ރާއްޖޭން ބޭރުގެ ތިން ގައުމަކަށް އާ ސަފީރުން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އިއްވި ރައީސް ޑރ. މުއިއްޒުގެ ސިޓީފުޅުގައި ވިދާޅުވީ، އެމްބެސެޑަ އެޓް ލާޖް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ޔޫއޭއީގެ ސަފީރުުކަމަށް އައްޔަން ކުރަން ނިންމަވާފައިވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުންދު ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ އިތުރުން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފަ އެވެ.
މުންދުގެ އިތުރުން އިނގިރޭސި ވިލާތުގައި ހުންނަވާ ދިވެހި ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ހަމަޖައްސަވަން ރައީސް ވަނީ ނިންމަވައިފަ އެވެ. ރައީސް ޑރ. މުއިއްޒުގެ ސިޓީފުޅުގައިވާ ގޮތުން، އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް އައްޔަން ކުރައްވަނީ ކުރީގެ ފޮރިން ސެކްރެޓަރީ އަލީ ނަސީރު މުހައްމަދު (އަލިނީ) އެވެ.
އެ ތިން ބޭފުޅުން ވެސް ވަނީ ރާއްޖޭގެ ހާރިޖީ ދާއިރާއާ ގުޅޭ ކަންކަމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.
މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވަނީ އެ ތިން ބޭފުޅުން އައްޔަނުކުރުމުގެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވައިފަ އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމާ އެކު، ކުރީގެ ސަރުކާރުން ރާއްޖޭން ބޭރުގެ ގައުމުތަކުގައި ތިއްބެވި ސަފީރުން ވަނީ އަނބުރާ ރާއްޖެއަށް ގެންނަވައިފަ އެވެ.
އެކި ގައުމުތަކުގައި ތިބޭ ދިވެހިންނާ މެދު ސަރުކާރުގެ ފަރާތުން މިހާރަށް ވުރެ ރަނގަޅަށް ކަންކަން ކޮށްދިނުމުގެ ސިޔާސަތު މި ސަރުކާރުން ގެންގުޅޭނެ ކަމަށާއި އައްޔަން ކުރައްވާނީ ވެސް ކުރިއަށް ވުރެ ރަނގަޅަށް ދިވެހިންނަށް ކަންކަން ކޮށްދޭނެ ބޭފުޅުން ކަމުގެ ޔަގީންކަން ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރައީސް ޑރ. މުއިއްޒު ވަނީ ދެއްވައިފަ އެވެ.