާފައިތަކުރުފާނުމަގު" އެވެ. ތާނައިންނާއި، ލެޓިނުން ވެސް ލިޔެފައި ހުރީ ނުބައިކޮށެވެ.

"މިކަހަލަ ކަންކަން ކުރާއިރު ދަންނަ މީހުން ގާތުން އަހައިގެން ނުވަތަ ކަމާގުޅުން ގުޅުންހުރި ތަންތަނަށް ފޮނުވައިގެން ނަންތައް ލިޔެވިފައި ހުރީ ރަނގަޅަށްތޯ އޮޅުންފިލުވަންވާނެ! އަދި އަމުދުން ހަރަދުކޮށްގެން ކުރާ ކަންކަމުގައި!،" ތާރީހު ދިރާސާކުރައްވާ ނާޖިހު ދީދީ މިކަމަށް ފާޑުކިޔައި ފޭސްބުކުގައި ލިޔުއްވި އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިއީ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ކުރިއަށްދާ މަސައްކަތެއް ކަމަށާއި އެ ދެ މަގުގެ ނަންބޯޑު ހަދައި ހަރުކުރީ ވެސް އެ ކޮންޓްރެކްޓަރު ކަމަށެވެ.

ކޮންޓްރެކްޓުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ދިނީ ނަން ލިސްޓެއް ކަމަށާއި، އެ ލިސްޓުގައި މައްސަލައެއް ނޫޅޭ ކަމަށެވެ.

"(އެކަމަކު) ކައުންސިލްގެ ސަމާލުކަމަށް މިކަން އައުމުން ބަލަމުން މި އަންނަނީ،" އާޒިމް ވިދާޅުވި އެވެ.

އެނގިފައިވާ އޮތީ މިކަން ދިވެހި ބަހުގެ އެކެޑެމީން ވެސް ވަނީ މޭޔަރުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި އެކަމާ ގުޅިގެން ރަސްމީކޮށް ސިޓީ ފޮނުވުމުގެ މަސައްކަތް އެކަޑަމީން އަންނަނީ ކުރަމުންނެވެ.