ޖެނީވާގައި އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ފޮރިން މިނިސްޓްރީގެ "މަސައްކަތްތަކަކަށް" ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެކަމަކު، އެއީ ކޮން މަސައްކަތްތަކެއް ކަމެއް އެ މިނިސްޓްރީން ވާހަކަ ދެއްކެވި އޮފިޝަލް ހާމަނުކުރައްވަ އެވެ.
ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ފޮރިން މިނިސްޓްރީގެ މަސައްކަތްތަކަށް ރާއްޖެ މި ގެންނަވަނީ އޭނާ އެ މަގާމުން ވަކިކުރެއްވުމަށް ފަހު، އެ މަގާމު އިއްޔެ އިޔާދަ ކޮށްފައިވާ ކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.
ނަމަވެސް ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، ސަލްމާ މަގާމުން ވަކިނުކުރާ ކަމަށާއި ސަރުކާރުން ރަސްމީކޮށް އެފަދަ ވާހަކައެއް ނުދައްކާ ކަމަށެވެ.
"ސަލްމާ އަދިވެސް ހުރީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމުގައި،" އޮފިޝަލް ވިދާޅުވި އެވެ.
ސަލްމާގެ މައްސަލަ ސަމާލުކަމަށް އައީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޭނާއާ ނުލައި ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެ، އޭނާގެ ދައްތަ އަދި މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދު ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯ ލީކުވެފައި ވަނިކޮށެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ސަލްމާ މިވަގުތު ރާއްޖެ ގެނައުމާ، އަސްމާގެ އޯޑިއޯއާ ގުޅުމެއް ނެތެވެ.
އަސްމާގެ ދަރިކަލުން މުހައްމަދު ހުސައިން ޝަަރީފް (މުންދު) ވަނީ ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުން އިއްޔެ ވަކިކުރައްވައިފަ އެވެ.
ނަމަވެސް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަސްމާގެ ދަރިކަނބަލުން އާމިނަތު ހުސައިން ޝަރީފު އެ މަގާމުން ވަތްކެއް ނުކުރައްވަ އެވެ.