އދ. ގެ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބަކަށް، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބަކަށް އާސިމް އައްޔަންކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި އާސިމް، ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބަކަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ފާސްކޮށްފަ އެވެ.
ކުރިން އެ މަގާމުގައި ހުންނެވީ ޑރ. ހާލާ ހަމީދެވެ.
އާސިމް ވަނީ ޔުނިސެފާއި އިންޓަނޭޝަނަލް ލޭބަ އޯގަނިޒޭޝަން (އައިއެލްޔޯ) ގެ އދ. އެސްކެޕްގައި މަސައްކަތް ކުރައްވައިފަ އެވެ.
ސޯޝިއޮލަޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާ އިން ޑިގްރީ އަދި ފިލޯސޮފީ އިން ޑިވެލޮޕްމަންޓް އިން މާސްޓާސް ހާސިލް ކުރައްވާފައިވާ އާސިމް ޕީއެޗްޑީ ހެއްދެވީ ސޯޝަލް ޕޮލިސީ އިންނެވެ.