މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯގެ) ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރު އެ މަގާމުތަކުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސްކަން ކުރެއްވި ފަރުހަތު "މިހާރު" އަށް ވިދާޅުވީ، ދައުލަތުގެ މަސް ކުންފުނީގެ އެންމެ އިސްވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވީ މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ބައްލަވާފައި ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވިއިރު މިފްކޯ އިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރުމަށް ފަހު، އެ ނިންމުން ވަނީ މިދިޔަ ހަފުތާގައި ބަދަލުކޮށްފަ އެވެ.
މަސްދަޅުގެ އަގު ބޮޑުކޮށް، ކުންފުނިން އޭރު ބުނީ އެ ބަދަލު ގެނައީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު މަސްދަޅު އުފައްދަން ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.
ނަމަވެސް، މާ ގިނައިރުތަކެއް ނުވެ، އެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ. އަދި ބުނީ، މަސްދަޅުގެ އަގު ބޮޑުކުރީ ސަރުކާރަށް އެނގުމެއް ނެތި ކަމަށެވެ.
މިފްކޯގެ ސީއީއޯ އަދި އެމްޑީ ކަމަށް ފަރުހަތު އައްޔަންކުރީ މިދިޔަ އަހަރުގެ މާޗު ފަސްވަނަ ދުވަހު އެވެ. މިފްކޯގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ފަރުހަތު އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ފަރުހަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އެވެ. އޭނާ ސިފައިންގޭގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2012 ވަނަ އަހަރު އެވެ.
އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަރުހަތު ވަނީ އައިޖީއެމްއެޗްގެ ސީއީއޯ ކަން ކުރައްވައިފަ އެވެ. ފަރުހަތު އޭރު ފާހަގަކުރެވުނީ އައިޖީއެމްއެޗުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނެވި ބޭފުޅެއްގެ ގޮތުގަ އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕާޓީއަށް ލިބުނު ނާކާމިޔާބީއަށް ފަހު ސަރުކާރުގެ އިސް މަގާމުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރެއިން، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން ވެސް ވަނީ މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.